ކުރީގެ ޑްރަގް ކޯޓާ ޖެހިގެން ހުރި ކެމިކަލް ގުދަނެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 4-5 ގެއަކުން މީހުން ހުސްކުރަން ޖެހުނު ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ރޯވެފައިވަނީ ގަސް ކާނާ އާއި އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކާ ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގަ އެވެ. ކުންފުނީގެ މުދަލުގެ 80 ވަރަކަށް ޕަސެންޓް ރައްކާކޮށްފައި ހުރީ އެތަނުގަ އެވެ.
ވަރަށް ގަދަޔަށް އެތަނުގައި ރޯވެ، އެކި ކަހަލަ ގޮވުންތަކުގެ އަޑުވެސް އެ ސަރަހައްދުން އިވުނެވެ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އޮފިސަރަކު ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ 10:00 ހާއިރު އެތަނަށް ގޮސްފައި ވަނީ ގުދަނުން ދުންއަރާ ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ.

ކުރީގެ ޑްރަގް ކޯޓާ ޖެހިގެން ހުރި ކެމިކަލް ގުދަނުގައި ވަރަށް ބޮޑަށް ރޯވެފައި-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެކަމަކު ފަޔާ އެންޑް ރެސްކިއުގެ ފުރަތަމަ ވެހިކަލް ދިޔައިރު ވެސް މުޅި ގުދަނުގައޮ އޮތީ ރޯވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، އެ ސަރަހައްދަށް އިތުރު ވެހިކަލްތައް ގެނެސް، އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއައީ ގޯޑައުންގައި ދުން އަރާކަމުގެ މައުލޫމާތު ލިބިގެން. ފުރަތަމަ ވެހިކަލް އައިއިރު ވެސް މުޅި ގޯޑައުންގައި ހުރީ ރޯވެފައި. ހަމަ އެއާ އެއްކޮށް އިތުރު ވެހިކަލްތަކާ އެއްކޮށް އަޅުގަނޑުމެން އައިސްފައި އޮޕަރޭޝަން މި ކުރިއަށް ގެންދަނީ،" އޭނާ ވިދާޅުވި އެވެ.
އޮފިސަރު ވިދާޅުވި ގޮތުގައި ގުދަން ކައިރީގައި ހުރި ހަތަރު ފަސް ގެއަކުން މީހުން ހުސްކުރަން ޖެހުނެވެ. އެކަމަކު އެއީ ކިހާ އަދަދެއްގެ މީހުންނެއް ކަމެއް އަދި ސާފު ނުވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ ހަތަރު އާއިލާއެއްގެ 18 މީހަކަށް އެހީތެރިކަން ދެމުން އަންނަ ކަމަށެވެ. އެހީތެރިކަމަށް ބޭނުންވާ ބަޔަކު ތިބި ނަމަ ސޯޝަލް ސެންޓަރުގައި ހުރި އެ އިދާރާގެ މަރުކަޒަކަށް ދިއުމުން އެކަން ހަމަޖެހޭނެ ކަމަށް ބުންޏެވެ.

ފަޔާ އެންޑް ރެސްކިއު ސާވިސް އިން ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ފެން ޖަހަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
ފަޔާ އެންޑް ރެސްކިއު އިން ގުދަނުން އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުން އަންނައިރު ފުލުހުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވެ، އެ މަގަށް ވެހިކަލްތަކަށް ނުވަދެވޭނެ ގޮތަށް ވަނީ ބަންދުކޮށްފަ އެވެ. އަދި އެ ސަރަހައްދުން މީހުން ދުރުކޮށް، އިތުރު އެހީތެރިކަން ފުލުހުން ވެސް ދެމުން އެބަދެ އެވެ.
އެ ސަރަހައްދުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި ރެޑްކްރެސެންޓްގެ ބޭފުޅުން ވެސް ހަރަކާތްތެރިވެ އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ދެމުންދާ ކަމަށްވެ އެވެ.
މީގެ އިރުކޮޅެއް ކުރިން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތަށް އެއާޕޯޓްގެ ފަޔަ ވެހިކަލް ގެނެސް ބޭނުންކުރަން ފަށައިފަ އެވެ.
ދޮޅު ގަޑިއެއްހާއިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް ދަގަނޑާއި ޓިނު ފަދަ ތަކެތިން ހަދާފައިވާ އެތަން އޮތީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ނަމަވެސް އަލިފާން އެހެން ތަނަކަށް ފެތުރިފައެއް ނުވެ އެވެ.