އިޤްރާރުނާމާ
އިޤްރާރުނާމާ

އަހަންނަކީ ވޮލީކުޅޭ މީހެކެވެ. ވިޔަފާރިވެރިއެކެވެ. ދެ ރޮނގުގައި ވެސް އަހަންނަކީ ކާމިޔާބު މީހެކެވެ. އިސްކޮޅުން ދިގު ހަށިގަނޑަކާއި، ފަން އިސްތަށިގަނޑަކާއި، ބަރު އަޑެއްގެ ވެރިއަކީމެވެ. އަންހެންކުދިން ހިތްކިޔާ އެތައް ސިފައެއް ލިބިފައިވާ، މުރާލި މީހަކީމެވެ. ހަޔާތުގެ ބައިވެރިއަކަށް ހެދީ ހިދާޔާއެވެ. އެއީ އަހަރެން އެންމެ ލޯބިވި ކުއްޖާއެވެ. އަހަރެން ފުރަތަމަ ބޭނުންވީ ފިރިހެންކުއްޖެކެވެ. ދެން ބޭނުންވީ އަންހެންކުއްޖެކެވެ. ކަންތައް ވީ ވެސް އެހެންނެވެ. އަހަރެން ބޭނުންވި ކޮންމެ ކަމެއް ފުރިހަމަވިއެވެ. އެދުނު ހުރިހައި އުފަލެއް ހާސިލުވިއެވެ. އުމުރުން އެންމެ ތޭވީސް އަހަރުގައި، ވިޔަފާރިވެރިންގެ ތެރެއިން ނަން މަޝްހޫރު މީހުންގެ ލިސްޓުން އަހަރެން ޖާގަ ހޯދީމެވެ. އަހަންނަށް އެނގެއެވެ. އަހަރެންގެ ޢާއިލާގެ އެންމެން އެހާ ނަސީބުގަދައެއް ނޫނެވެ. އެހެންނަމަވެސް، އަހަރެންގެ ނަސީބުގެ ތަރި މެދުއުޑުގައި ފިޔަޖެހުން އެއީ ކުށެއް ނޫނެވެ.

ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލު މެޗު ކުޅެވުނު ރެއެވެ. އަހަރެންގެ ޓީމު މޮޅުވާނެކަމުގެ ޔަގީންކަން ބޮޑުވި ދަނޑިވަޅެވެ. ޝޮޓެއްޖަހައިފައި ތިރިވި ވަގުތު، އަހަރެންގެ ފަޔަށް ތަދެއް އެރިއެވެ. އާދަޔާޚިލާފު ކަމެއް ނޫނެވެ. ކިތަންމެ މޮޅަށް ކުޅޭ މީހެއްގެ ފަޔަށް ވެސް ތަދެއް އަރާފާނެއެވެ. އަހަރެން މެޗު ދޫކޮށްލައިފައި ފޭބީމެވެ. ޓީމަށް ތަށި ލިބުނެވެ. އަހަރެންނަށް ޖެހުނީ ޓީމާ ވަކިވާށެވެ. ފަޔަށް ލިބުނު އަނިޔާ ރަނގަޅު ނުވުމުގެ ސަބަބުން، އެ އަހަރު ކުޅެވުނު އެހެން ހުރިހާ މެޗެއްގައި ވެސް އަހަރެން އިންނަންޖެހުނީ ކުޅިބަލާށެވެ. އަހަރެން ނެތްތަން ފޫނުބެދި، ޓީމު ބަލިވާތަން ބަލާށެވެ. މެޗަކަށް ފަހު މެޗެކެވެ. ހިތަށް ވަރަށް އަސަރުކުރި މަންޒަރެކެވެ.

ރާއްޖެއިން ކުރެވެން ހުރި ހުރިހާ ފަރުވާއެއް އަހަރެން ކުރީމެވެ. މުޅީން ފަސޭހަވާ ގޮތެއް ނުވިއެވެ. ރާއްޖެއިން ބޭރަށް ވެސް ދިޔައީމެވެ. އާންމު ދިރިއުޅުން އުޅެވޭވަރު ވިއެވެ. އެކަމަކު، ކުޅެން ފަށާއިރަށް ތަދުވާން ފަށައެވެ. އެންމެ ފަހުން ކުޅުން ހުއްޓައިލީއެވެ. ވޮލީއަކީ އަހަރެންގެ ހިތެވެ. ހަޔާތުގައި ދިމާވާ އެކި ކަހަލަ ނުތަނަވަސްކަން ފިލުވައިލުމަށް ވެސް އަހަރެން ކުޅުނީ ވޮލީއެވެ. ހިދާޔާއާ ފުރަތަމަ ދިމާވީ ވެސް އޭނަގެ އޮފީހަށް ވޮލީ ފަރިތަކޮށްދޭން ގޮސްއުޅުމުގެ ތެރޭގައެވެ. ދިރިއުޅުމާ އެ ވަރަށް ލާމެހިފައިވާ ކުޅިވަރަކާ ދުރަށް ދިޔުމަކީ އަހަންނަށް ވަރަށް އުނދަގޫކަމަކަށް ވިއެވެ. ފިކުރު ނުކުރަން ބޭނުންވިޔަސް ފިކުރުތަކާ ދުރަކަށް ނުދެވުނެވެ. ކާހިތް ކެނޑުނެވެ. ވިޔަފާރިއަށް އޮތް ޝައުޤުވެރިކަން ގެއްލުނެވެ. މެނޭޖަރާ ފިހާރަ ހަވާލުކޮށްފައި އަހަރެން ދުރަށްޖެހިލީމެވެ. ފައިދާ ވިއްޔާ ވީއެވެ. ނުވިޔަސް އަހަންނަށް ފަރުވާލެއް ނެތެވެ.

އަހަރެންގެ ޢާއިލާގައި އެކަކުއަނެކާ އޮންނަ ގުޅުން ވަރަށް ވަރުގަދައެވެ. ލޯމައްޗަށް ފެންނަނީ އެހެންނެވެ. އެކަކަށް ކަމެއް ވެއްޖިއްޔާ އެހެން އެންމެންގެ އެހީތެރިކަން ލިބެއެވެ. މާޔޫސްކަމުގެ ސާލު އަހަރެންގެ ގައިގަ އޮޅައިލި ވަގުތު، އެންމެންވެގެން އެ ސާލު ދަމައިގަތެވެ. ކޮޓަރީގެ ހުރަގެއިން އަހަރެން ނެރުނެވެ. އަހަރެންގެ ހިތާދެކޮޅަށެވެ. ކަނިވަމުންދިޔަ އުންމީދުގެ ހުޅުކޮޅަށް ދިރުން ލިބުނީ އެ ހިސާބުންނެވެ. ކުޑަކޮށް ހަމައަކަށްއެޅިގެން އަހަންނަށް ފިހާރަޔަށް ދެވުނުއިރު ވިޔަފާރި އޮތީ ބޮއްސުންލައިފައެވެ. މުދާތައް މަދުވެ، އޮޅުންބޮޅުން ގިނަވެފައެވެ. ތަދުވާ ފަޔާ ހަނގުރާމަކުރަމުން ވިޔަފާރި ކޮޅަށްޖަހަން ކުރި މަސައްކަތަށް ކުރިއެރުމެއް ނުލިބުނެވެ. ނެގި ލޯނު ނުދެއްކި ދަރަނިވެރިވާން ފެށިއެވެ. އަހަރެން ހުރީ ކެތް މަދުވެފައެވެ. ވިޔަފާރި ސަލާމަތްކުރަން އިންތިހާއަށް ބޭނުންވެފައެވެ. އެކަމަކު، އެންމެ ކުޅޭހިތްވި ކުޅިވަރަށް ވަދާޢު ކިޔަންޖެހުނު ގޮތަށް، އެންމެ ބޮޑު އާމްދަނީއެއް ހޯދައިދިން ވިޔަފާރި މަޑުމަޑުން ދިޔައީ އަޑިއަށެވެ. އަހަރެންގެ ލޯކުރިމަތީގައެވެ. ހިތަށްއެރިއެވެ. އަތްމަތި ހުސްވެއްޖެއްޔާ އަނބިދަރިންނަށް ކާންދޭނީ ކިހިނެއް ހެއްޔެވެ؟ އެކުވެރިޔަކު ޚިޔާލެއް ހުށައެޅީ އަހަރެން މޮޔަވާން ކައިރިވެފައިހުއްޓައެވެ.

"މަ ދީފާނަން އައިޑިޔާއެއް،" ނައުޝާދާ ދިމާވެގެން އެހީގެ އަތެއް ދިއްކޮށްލިއެވެ. "މި ކަން ކޮށްފިއްޔާ މަށަށް ގެރެންޓީ ފައިގެ ތަދު ރަނގަޅުވާނެ. ބިޒްނަސް ވެސް އަލުން ރަނގަޅުވާނެ. ލަންކާއަށް ދާންޖެހޭނީ."

އަހަރެން އެ ދުވަހު ޓިކެޓެއް ނަގައިގެން ލަންކާއަށް ފުރީމެވެ. ވަރަށް ފޮނި އުންމީދަކާ އެކުގައެވެ. ލައްކާއަށް ދެވުނު ދުވަހު، ހޮޓަލުގައި ފޮށި ބަހައްޓައިފައި ނައުޝާދު ކިޔައިދިން މިސްރާބަށް ދަތުރަށް ފެށީމެވެ. ދެ ފަހަރު މަގު އޮޅުނެވެ. އެއީ، ވިސްނުން ބަދަލުކުރަން ލިބުނު ދެ ފުރުޞަތުކަމެއް އަހަންނަކަށް ނުވިސްނުނެވެ. ކޮންމެ ފަހަރަކު ވެސް ނައުޝާދަށް ފޯނުކޮށްގެން މަގު ހޯދަނީއެވެ. އެ މަގުތަކަށް ނައުޝާދު ވަރަށް ފަރިތައެވެ. ދަތުރު ދިގުވި ވަރަކަށް މަގުތައް ހަނިވެ، ފަޅުވަމުންދިޔައެވެ. އާބާދުވެފައި ހިސާބުގަނޑު ގެއްލި، ދެވޭ މަންޒިލާމެދު ޝައްކު އުފެދެން ފެށިއެވެ. އަނބުރައިލައިފައި ދާން ހިތަށްއަރައިފައި އިންދާ، ޖިފުޓިއެއް ކަހަލަ ތަނެއް ފެނުނެވެ. ނައުޝާދު ބުނި ހުރިހާ ނިޝާނެއް އެ ތަނުގައި ހުއްޓެވެ. އެ އިން ހިސާބަކު ވެސް މީހެއްގެ ހިލަމެއް ނެތެވެ. އެ ގޭގެ ދޮރުމައްޗަށް ކާރު ހުއްޓީމެވެ. ކާރުން ފައިބައިގެން ގޮސް އެ ގޭގެ ދޮރުގައި ޓަކިޖަހައިލިއެވެ. ދެ ފަހަރަކު ޖަހައިލުމުން ދޮރު ހުޅުވިއެވެ. ކުރިމަތީގައި ހުރީ ޖާނުން ވަރުގަދަ، ކަޅު މީހެކެވެ. އިސްކޮޅުން ކުރެވެ. ލައިގެން ހުރީ ހުދު މުންޑަކާއި ކޮނޑުކެނޑިއެކެވެ.

"ދުލިޕް؟" ނައުޝާދު ބުނެފައިވާ ފަދައިން އަހަރެން ވާހަކަދެއްކީ ދިވެހިބަހުންނެވެ. "ނައުޝާދު ފޮނުވައިގެން މި އައީ."

އެތެރެއަށް ވަނުމަށް ދުލިޕް ދަޢުވަތު ދިނެވެ. އޭނަ އިޝާރާތްކުރި ގޮނޑީގައި އަހަރެން އިށީނީމެވެ. ދުލިޕް ވެސް އިށީނެވެ. ލޯމަރައިލިއެވެ. ދެއަތަކަށް ހެލެން ފެށިއެވެ. އަހަރެން ވަރަށް ފަރުވާތެރިކަމައެކު ބަލަން އިނީމެވެ. ދުލިޕް ތުންތަޅުވަން ފެށިއެވެ. ހީވަނީ މީހަކާ ވާހަކަދައްކާހެންނެވެ. ބައެއް ފަހަރު ބޮލުގެ އިޝާރާތުން ނޫނެކޭ ވެސް ބުނެއެވެ. އަހަރެން އެއްޗެއް ބުނަން އަނގަ ހުޅުވައިލި ވަގުތު ދުލިޕްގެ އަތުގެ އިޝާރާތުން އެއްޗެއް ނުބުނުމަށް އެދުނެވެ. އަހަރެން ހިތަށްއެރިއެވެ. ލޯމަރައިގެން އިނަސް ދުލިޕަށް ފެންނަނީބާއެވެ؟ އެހާ ވެސް އޭނަ މޮޅީބާއެވެ؟

"ތީ އެއްވެސް ކަމެއް ނޫން،" ލޯ މަރައިގެން އިނދެ، ދިވެހިބަހުން ދުލިޕް ބުންޏެވެ. "ފައި ރަނގަޅުކޮށްދޭނަން. ވިޔަފާރި ވެސް ސަލާމަތްކޮށްދޭނަން. އެކަމަކު އެބަޖެހޭ މަ ބުނާ އެއްޗެއް ގެނަސްދޭން."

އަހަރެން ހައިރާންވިއެވެ. ދުލިޕަށް އެ ހުރިހާ އެއްޗެއް އެނގުނީ ކިހިނެއް ހެއްޔެވެ؟ ނައުޝާދު ބުނީ ހެއްޔެވެ؟

"މަށަށް ވަރިހަމަ ކޮންމެ އެއްޗެއް ދޭންޖެހުނަސް،" ވިސްނައިލުމެއް ނެތި އަހަރެން ބުނީމެވެ. "ފައި ރަނގަޅުކޮށްދީފަ، ބިޒްނަސް ސަލާމަތްކޮށްދީ! ހެޔޮނުވާނެ."

"މައްސަލައެއް ނެތް،" ދުލިޕް ވަރަށް އުފާވެފައި ބުންޏެވެ. "މި ހެދުނީ ޑީލެއް. ކަލޭގެ ފިހާރައިގަ ރޯ ބިސް ވިއްކަން ހުރޭތަ؟"

އަހަރެން ބޯޖަހައިލީމެވެ. ދުލިޕް އެދުނީ އަހަރެންގެ ފިހާރައިން ރޯ ކުކުޅުބިހެއް ގެނެސްދިނުމަށެވެ. އޭރު ވެސް ހިތަށްއެރިއެވެ. ލަންކާގައި ކުކުޅުބިސް ނެތީ ހެއްޔެވެ؟

"ކަލޭގެ ފެމެލީން ކަލެއަށް އެބަހުރި ލައްކަ އެއްޗެހި ހަދާފަ،" ދުލިޕް ބުންޏެވެ. "ހެދި މީހަކު ބެލުން މުހިންމެއް ނޫން. ބިސް ހިފައިގެން އާދޭ. އެހެން މީހަކު ގޮވައިގެން ނާންނާތި!"

އަހަރެން ހޮޓަލަށް ދިޔަ މަގުމަތީގައި ޖަމާލަށް ގުޅީމެވެ. ޖަމާލަކީ އަހަރެންގެ އެއްބަނޑުއެއްބަފާ ކޮއްކޮއެވެ. އެ ކަން ނުކުރުމަށް ޖަމާލު ތަކުރާރުކޮށް އެދުމުން ވެސް އަހަރެން އެ އަޑެއް ނާހަމެވެ. ޖެހިގެން އައި ދުވަހު ބިހެއް ހިފައިގެން ޖަމާލު އައެވެ. ކޮއްކޮ ގޮވައިގެން ދެވެން ނެތުމުން ދުލިޕް ގާތަށް ދިޔައީ އަހަރެން އެކަންޏެވެ. ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. ކުރަން އުޅެނީ ކީއްކަން އަހަންނަށް ނޭނގޭތީއެވެ. ބިސް ދިނުމާއެކު ހުދު ފޮތިކޮޅަކަށް އެ ބިސް ލިއެވެ. އެ އަށް ފަހު ފޮތިކޮޅު މަޑުމަޑުން ބޮނޑިކޮށްލައިގެން އެ އަށް ފުމެފުމެފައި، ކިޔެވި ކިޔެވެއްޔެއް ކިޔަފައި ފޮތިކޮޅު ފަތުރައިލިއެވެ. ބިސް ނެގިއެވެ. އަހަރެންގެ ލޯ ކުރިމަތީގައި ބިސް ތަޅައިލިއެވެ. ބިހުގެ ތެރެއިން ފޭބީ ވެއްޔެވެ. އަހަރެން ހުރީ ހައިރާންވެފައެވެ. އަހަރެން ލައްވާ ބިސް ގެނުވި ސަބަބު ވިސްނުނީ އެ ވަގުތުއެވެ. ބިހަށް މަކަރެއްހަދައިފައި ނެތްކަން އަހަންނަށް ކަށަވަރުކޮށްދިނުމަށެވެ. ވެއްޔާއެކު މިނިކަށިކޮޅަކާއި، ދެ މޮހޮރާއި، ގޮށްތަކެއް ޖަހައިފައިވާ ރޯނުކޮޅެއް ކަހަލަ އެއްޗަކާއި، ދަތްކޮށްޓާ އިލޮށިކޮޅެއް ވެސް ވެއްޓުނެވެ. ހަމަ އެ ވަގުތު އަހަރެންގެ ފައިގެ ރިހުން ކެނޑުނެވެ. ދުލިޕަކީ މޮޅު މީހެއްކަމަށް ގަބޫލުކުރަން އަހަންނަށް މަޖުބޫރުވިއެވެ.

"ފަޔަށް ތަދުވޭތަ މިހާރު؟" ދުލިޕް ސުވާލުކުރިއެވެ.

އަހަރެން އެގޮތްމިގޮތަށް ފައި ތަޅުވަތަޅުވައި ވެސް ތަދެއް އިހުސާސެއް ނުކުރެވުނެވެ.

"ނުވާނެ!" ދުލިޕް ޔަގީންކަމާ އެކުގައި ބުންޏެވެ. "ވިޔަފާރި ވެސް ދެން ވާނީ ރަނގަޅު."

ދުލިޕަށް ފަންސާސް ހާސް ލަންކާ ރުޕީސް ދޭންޖެހުނެވެ. އަހަރެން މާލެއައީމެވެ. ވިޔަފާރި ރަނގަޅުވާން ފެށިއެވެ. ކުރީގައި ހުރި ވަރަށް ވުރެ ވެސް ރަނގަޅުވިއެވެ. އެކަމަކު، ހިދާޔާ ކުއްލިއަކަށް ގެއިން ނުކުތެވެ. އެ ފަދަ އެއްވެސް ވާހަކައެއް ނުބުނެ، ސަބަބެއް ވެސް ނުބުނެއެވެ. އަހަންނަށް ގުޅީ ވެސް މައިދައިތަ ގޭގައި ހުރެފައެވެ.

"މަ ދެން ނުދާނަން ގެއަކަށް." ހިދާޔާ ބުނިހާ ވެސް އެއްޗަކީ އެއީއެވެ.

އަހަރެން ގުޅީމައި ހިދާޔާ ފޯނެއް ނުނަގައެވެ. އެ ގެއަށް ދިޔަކަސް އަހަންނަކާ ބައްދަލެއް ނުކުރެއެވެ. އެންމެ ފަހުން ޖެހުނީ ވަރިކުރާށެވެ. ޢާއިލާ ރޫޅުނީއެވެ. ވިޔަފާރި ރަނގަޅުވީ ކުޑަ ދުވަސްކޮޅަކަށެވެ. އެ އަށް ފަހު އަނެއްކާ ވެސް އަޑިއަޅައިލިއެވެ. ދެން އަޑުއިވުނީ ހިދާޔާ ލަންކާއަށް ފުރި ޚަބަރެވެ.

"އެހެންވެ މަ ބުނީ ސިހުރުނަހަދާށޭ ނަހަދާށޭ،" ހަމްދަރުދީގެ ރާގެއްގައި ޖަމާލު ބުންޏެވެ. "ކޮން ޑީލެއް ބޭބެ ހެދީ؟ އެ ކަން ކޮށްދޭމަތިން ދުލިޕަށް ފެމިލީ ދޭން އެގްރީމަންޓެއް ހެދިންތަ؟"

"ދެން އެ ކަހަލަ އެގްރީމަންޓެއް މަ ނަހަދާނެއްނު،" ވިސްނާލައިފައި އަހަރެން ބުނީމެވެ. "އެކަމަކު މަ ބުނިން މަށަށް ވަރިހަމައޭ ކޮންމެ އެއްޗެއް ދޭންޖެހުނަސް."

"ހަމަ އެކައްޗެއްނު ތި ބުނެވުނީ." ޗޮކެއްކަނޑައިފައި ޖަމާލު ބުންޏެވެ.

ނިމުނުއިރު އަހަރެންގެ ވިޔަފާރި ރަނގަޅެއް ނުވިއެވެ. ޢާއިލާ ވެސް ރޫޅުނީއެވެ. ސިހުރުވެރިންގެ އިޤްރާރުނާމާއަކީ އެހާ ފަސޭހައިން ހެދޭ އެއްޗެއްކަމެއް ކުރިން ނުދެނަހުރީމެވެ. ދުލިޕް އަހަންނަށް ދެއްކީ ދަޅައެކެވެ. ސިހުރަކީ ވެސް ދަޅައެކެވެ. އަހަންނަށް ވިސްނުނުލެއް މާ ލަސްވީއެވެ. މިއީ ޙަޤީޤީ ހާދިސާއެކެވެ.

ނިމުނީ