އާޝާ ޕަރެކްގެ ބައި ކުޅެން ކަމުދާނީ ކޮން ބަތަލާއެއް؟
އާޝާ ޕަރެކްގެ ބައި ކުޅެން ކަމުދާނީ ކޮން ބަތަލާއެއް؟

އާޝާ ޕާރެކްގެ ފުރަތަމަ ފިލްމު "ދިލް ދެކެ ދޭކޯ" (1959) ރިލީޒްވެ އެ ފިލްމު ބްލޮކްބަސްޓާއަކަށް ވީތާ މިހާރު 58 އަހަރު ވެއްޖެ އެވެ. ނަމަވެސް މިހާރުވެސް އާޝާގެ ޝަޚްސިއްޔަތުގައި އެ ބަނިޔާދަންކަމާއި ފަށުވިކަން އެބަހުއްޓެވެ. އާޝާ ބުނަނީ އޭނާގެ ފިލްމުތައް އެހާ ރަނގަޅަށް ހިނގީ ނަސީބަކުން ކަމަށެވެ. އަދި ރީތި މިއުޒިކް ހިމެނޭ ރީތި ފިލްމުތަކެއް ލިބުނީ ވެސް ހަމަ އިއްތިފާގަކުން ކަމަށް އޭނާ ބުނެ އެވެ.

އާޝާގެ ހަޔާތާ ބެހޭ ފޮތް، "ދަ ހިޓް ގާލް" ރިލީޒްކުރަން ތައްޔާރުވެފައިވާއިރު އެ ފޮތުން އޭނާގެ ހަޔާތުގެ މުޅިން އާ ސަފުހާތަކެއް ހުޅުވިގެން ދާނެ ކަމަށް ގަބޫލުކުރެވެ އެވެ. ގިނަ ބަޔަކަށް ހީވެފައި އޮންނަނީ އޭނާއަކީ ހަމައެކަނި ބަތަލާއެއް ކަމަށެވެ. ނަމަވެސް އެނޫން ވެސް ވަރަށް ގިނަ ކަންތައްތަކެއް އޭނާ ވަނީ ކޮށްފަ އެވެ. އެކަންކަމުގެ ތަފްސީލް އެނގޭނީ ފޮތް ނެރުމުންނެވެ.

އާޝާގެ ހަޔާތުގެ ފޮތުގެ ބޮޑު ބައެއް ލިޔަން ފިލްމުފެއާގެ ކުރީގެ އެޑިޓަރު ޚާލިދު މުހައްމަދު އެއްބަސްވުމަކީ ވެސް އޭގެ ޒާތުގައި ބޮޑު ކަމެކެވެ. އާޝާ ބުނާ ގޮތުގައި އެންމެ އަށް މަސް ދުވަހުގެ ތެރޭގައި މުޅި ފޮތް ލިޔެ ނިންމާލި އިރު، ސުވާލަކަށް ފަހު ސުވާލެއް އޭނާއާ ކުރިމަތިކުރަމުން ޚާލިދު ގެންދިޔައީ ދެ ވަނަ ފަހަރަށް ވިސްނާލާނެ ފުރުސަތެއް ވެސް ނުދީ އެވެ.

ފޮތް ލިއެފައިވާ ގޮތާ މެދު އާޝާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. މުމްބައިގައި މިއަދު ސަލްމާން ޚާން އެ ފޮތް ނެރެދޭ އިރު ވެރިރަށް ދިއްލީގައި ފޮތް ލޯންޗު ކޮށްދޭނީ އާމިރު ޚާނެވެ.

އާޝާ ބުނީ މިޒަމާނުގައި ޒުވާން ކުދިން ފިލްމީ ތަރިންނާ ހެދި މޮޔަވެގެން އުޅޭތަނާއި ބައެއް ކުދިން ފިލްމީ ތަރިން ބަލަން ގޮސް އުޅެނިކޮށް އެމީހުން ފެނިފައި އަނބުރައި ގަނެ ގޮތްގޮތް ވާތަން ފެނުނީމާ ވަރަށް ހައިރާންވާ ކަމަށެވެ. އަދި އަމީތާބު ބައްޗަން އާއި ޝާހްރުކް ޚާން ފަދަ ތަރިންގެ ގޭގެ ބޭރު ފޮޓޯ ނަގައި އެވެސް މާ ބޮޑު ކަމަކަށް ހަދައިގެން ބައެއް މީހުން އުޅޭތީ އޭނާއަށް އެކަން ވަނީ ޖޯކަކަށެވެ.

އާޝާ ބުނި ގޮތުގައި އޭނާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދައިފި ނަމަ އޭނާ ވަރަށް އުފާވާނެ އެވެ. އަދި އެފަދަ ފިލްމެއްގައި އޭނާގެ ބައި ކުޅެން އެންމެ ހިތްހަމަޖެހެނީ ދީޕިކާ ޕަދުކޯން ނުވަތަ ޕްރިޔަންކާ ޗޯޕްރާ ކަމަށާއި ނަމަވެސް އާލިއާ ބަޓް ވެސް ރަނގަޅުވާނެ ކަމަށް އާޝާ ދެކެ އެވެ.