ޖެއްސުންކޮށްގެން ސިޔާސީ ހަރަކާތްތަކެއް ނުހުއްޓުވޭނެ: ޖޭޕީ
ޖެއްސުންކޮށްގެން ސިޔާސީ ހަރަކާތްތަކެއް ނުހުއްޓުވޭނެ: ޖޭޕީ

އިދިކޮޅު ސިޔާސީ ހަރަކާތްތައް ހުއްޓުވަން ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދާ ކަމަށާއި އެކަމަކު ޖެއްސުންކޮށްގެން އެ ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށް ޖުމްހޫރީ ޕާޓީން (ޖޭޕީ) މިއަދު ބުނެފި އެވެ.

ޖެއްސުންކޮށްގެން ސިޔާސީ ހަރަކާތްތަކެއް ނުހުއްޓުވޭނެ: ޖޭޕީ
ޖެއްސުންކޮށްގެން ސިޔާސީ ހަރަކާތްތަކެއް ނުހުއްޓުވޭނެ: ޖޭޕީ

އިދިކޮޅު ކޯލިޝަންގެ ހަރަކާތްތައް މިހާރު ބާއްވަމުން އަންނަ ޖޭޕީގެ މައި އޮފީސް، މ. ކުނޫޒު ހުންނަ ފަނޑިޔާރު މަގު ސަރުކާރުން ވަނީ، މިދިއަ ހުކުރުދުވަހުގެ ރޭ ކުއްލިއަކަށް ހަދަން ފަށައިފަ އެވެ.

ޖެއްސުންކޮށްގެން ސިޔާސީ ހަރަކާތްތަކެއް ނުހުއްޓުވޭނެ: ޖޭޕީ
ޖެއްސުންކޮށްގެން ސިޔާސީ ހަރަކާތްތަކެއް ނުހުއްޓުވޭނެ: ޖޭޕީ

ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ކުއްލި ގޮތަކަށް އެ މަގު ހަދަން ފެށީ އިދިކޮޅު ހަރަކާތްތައް ހުއްޓުވައި ޖެއްސުން ކުރުމުގެ ގޮތުން ކަމަށެވެ.

"ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅަން ވެގެން ކުރާ ކަމެއް އެއީ، އެކަމަކު އަޅުގަނޑުމެންގެ ހަރަކާތްތައް ހުއްޓައެއް ނުލާނަން. ސަރުކާރުން އެ ކުރަނީ ވަރަށް ފިނޑި އަމަލެއް،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރު މަގަކީ ކުރިން ހަދާ ނިންމާފައި އޮތް މަގެކެވެ. އެއަށް ވުރެ މާ ހާލުގައި ގިނަ މަގުތަކެއް ހުއްޓާ ފަނޑިޔާރު މަގު ކުއްލިއަކަށް ހަދަން ޖެހޭ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ފަނޑިޔާރުމަގު އަލުން ހަދަން ފެށީ އެއީ މަޖީދީމަގާ ގުޅޭ މަގެއް ކަމަށް ވާތީ އެވެ. އެ މަގު ހެދުމުގެ މަސައްކަތް ފެށީ އެތަނުގައި ވަކި އިމާރާތެއް ހުރެގެން ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ފަނޑިޔާރު މަގު އަލުން ހަދަން ހައުސިން މިނިސްޓްރީގެ ހެވީ ވެހިކަލްތަކާއި މުވައްޒަފުން ގެނެސް މަސައްކަތް ފެށީ މިދިޔަ ހުކުރު ދުވަހުގެ އިރުއޮއްސުނު ފަހުންނެވެ. އޭރު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަންދު އިތުރުކުރަން ކްރިމިނަލް ކޯޓަށް ގެނައުމުން އިދިކޮޅު މީހުންގެ ހަރަކާތްތައް އޮތީ ފަށައިފަ އެވެ. ބައިވެރިން ފުރަތަމަ އެއްވީ ކުނޫޒަށެވެ.

އެރޭ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޑިޕާޓްމަންޓްގެ މުވައްޒަފުންނާއި ވެހިކަލްތައް ބޭނުންކޮށްގެން ފަނޑިޔާރު މަގުގެ ގާތައް ނަގަން ފެށީ ކުނޫޒުގެ ހަމަ ކުރިމަތިންނެވެ. އެ ސަރަހައްދުގައި އުޅޭ ބައެއް މީހުން ބުނި ގޮތުގައި ގާތައް ނަގައި، މަގު ހަދަން ފެށީ ވަޅުލާފައި ހުރި ކޭބަލްތަކަށް ވެސް ސަމާލުކަން ނުދީ އެވެ.

"މަޖީދީ މަގު ހަދާއިރު، ވަޅުލާފައި ހުންނަ ކޭބަލްތަކާ އެއްޗެހި ތަރުތީބުކޮށް ހަދާތަން ފެނޭ. އެކަމަކު ފަނޑިޔާރު މަގު ހަދާއިރު އެފަދަ އެއްވެސް ކަމެއް ކުރި ތަނެއް ނުފެނޭ،" އާންމު މީހަކު ބުންޏެވެ.

"ހަމައެކަނި މިހާރު ހުރި ގާތަށް ނަގާފައި އާ ގާތަކެއް އަތުރާލާކަން އެކަނި. އިތުރު އެއްކަމެއް ވެސް ނުކުރޭ."

ފަނޑިޔާރު މަގު ކުއްލިއަކަށް ހަދަން ފެށުމުގެ އިތުރުން ހުކުރުދުވަހުގެ ރޭ ކުނޫޒުގެ އެތެރެއަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހި މައްސަލަ ވެސް އިދިކޮޅު ފަރާތްތަކުން ނަގަނީ، ސިޔާސީ ހަރަކާތްތަކާ ދެކޮޅަށް ހިންގި ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގަ އެވެ.