09 އެޕްރީލް 2017 - 06:22

"ރުސްތުމް" ގައި އަކްޝޭ ކުމާރު ކުޅެފައިވާ ރޯލަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑު ލިބިއްޖެ އެވެ. ބުރާސްފަތި ދުވަހު އިއުލާން ކުރި 64 ވަނަ ނެޝަނަލް ފިލްމް އެވޯޑްސް ލިސްޓުގައި އަކްޝޭގެ ނަން އޮތުމުން އޭނާއަށާއި އަންހެނުން ޓްވިންކަލް ކަންނާއަށް ހައިރާންކަން ލިބުނު ގޮތަށް ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވެސް ތިބީ ބަސްހުއްޓިފަ އެވެ.

ނެޝަނަލް އެވޯޑެއް ލިބުމަކީ ކޮންމެ ފަންނާނެއްގެ ވެސް ހުވަފެނެކެވެ. އެގޮތުން މިފަހަރު އަކްޝޭ އަށް މި އެވޯޑު ލިބިފައިވަނީ "ދަންގަލް" އިން އާމިރު ޚާން އަދި "ސުލްތާން" އިން ސަލްމާން ޚާން ބަލިކުރުމަށް ފަހުގަ އެވެ. އަދި ޝާހްރުކް ޚާންގެ "ފޭން" ވެސް މިދިޔަ އަހަރު ރިލީޒްވެފައިވެ އެވެ. ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބެއް ނުލިބުނަސް ޝާހްރުކްގެ އެކްޓިން އަށް އެންމެން ވެސް ތައުރީފު ކުރި އެވެ.
ކޮންމެއަކަސް އަކްޝޭ އަށް މިފަހަރު ނެޝަނަލް އެވޯޑު ލިބިފައިވަނީ ވަރަށް ގިނަ މީހުން އުންމީދުކޮށްގެން ތިބި ގޮތާ ޚިލާފަށެވެ. އެހާ ގިނަ މީހުން އޭނާއަށް ފާޑުކިޔައި މަލާމާތްކުރަނީ އެ ސަބަބާ ހެދި އެވެ.
އަކްޝޭ ވެސް އޭނާއަށް މި އެވޯޑު ލިބިދާނެ ކަމަކަށް އުންމީދެއް ނުކުރެ އެވެ. ފިލްމްފެއާ ފަދަ މަޝްހޫރު ފިލްމީ މަޖައްލާތަކުން ދިން އެއްވެސް އެވޯޑެއް އަކްޝޭ އަށް ލިބިފައި ނުވާތީ އަކްޝޭ ހީކުރީ އޭނާއަށް ނެޝަނަލް އެވޯޑު ލިބިއްޖޭ އެންމެން ކިޔަނީ އޭޕްރީލް ފޫލް ޖޯކެއްގެ ގޮތުގައި ކަމަށެވެ.
އަކްޝޭ ފިޔަވައި ސޯނަމް ކަޕޫރަށް ވެސް "ނީރްޖާ" ގައި އޭނާ ކުޅެފައިވާ ރޯލަށް ޚާއްސަ އެވޯޑެއް ލިބިފައި ވެ އެވެ. ސޯނަމް އާއި އަކްޝޭ މިވަގުތު ތިބީ "ޕެޑްމޭން"ކި ޔާ ފިލްމެއްގެ ޝޫޓިންއަށް އިންދޯރްގަ އެވެ.
އެވޯޑު ލިބޭ މީހުންގެ ލިސްޓު އިއުލާންކުރުމާ އެކު ސޯޝަލްމީޑިއާގައި އެންމެންގަނޑު އުތުރި އަރައިގަތް ކަހަލަ އެވެ. ސޯނަމް އަށް އެވޯޑު ހައްގުކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް އަކްޝޭ އަށް އެވޯޑު ހައްގު ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެއް ބަޔަކު ބުނަނީ ސަރުކާރުން ނެޝަނަލް އެވޯޑު ވިއްކާލާފައިވާ ކަމަށެވެ. ނަމަވެސް އަކްޝޭގެ ފޭނުން އޭނާއަށް ވަރަށް ތައުރީފުކޮށް މަރުހަބާ ކިޔައި ޓުވީޓްތައް ކޮށްފައިވެ އެވެ.
މީހުން ފާޑުކިޔަސް އަކްޝޭ އާއި ސޯނަމް ވަނީ ނެޝަނަލް އެވޯޑު ލިބުނު ފަރާތްތަކުގެ ގޮތުގައި އެމީހުން ހޮވުމުން ޖޫރީއަށާއި އެމީހުންނަށް ތާއީދުކުރާ އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.
"އަލީގަޅް" ގައި މަނޯޖް ބަޖްޕާއީ ކުޅުނު ރޯލަށް އޭނާއަށް އެވޯޑު މާ ހައްގުކަމަށް ގަބޫލުކުރާ މީހުން ވެސް ވަރަށް ގިނަ އެވެ. ނަމަވެސް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑު އޭނާއަށް ނުލިބުމުން އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބޭނުން ނުވާ ކަމަށް މަނޯޖް ވަނީ ބުނެފަ އެވެ. ނަމަވެސް "އަލީގަޅް"ގެ ޑައިރެކްޓަރު ހަންސަލް މެހެތާ ބުނި ގޮތުގައި މަނޯޖް އަށް އެވޯޑު ނުލިބުމުން ވަރަށް ބޮޑަށް އޭނާ ވަނީ މާޔޫސްވެފަ އެވެ.
އިންޑިއާގެ ނޫސްތަކުން ވެސް އަކްޝޭގެ މި އެވޯޑަށް ފާޑުކިޔާފައިވެ އެވެ. ގިނަ މީޑިއާތަކުން ބުނަނީ "ރުސްތުމް"ގައި އަކްޝޭގެ ޕާފޯމަންސް ހުރީ އެވްރެޖްވަރެއްގައި ކަމަށާއި އެހެންކަމުން އެ ފިލްމަށް އޭނާއަށް އެއްގޮތަކަށް ވެސް އެވޯޑު ހައްގު ނޫން ކަމަށެވެ.
ނަމަވެސް ނެޝަނަލް އެވޯޑު ކަހަލަ ސަރުކާރުން ދޭ އެވޯޑެއްގައި ވަތަނީ ފިލްމުތައް ހޮވުމަށް އިސްކަން ދެ އެވެ. އެގޮތުން އަކްޝޭ މިދިޔަ އަހަރު ކުޅުނު "އެއާލިފްޓް" އާއި "ރުސްތުމް" އަކީ ވެސް ވަތަނަށްޓަކައި މަސައްކަތްކުރާ ހިތްވަރުގަދަ މީހެއްގެ ރޯލުތައް ކުޅެފައިވާ ފިލްމުތަކެވެ. އެހެންކަމުން އަކްޝޭ އަށް މި އެވޯޑު ލިބިފައިވަނީ މި ސަބަބާ ހުރެ ކަމަށް މީޑިއާތަކުން ދެކެ އެވެ.