ގޭގައި އަލިފާން ރޯވެ ކަމަލް ހަސަން ސަލާމަތްވެއްޖެ
ގޭގައި އަލިފާން ރޯވެ ކަމަލް ހަސަން ސަލާމަތްވެއްޖެ

މިދިޔަ ހުކުރު ދުވަހުގެ ރޭ އެކްޓަރު ކަމަލް ހަސަންގެ ގޭގައި އަލިފާން ރޯވުމުގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާ އެވެ. އޭނާގެ މުވައްޒަފުންގެ އެހީތެރިކަމާ އެކު ކަމަލް ހަސަން ވަނީ މާ ބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވެފަ އެވެ.

މި ހާދިސާ ހިނގީ އެ ރޭގެ ވަރަށް ދަންވަރުގެ ވަގުތެއްގައި ކަމުން މީޑިއާތަކަށް ވެސް މާ ބޮޑަކަށް އެ ވަގުތަކު ނޭނގުނެވެ. އެފަދަ ބޮޑު ކަމެއް ހިނގިކަން ހާމަވީ ކަމަލް ހަސަން ކުރި ޓުވީޓަކުންނެވެ.

"ގޭގައި ރޯވި އަލިފާނުން ސަލާމަތްވެވުމުގެ ހުރިހާ ވެސް ޝުކުރެއް އަހަރެންގެ މުވައްޒަފުންނަށް. ތިން ވަނަ ބުރިން ތިރިއަށް އަހަންނަށް ފޭބުނުއިރު ފުއްޕާމޭ ފުރެންދެން ދުން ވަދެފައި އޮތީ. އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ. އަދި އަހަރެން ވެސް މިހިރީ ގަދަވެ ސަލާމަތުން،" ކަމަލް ހަސަންގެ ޓުވީޓްގައި ވެ އެވެ.

މިދިޔަ އަހަރު ވެސް ކަމަލް ހަސަން އަށް އެކްސިޑެންޓެއް ކުރިމަތިވި އެވެ. އޮފީހެއްގެ ފުރަތަމަ ފަންގިފިލާއިން ވެއްޓުމުގެ ސަބަބުން އެ ފަހަރު އޭނާގެ އެއް ފައި ބިނދުނެވެ. އޭރު އުފައްދަމުން ދިޔަ ކޮމެޑީ ފިލްމު "ސާބާޝް ނައިޑޫ" ގެ ޝޫޓިން ވެސް ކުއްލިއަކަށް މެދުކަނޑާލަން ޖެހުނެވެ.

މި ފަހަރު ކަމަލް ހަސަންގެ ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އޭނާ ކުރި ޓުވީޓުގެ ސަބަބުން ވަރަށް ގިނަ ފޭނުން ކަންބޮޑުވެގެން މެސެޖްކުރި އެވެ. އެންމެ ފަހުން އެ ހުރިހާ މީހުން މައިތިރި ކުރަން ވެސް އޭނާ ޓުވީޓެއް ކުރި އެވެ.

"ހުރިހާ އެންމެންގެ ކަންބޮޑުވުންތަކާއި ލޯތްބަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ދެން މި ނިދަނީ. އުފާވެރި ރޭގަނޑަކަށް އެދެން،" އޭނާ ލިއުނެވެ.