09 އެޕްރީލް 2017 - 13:25

ޓީއެފްޖީން ބާއްވާ ކޮކާކޯލާ ލޯންގް ރަންގެ ބައިވެރިންނަށް އެންމެ ފުރިހަމަ ވަސީލަތްތަކާއި ހިދުމަތްތައް އެ ޖިމުން އަބަދުވެސް ފޯރުކޮށްދެ އެވެ. އެކަމަށް މި ފަހަރު އިތުރުވާ ބޮޅަކީ، 280 އަށް ވުރެ ގިނަ މެރެތަން ރޭސް ދުވެފައިވާ އެމެރިކާ ދުވުންތެރިޔެއްގެ ތަޖުރިބާ އޭނާގެ އަމިއްލަ ދުލުން، ރޭހުގެ ބައިވެރިންނަށް އަޑުއެހާލުމުގެ ފުރުސަތު ހޯދައިދިނުމެވެ.
ލޯންގް ރަންގައި ދުވަން ރާއްޖެ އަންނަ އެމެރިކާގެ ލޯންގް ޑިސްޓެން ރަނިން ސެލެބްރިޓީ ބްރެޓް ވީނާގެ ތަޖުރިބާތައް ކިޔައިދިނުން އޮންނާނީ އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 1-2 އަށް އެމްއެންއެސްއެލްގެ ސެމިނާ ރޫމުގަ އެވެ. އެއް ގަޑިއިރުގެ މި ސެޝަނުގައި އޭނާގެ ތަޖުރިބާތައް ކިޔައިދިނުމުގެ އިތުރުން ދުވުންތެރިންނަށް ބޭނުންތެރި އިރުޝާދުތަކާއި ނަސޭހަތްތައް ދޭނެ އެވެ.
"ބްރެޓް ވީނާގެ ޝައުގުން ފުރިފައިވާ ދުވުމުގެ ތަޖުރިބާތައް އަޑުއަހާލަން ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެން އެ ފުރުސަތު މިވަނީ ހުޅުވާލާފައި. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއީ ދުވުމާ ބެހޭގޮތުން ރަނގަޅު އިރުޝާދުތަކާއި ލަފާތައް ހޯދަން ރާއްޖޭން ލިބޭނެ އެންމެ ރަނގަޅު ފުރުސަތު،" ޓީއެފްޖީގެ އޮފިޝަލަކު ބުންޏެވެ.
އުމުރުން 67 އަހަރުގެ ވީނާ ވަނީ ދުނިޔޭގެ 125 ގައުމެއްގައި 280 މެރެތަން ދުވެފަ އެވެ. ރާއްޖެ އަކީ އޭނާ ދުވާ 126 ވަނަ ގައުމެވެ. މި ފަހަރުގެ ރޭހުގައި އޭނާގެ ބިބް ނަމްބަރަކީ ވެސް 126 އެވެ.
ބުދަ ދުވަހު މެންދުރުފަހު ވީނާގެ މި ހާއްސަ އިވެންޓް އޮންނައިރު އެ ދުވަހު ހެނދުނު 9 އިން ރޭގަނޑު 9 އަށް ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓްސްގައި ޓީއެފްޖީ ލޯންގް ރަން އެކްސްޕޯ އޮންނާނެ އެވެ. މި އެކްސްޕޯގައި ދުވުންތެރިންގެ ކިޓް ދޫކުރުމުގެ އިތުރުން އެހެނިގެން ޝައުގުވެރި އެތައް ކަމެއް ކުރިއަށްދާނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު އެއް ޖިމް ހިންގާ ޓީއެފްޖީން އިންތިޒާމްކުރާ މި ރޭހުގައި އޮންނަނީ ފަސް ކިލޯމީޓަރުގެ ރޭހާއި 10 ކިލޯމީޓަރުގެ ރޭހުގެ އިތުރުން ހާފް މެރެތަން އަދި މެރެތަން އެވެ.
ރާއްޖޭގެ މަޝްހޫރު ދުވުންތެރިންނާއި ބޭރުގެ މެރެތަން ދުވުންތެރިން ބައިވެރިވި ނަމަވެސް މި ރޭހުގެ މެޖޯރިޓީ ބައިވެރިންނަކީ ކަސްރަތަށް ދުވާ އާއްމުންނާއި ދުވުމަށް ލޯބިކުރާ އާއްމުންނެވެ. އޭގެ ތެރޭގައި ޕްރޮފެޝަނަލް ވަޒީފާތައް އަދާކުރާ މީހުންނާއި ދެ ޖިންސުންގެ ޒުވާނުންނާއި އުމުރުންދުވަސްވީ މީހުން ވެސް ހިމެނެ އެވެ. ރޭސް ފެށުމުގެ ދެ ހަފުތާ ކުރިން ޖާގަތައް ވަނީ ފުރިފަ އެވެ. މި ފަހަރުގެ ރޭހުގައި 800 ބައިވެރިން ދުވާނެ އެވެ.
މި ފަހަރުގެ ރޭހުގެ ވެސް މެއިން ސްޕޮންސަރަކީ، 2013 ވަނަ އަހަރުން ފެށިގެން ވެސް ރޭހަށް އެހީތެރިވަމުން އަންނަ ކޮކާކޯލާ އެވެ. އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ބައިވެރިވާއިރު އެމްޓީސީސީ އާއި އެޗްޑީސީ އާއި އެސްޓީއޯގެ އެހީތެރިކަން ވެސް ޓީއެފްޖީ އަށް ލިބޭނެ އެވެ. ޕްރިންޓް ޕާޓްނަރަކަށް ޕްރިންޓް ލެބް، އެޓަޔާ ޕާޓްނަރަކަށް ސޮނީ ސްޕޯޓްސް، ފަސްޓް އެއިޑް ޕާޓްނަރަކަށް ރެޑްކްރެސެންޓް މޯލްޑިވްސް، ހޮޓެލް ޕާޓްނަރަކަށް ސަމަސެޓް ހޮޓެލް، ފޮޓޯގްރަފީ ޕާޓްނަރަކަށް ކޭއާރް ފޮޓޯގްރަފީ ހަރަކާތްތެރިވާއިރު އެންޓެޓެއިނިން ޕާޓްނަރަކީ ޑީޖޭ އުމަރެވެ. ކޮކާކޯލާ ޓީއެފްޖީ ލޯންގް ރަންގެ މީޑިއާ ޕާޓްނަރަކީ މިހާރު ނޫހެވެ.