ވ. ފެލިދޫ ކައިރިން ދަތުރު ކުރަނިކޮށް ރޭ ދަންވަރު ބަންޑުން ޖަހާލި ލޯންޗުގައި އިންޑިއާގެ ބިލިނިއަރު، ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންގްހާނިއާ ވެސް ދަތުރުކުރި ކަމަށާއި އޭނާއަށް ވެސް ފަރުވާދޭން ޖެހުނު ކަމަށް ފުލުހުން ބުނެފި އެވެ. 

ވ. ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި އެ ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި އިންޑިއާގެ ދެ މީހަކު ގެއްލިގެން ދަނީ ހޯދަމުންނެވެ. އެ ލޯންޗުގައި ހަތް މީހުން ތިބިއިރު އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ފަސް ފިރިހެނަކާއި އިނގިރޭސި ވިލާތާއި ރަޝިއާގެ ދެ އަންހެނެކެވެ. 

ހާދިސާގައި ލޯންޗުން ވިއްސައިގެން ގޮސް މޫދަށް ފަސް މީހަކު ވެއްޓުނު އެވެ. 

ފުލުހުން ބުނި ގޮތުގައި އަނިޔާވި މީހުންގެ ތެރޭގައި ބިލިއަނަރު ގޯތަމް ވެސް ހިމެނެ އެވެ. އަދި އޭނާއަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށްފަހު، އޭނާ ވަނީ ހެޔޮ ހާލުގައި ހޮސްޕިޓަލުން ދޫކޮށްލާފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް، އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. އޭނާގެ ތަރުޖަމާނު އިންޑިއާގެ ނޫސްތަކަށް ބުނެފައިވަނީ ގޯތަމްއަށް ލިބުނީ ކުދި އަނިޔާތަކެއް ކަމަށެވެ. 

ބަންޑުން ޖަހާލި ލޯންޗަކީ އުމުރުން 60 އަހަރުގެ ގޯތަމްގެ ލަގްޒަރީ ޔޮޓް ޓީޓީ އަޝޭނާގައި ބޭނުންކުރާ ލޯންޗެކެވެ. އަދި ގޯތަމް މިހާރު ހުރީ މުމްބާއީގައި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. 

ގޯތަމްއަކީ އާންމުކޮށް ރާއްޖެއަށް ޗުއްޓީ ހޭދަކުރައްވަން ވަޑައިގަންނަވާ ބޭފުޅެކެވެ. 

ގޯތަމްއާއެކު ދަތުރުކުރި ލޯންޗުން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން އަދިވެސް ދަނީ ކުރަމުންނެެވެ. އެ ލޯންޗު ބަންޑުން ޖަހާލީ ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.