ވ. ފެލިދޫ ކައިރިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، އިންޑިއާގެ ބިލިނިއަރު، ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންގްހާނިއާގެ ސްޕީޑް ބޯޓް އެކްސިޑެންޓުވި ހާދިސާގައި އަތެއް ބުރިވި އިންޑިއާ މީހަކު މިއަދު ފަރުވާއަށް އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ހާދިސާގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުން ނެރުނު ބަޔާނުގައި ބުނީ ވ. ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި އެ އުޅަނދު އެކްސިޑެންޓުވި އިރު ހަތް މީހަކު ތިބި ކަމަށާއި އެއީ އިންޑިއާގެ ފަސް ފިރިހެނަކާއި އިނގިރޭސި ވިލާތުގެ އަންހެނަކާއި ރަޝިއާގެ އަންހެނެއް ކަމަށެވެ.
ހާދިސާގައި ލޯންޗުން ވިއްސައިގެން ގޮސް މޫދަށް ފަސް މީހަކު ވެއްޓުނެވެ. އޭގެ ތެރެއިން އިންޑިއާގެ ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
ފުލުހުން ބުނީ ލޯންޗުގައި ތިބި އެންމެންނަށް ވެސް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށާއި އެމީހުންނަށް ފަރުވާދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ ވ. އަތޮޅު ހޮސްޕިޓަލަށް ކަމަށެވެ.
އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ފަރުވާދެމުން އަންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގަ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާއަށް މިއަދުގެ ވަގުތެއްގައި އެ ގައުމަށް ފުރާފައި ވާއިރު އެ ލޯންޗުގައި ތިބި އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިނގިރޭސިވިލާތުގެ އަންހެނަކު އިއްޔެ، ފަރުވާއަށް އިންޑިއާއަށް ގޮސްފައިވާ ކަމަށެވެ.
ބިލިނިއަރު ގޯތަމް، 60، ވެސް މި އެކްސިޑެންޓުގައި ޒަހަމްވެފައި ވާއިރު އޭނާ ވެސް އިއްޔެ ވަނީ އިންޑިއާއަށް ގޮސްފަ އެވެ. ގޯތަމްގެ ލަގްޒަރީ ޔޮޓް ޓީޓީ އަޝޭނާގައި ގެންގުޅޭ ސްޕީޑް ބޯޓް އެކްސިޑެންޓުވި ހާދިސާގައި ގެއްލިފައިވާ ދެ މީހުންގެ ތެރެއިން އެކަކީ އިންޑިއާގެ މޮޓޯ ސްޕޯޓްސްގައި މަޝްހޫރު ހަރީ ސިންގެވެ.
ޗުއްޓީ ހޭދަކުރުމަށް އާންމުކޮށް ރާއްޖެއަށް އަންނަ ގޯތަމް އާއި އޭނާގެ އެކުވެރިން އެކްސިޑެންޓުވީ ބާރު ސްޕީޑުގައި ދުއްވަނިކޮށް ކަމަށްވެ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.
ބަޔާނުގައި ފުލުހުން ބުނީ ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.