ޓޮޓެންހަމް ވިއްދާފައި، ޗެލްސީ ލީޑުގައި
ޓޮޓެންހަމް ވިއްދާފައި، ޗެލްސީ ލީޑުގައި

ލަންޑަން (އޭޕްރިލް 9) – ދެ ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އިން ވެޓްފޯޑް އަތުން ފަސޭހަކަމާ އެކު 4-0 އިން މޮޅުވި ނަމަވެސް ރޭ ބޯންމައުތު އަތުން 3-1 އިން މޮޅުވެ ޗެލްސީން ޕްރިމިއާ ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.

ޓޮޓެންހަމުން އިއްޔެ ހަވީރު ހޯދި މޮޅާ އެކު އެ ޓީމުން ހަތަރު ޕޮއިންޓަށް ލީޑު ކުޑަކުރި އެވެ. އެއާ އެކު ރޭގެ މެޗަށް ނުކުތްއިރު ޗެލްސީ އޮތީ ކޮންމެވެސް ވަރެއްގެ ޕްރެޝަރެއްގަ އެވެ. އެކަމަކު ޗެލްސީ ވަނީ މާބޮޑު އުނދަގުލެއް ނެތި ބޯންމައުތު ބަލިކޮށް ހަމަޖެހިލައިފަ އެވެ.

ޗެލްސީ އެއް ވަނައިގައި 75 ޕޮއިންޓާ އެކު އޮތްއިރު ޓޮޓެންހަމް ދެ ވަނައިގައި އޮތީ 68 ޕޮއިންޓާ އެކު އެވެ. އަނެއްކޮޅުން ތިން ވަނައިގައި 63 ޕޮއިންޓާ އެކު އޮތް ލިވަޕޫލް ވަނީ ރޭ ފަހަތުން އަރައި ސްޓޯކް ސިޓީ ބަލިކޮށްފަ އެވެ. ހަތަރު ވަނައިގައި 61 ޕޮއިންޓާ އެކު އޮތީ ރޭ ހަލް ސިޓީ އަތުން 3-1 އިން މޮޅުވި މެންޗެސްޓާ ސިޓީ އެވެ.

ރަށުން ބޭރުގައި ޗެލްސީ ކުޅުނު މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ލިބުނީ ބޯންމައުތުގެ އެޑަމް ސްމިތު އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އޭގެ ތިން މިނެޓު ފަހުން ޗެލްސީއަށް ތަފާތު ބޮޑުކޮށްދިނީ އެޑިން ހަޒާޑެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބޯންމައުތުގެ ޖޯޝުއާ ކިންގް އެ ޓީމަށް ތަފާތު ކުޑަކޮށްދިނެވެ. ޗެލްސީ ތިން ޕޮއިންޓް ކަށަވަރުކުރީ 68 ވަނަ މިނެޓުގައި މާކަސް އަލޮންސޯ ޖެހި ލަނޑުންނެވެ.

ވެޓްފޯޑް އަތުން އަމިއްލަ ދަނޑުގައި ޓޮޓެންހަމް މޮޅުވި މެޗުގައި އެ ޓީމުގެ ދެކުނު ކޮރެއާ ފޯވާޑް ހެއުން-މިން ސޮން ދެ ލަނޑު ޖެހި އެވެ. އަނެއް ދެ ލަނޑު ޖެހީ ޑެލޭ އަލީ އަދި އެރިކް ޑަޔާ އެވެ.

ސްޓޯކް ސިޓީ އާއި ލިވަޕޫލް ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ސްޓޯކުގެ ޖޮނަތަން ވޯލްޓާސް ވަނީ ލީޑު ނަގައިފަ އެވެ. ރަށުން ބޭރުގައި ކުޅުނު ލިވަޕޫލް މޮޅުވީ ދެ ވަނަ ހާފުގައި ފުލުފުލުގައި ފިލިއްޕޭ ކޯޓީނިއޯ އާއި ރޮބާޓޯ ފިރްމީނިއޯ ޖެހި ލަނޑުތަކުންނެވެ.

މެންޗެސްޓާ ސިޓީގެ ދަނޑުގައި އެ ޓީމާއި ހަލް ސިޓީ ކުޅުނު މެޗުގައި ސިޓީގެ ފުރަތަމަ ގޯލަކީ ހަލްގެ އަހުމަދު އަލް މުހައްމަދީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ސިޓީގެ އަނެއް ދެ ލަނޑު ޖެހީ ސާޖިއޯ އަގުއޭރޯ އާއި ފަބިއަން ޑެލްފެވެ. ހަލްގެ ލަނޑު ޖެހީ އަންދްރޭ ރަނޯކިއާ އެވެ.