ރާއްޖޭގެ ފުރަތަމަ ނެޝަނަލް ޔޫތު ގޭމްސް އަންނަ އަހަރު
ރާއްޖޭގެ ފުރަތަމަ ނެޝަނަލް ޔޫތު ގޭމްސް އަންނަ އަހަރު

ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެގްޒެކެޓިވް ކޮމިޓީގެ އިސް ނެގުމަކާ އެކު އަންނަ އަހަރު ރާއްޖޭގެ ފުރަތަމަ ޔޫތު ނެޝަނަލް ގޭމްސް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ އަހަރީ އާއްމު ޖަލްސާގައި ޝަވީދު ވިދާޅުވީ ކުޅިވަރާ ބެހޭ މިނިސްޓްރީއާ ވާހަކަދައްކައިގެން ދެ ފަރާތް ގުޅިގެން މިކަން ކުރަން ނިންމާފައިވާ ކަމަށާއި މިކަމަށް ބޭނުންވާ ފައިސާ އޮލިމްޕިކް ކޮމިޓީން ހޯދާނެ ކަމަށެވެ.

ޝަވީދު ވިދާޅުވީ މިކަމުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން ގިނަ އަދަދެއްގެ މީހުން ބައިވެރިކޮށް ގިނަ އަދަދަކަށް ވޮލަންޓިއަރުން ތަމްރީން ކުރަން ޖެހޭ ކަމަށެވެ.

ގޭމްސްއަކީ ގިނަ ކުޅިވަރުތަކެއް ހިމަނައިގެން ބާއްވާ ބޮޑު ކުޅިވަރު ހަރަކާތެކެވެ. އެކި ގައުމުތައް ބައިވެރިކޮށްގެން ބާއްވާ ބައިނަލްއަގްވާމީ ގޭމްސްތައް ކަމަށްވާ އޭޝިއަން ގޭމްސް އާއި އޮލިމްޕިކް ގޭމްސްތަކުގައި ރާއްޖޭން ބައިވެރިވި ނަމަވެސް ރާއްޖޭގައި ގައުމީ ފެންވަރުގައި މިފަދަ ގޭމްސްއެއް އަދި ބާއްވާފައެއް ނުވެ އެވެ. އަވަށްޓެރި އިންޑިއާގައި ޒަމާނުއްސުރެ ކާމިޔާބުކަމާ އެކު ނެޝަނަލް ގޭމްސް އަންނަނީ ބާއްވަމުންނެވެ.

ޝަވީދު ވިދާޅުވީ ބައިނަލްއަގްވާމީ ގޭމްސްއެއް ރާއްޖޭގައި ބޭއްވުމުގެ ވިސްނުން އެބައޮތް ކަމަށާއި އެކަމަކު އެކަން ކުރެވެން އޮތީ ވަސީލަތްތައް ގާއިމްވެގެން ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރަން ޕްލޭންތަކެއް ހަދައި މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ މަސައްކަތްތަކުގެ ތަފްސީލް ހޯދާނެ ކަމަށެވެ.

"ޔޫތު ސެންޓަރާއި ސްޕޯޓްސް އިންޑޯ ތަންތަން މި އެއްޗެހި ހަދާ ވާހަކަ އެބައިވޭ. އެހެން ނަމަވެސް (އެ މަސައްކަތްތައް) އަސްލު ގޮސްފައި ހުރި ހިސާބާއި، ފައުންޑޭޝަން ހުރީ އެޅިފައިތޯ މަސައްކަތްތައް ހިނގާތޯ އަދި ތަންތަން ނުފެށޭތޯ، އަށާރަށް ނިމެނީ ކޮން ތަންތަނެއްތޯ މިކަންކަން ބަލަން ބޭނުންވޭ. ވޯކްޝޮޕެއް ގޮތައް ހުރިހާ އެސޯސިއޭޝަންތަކެއް، ސްޓޭކްހޯލްޑާސްތައް ބޭނުންކޮށްގެން ބޭނުންވަނީ މީގެ ތަފްސީލް އެންމެންނަށް އެނގެން،" ޝަވީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފެސިލިޓީޒްތައް ގާއިމްވާހާ އަވަހަކަށް ބޭނުންވަނީ ރާއްޖޭގައި ފުރަތަމަ ފަހަތަށް ބައިނަލްއަގްވާމީ ގޭމްސްއަކަށް ބިޑްކުރުމުގެ މަސައްކަތް ފަށަން ކަމަށެވެ. މިހާރު ވެސް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކަށް ބިޑިންއަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމަކު ތައްޔާރުވެފައި ނެތިއްޔާ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އޮލިމްޕިކް ކޮމިޓީން މިއަދު ފާސްކުރި 24.6 މިލިއަން ރުފިޔާގެ ބަޖެޓުގައި ނެޝަނަލް ގޭމްސް ބާއްވަން ފަސް މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފަ އެވެ. މީގެ އިތުރުން މި ބަޖެޓުގައި އިދާރީ ހިންގުމާއި އިންސާނީ ވަސީލަތްތައް ގާއިމްކުރުމަށް 1.2 މިލިއަން ރުފިޔާ ހިމަނާފައިވާއިރު އޮލިމްޕިކް ވެލިއުސްތައް ކުރިއެރުވުމަށް 1.1 މިލިއަން ރުފިޔާ ހިމަނައިފައިވެ އެވެ. ކޯޗުން ކުރިއެރުވުމަށް 1.3 މިލިއަން ރުފިޔާ، ގޭމްސްތަކުގައި ބައިވެރިވުމަށް 8 މިލިއަން ރުފިޔާ އަދި އެތުލީޓުންގެ ސްކޮލަޝިޕާއި ތަމްރީންތަކަށް 5.2 މިލިއަން ރުފިޔާ ވަނީ ޖަހައިފަ އެވެ.

އަންހެނުންގެ ކުރިއެރުމަށް 107،940ރ. އެލޮކޭޓްކޮށްފައިވާއިރު ހާއްސަ އެހީތަކަށް 1.6 މިލިއަން ރުފިޔާ އަދި ހާއްސަ ޕްރޮޖެކްޓްތަކަށް 2.5 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

އޮލިމްޕިކް ކޮމިޓީން 24 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރިއިރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 20.9 މިލިއަން ރުފިޔާ އެވެ. އެހެންވެ މިއީ 4 މިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ. އެކަމަކު ސޭވިންގްސް އާއި އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާއާ އެކު އަހަރު ނިމިގެންދާއިރު ބަޖެޓް އަރަނިކުރެވޭނެ ކަމަށް ބެލެވެ އެވެ.

އޮލިމްޕިކް ކޮމިޓީއަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން 8.1 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ޖަހާފައިވާއިރު އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ އިން 1.6 މިލިއަން ރުފިޔާ އަދި ދިވެހި ސަރުކާރުން 5.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓްކޮށްފައިވެ އެވެ. އެތުލީޓުންގެ ސްކޮލަޝިޕްތަކާއި ތަމްރީންތަކަށް 2.1 މިލިއަން ރުފިޔާ އަދި ކޯޕަރޭޓް ސްޕޮންސަރުންގެ އަތުން 1.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ބަޖެޓްކޮށްފައިވެ އެވެ.