ކުރީގެ ޑްރަގް ކޯޓާ ޖެހިގެން ހުރި ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގައި މިރޭ ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި އެ ކުންފުނީގެ 80 ޕަސެންޓް މުދާ ހަލާކުވެފައިވާ ކަމަށާއި އެތަން ހުރީ އިންޝުއާ ވެސް ނުކޮށް ކަމަށް އެ ކުންފުނިން ބުނެފި އެވެ. 

ގަސް ކާނާ އާއި އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކާ ޕްރައިމް ފާޓިލައިޒާގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ކުންފުނީގެ 80 ޕަސެންޓް މުދާ ރައްކާކޮށްފައި ހުންނަނީ އެ ގުދަނުގައި ކަމަށެވެ. 

ޓިނާއި ދަގަނޑުން ހަދާފައިވާ އެ ގުދަން އެއްކޮށް އަނދައި ހުލިވެފައިވާއިރު އޮފިޝަލް ވިދާޅުވީ އެތަން ހުރީ އިންޝުއާނުކޮށް ކަމަށެވެ. އަދި އެ ހާދިސާގައި ލިބުނު ގެއްލުމުގެ ސީދާ އަދަދު ސާފުވާނީ މާދަމާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

އެތަނުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ސާފެއް ނޫނެވެ.

ގަޑިއެއްހާއިރުގެ މަސައްކަތުން އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކުރެވިފަ އެވެ. ކެމިކަލް ވެސް ރައްކާކޮށްފައިވާ އެ ގުދަނުގައި ހިފި އަލިފާނުގެ ސަބަބުން އެ ސަރަހައްދުން ބާރު ގޮވުންތަކުގެ އަޑުވެސް އިވުނެވެ. 

މުޅި ސަރަހައްދުގައި އަދިވެސް ދުން ބޯވެފައި އޮތްއިރު ދުމާއި ކެމިކަލްގެ އަސަރު ވެސް އެެ ސަރަހައްދުގައި ހުރުމުން މާސްކް އަޅައިގެން ނޫން ގޮތަކަށް ބޭރަށް ނުނިކުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ. 

އެ ސަރަހައްދުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ހަރަކާތްތެރިވަމުން އަންނައިރު ދުމުގެ އަސަރުކުރުމުގެ ސަބަބުން މިހާތަނަށް ވަނީ ހަތަރު ގެއަކުން މީހުން ހުސްކޮށް 18 މީހަކަށް ވަގުތީ ހިޔާ ހަމަޖައްސައިދީފަ އެވެ.