އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑާ ގުޅިފައިވާ އަދި އެ ސަރަހައްދުގެ ގައުމުތަކުން ހިއްސާވާ ގުދުރަތީ ގޭސް ރިޒާވްގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރާއީލުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަކަތަ އުފައްދާ އެފަދަ މުހިންމު ވަސީލަތްތަކަށް ދޭ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ސަރަހައްދީ މަސްލަހަތު އިތުރަށް ގޯސްވެ، މުޅި ދުނިޔޭގެ ހަކަތައިގެ ރައްކާތެރި ކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނީ ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އާއި ގަތަރު އަދި ކުވެއިތުގެ ވިޔަފާރި އާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތައް ވެސް ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ.
"ގައުމުތަކުގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް ދެވޭ މިފަދަ ހަމަލާތަކުގެ ސަބަބުން ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ބުރޫއަރާނެ. އަދި ތެޔޮ އުފައްދާ މަރުކަޒުތަކާއި ފެން ސާފުކުރާ ނިޒާމުތަކާއި އެއާޕޯޓްތައް ފަދަ މުހިންމު ވަސީލަތްތައް ރައްކާތެރިކުރުމުގެ މުހިންމުކަން މިކަމުން ހާމަވެގެންދޭ،" ބަޔާނުގައި ބުންޏެވެ.
މެދުއިރުމަތީގެ ސުލްހަ އާއި ހަމަޖެހުން އަލުން އިއާދަކުރުމަށްޓަކައި ވަގުތުން ހަމަލާތައް ހުއްޓާލުމަށާއި ހާރިޖީ ގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް މިދިޔަ މަހު ދޭން ފެށި ހަމަލާތަކާ ގުޅިގެން ރައްދުގައި އީރާނުން ވެސް ދަނީ މެދު އިރުމަތީގައި ހުރި އެމެރިކާގެ މަރުކަޒުތަކާއި އިޒްރޭލަށް ވެސް ހަމަލާ ދެމުންނެވެ.