11 އެޕްރީލް 2017 - 06:28

އަކްޝޭ ކުމާރަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑު ލިބޭކަން މިދިޔަ ހުކުރު ދުވަހު އިއުލާނުކުރުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ފިލްމު އިންޑަސްޓްރީގެ ވެސް ގިނަ ބަޔަކު ވަނީ މި އެވޯޑަށް އަކްޝޭ ހޮވި ގޮތާ މެދު ސުވާލު އުފައްދައިފަ އެވެ.
ސޯޝަލް މީޑިއާގައި ވެސް ޚިޔާލު ފާޅުކުރި ގިނަ ބަޔަކު ވަނީ އާމިރު ޚާނާއި ޝާހްރުކް ޚާން އަދި މަނޯޖް ބަޖްޕާއީ ފަދަ މީހުންނާ ވާދަކޮށް އަކްޝޭ އަށް އެވޯޑު ލިބުނު ގޮތެއް ނޭނގޭ ކަމަށް ބުނެފަ އެވެ.
ފާޑުކިޔުންތައް މާގިނައިން އަމާޒުވާން ފެށުމުން، 64 ވަނަ ނެޝަނަލް ފިލްމް އެވޯޑްސްގެ ފަނޑިޔާރުންގެ ޗެއާޕާސަން ޕްރިޔަދަރްޝަން ވަނީ މިފަހަރުގެ އެވޯޑަށް އެކްޓަރުން ހޮވި ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
އޭނާ ބުނި ގޮތުގައި އެންމެ މޮޅު ބަތަލުގެ ކެޓަގަރީގެ ފައިނަލް ރައުންޑްގައި އެމީހުންނަށް ލިބިފައިވަނީ ހަތަރު ނަމެކެވެ. އެއި "ރުސްތުމް" އާއި "އެއާލިފްޓް" އިން އަކްޝޭ އަދި ތިން ފިލްމަކުން މޯހަން ލާލް އެވެ. އަދި ބެންގާލީ ދެ އެކްޓަރެކެވެ.
މި އެވޯޑަށް އެންމެ ބޮޑަށް ވާދަކުރާ ބަޔަކަށް ތިބީ އަކްޝޭ އާއި މޯހަންލާލް ކަމަށާއި އަކްޝޭ އަށް އެވޯޑު ލިބުނީ "އެއާލިފްޓް" އާއި "ރުސްތުމް" އިން ކަމަށާއި އެ ދެ ފިލްމުގެ ނަން އެވޯޑު އިއުލާން ކުރިއިރު ހިމަނާފައި ނެތީ ޓެކްނިކަލް ސަބަބުތަކަކާ ހެދި ކަމަށް އިސް ފަނޑިޔާރު ޕްރިޔަދަރްޝަން ބުންޏެވެ. އެ ދެ ފިލްމުގައި ވެސް އަކްޝޭގެ ޕާފޯމަންސް ވަރަށް ފުރިހަމަ ކަމަށާއި އެހެންވެ އޭނާ ހޮވީ ކަމަށް އޭނާ ބުންޏެވެ.
އެމީހުންގެ ހޮވުންތައް ރަނގަޅުކަން ސާބިތުކޮށްދިނުމުގެ ގޮތުން ވާހަކަ ދައްކަމުން ޕްރިޔަދަރްޝަން ބުނީ ބައެއް ފަހަރަށް އެކްޓަރެއްގެ ރޯލަކީ މާ މޮޅު ރޯލެއް ކަމަށް ގަބޫލުކުރެވެނީ އެ ފިލްމެއްގައި އޭނާ ކުޅެންޖެހޭ ކެރެކްޓާއެއްގެ ވަރުގަދަވުމުން ކަމަށެވެ. އެހެންކަމުން އެ ފަދަ ފިލްމުތަކުން އެ ފެންނަނީ އެކްޓަރުގެ ކުޅަދާނަކަން ނޫން ކަމަށާއި މޮޅު އެކްޓަރަކީ ތަފާތު ރޯލުތައް ކުޅެގެން ގިނަ ދުވަހު އިންޑަސްޓްރީގައި ދެމި ހުރެވޭ މީހެއް ކަމަށް އޭނާ ބުންޏެވެ.
އެންމެ މޮޅު ބަތަލާގެ ކެޓަގަރީން ހޮވިފައިވަނީ މަލަޔާލަމް ބަތަލާއެއް ކަމަށްވާ ސުރާބީ ސީއެމް އެވެ. މި ކެޓަގްރީއާ ބެހޭ ގޮތުން ޖޫރިންގެ ޗެއާޕާސަން ދެއްކި ވާހަކައިން ވެސް ގިނަ ބަޔަކަށް އަނެއްކާ ލިބުނީ އިތުރު ޝޮކެކެވެ. އޭނާ ބުނި ގޮތުގައި މި އެވޯޑަށް ސުރާބީއާ އެންމެ ގާތުން ވާދަކުރީ "ސަރަބްޖީތު" ކުޅެގެން އައިޝްވަރިޔާ ރާއީ ކަމަށެވެ. "ސަރަބްޖީތު" ގައި އައިޝްވަރިޔާ ވަރަށް މޮޅު ޕާފޯމަންސެއް ދައްކާފައިވާ ކަމަށް ވެސް ޕްރިޔަދަރްޝަން ބުންޏެވެ.
އެންމެ މޮޅު ފިލްމުގެ އެވޯޑު "ދަންގަލް"އަށް ނުލިބުނު ސަބަބާ ބެހޭ ގޮތުން ވެސް އޭނާ ވާހަކަ ދެއްކި އެވެ. އޭނާ ބުނީ "ދަންގަލް" ދެ ވަނަ ފަހަރަށް ވެސް އެމީހުން ގެނެސްގެން ބެލި ކަމަށެވެ. ނަމަވެސް ރީޖަނަލް ފިލްމުތަކުގެ ތެރޭގައި "ދަންގަލް" އަށް ވުރެ މާ މޮޅު ފިލްމުތައް ހުރުުން އެ ފިލްމަށް ނުލިބުނީ ކަމަށް ބުންޏެވެ.
އެންމެ މޮޅު އެކްޓަރު: އަކްޝޭ ކުމާރު "ރުސްތުމް"
އެންމެ މޮޅު ބަތަލާ: ސުރާބީ ސީއެމް (މެލަޔާލަމް ފިލްމު މިނަންމިނުންގޫ – ދަ ފަޔާ ފްލައި)
ބެސްޓް ސްޕެޝަލް އިފެކްޓްސް: ހިންދީ ފިލްމު ޝިވާއޭ
ބެސްޓް ހިންދީ ފިލްމު: ނީރްޖާ
ބެސްޓް ފިލްމް އޮން ސޯޝަލް އިޝޫ: ހިންދީ ފިލްމު ޕިންކް
ބެސްޓް ސަޕޯޓިން އާޓިސްޓް: ޒާއިރާ ވަސީމް "ދަންގަލް"
ދެން ހުރި އެވޯޑުތައް ގެންގޮސްފައިވަނީ ތަމަޅަ، މަލަޔާލަމް އަދި މަރާޓީ އާއި ކަންނާޑާ ފިލްމުތަކެވެ. އަދި ބޮލީވުޑް ތަރި ޕްރިޔަންކާ ޗޯޕްރާގެ ފިލްމު ކުންފުނި "ޕާޕްލް ޕެބްލް ޕިކްޗާޒް" އިން ޕްރޮޑިއުސް ކުރި މަރާޓީ ފިލްމު "ވެންޓިލޭޓާ" އަށް ތިން ނެޝަނަލް އެވޯޑު މިފަހަރު ލިބުނެވެ. އޭގެ ތެރޭގައި އެންމެ މޮޅު ޑައިރެކްޓަރު، އެންމެ މޮޅު އެޑިޓިން އަދި އެންމެ މޮޅު ސައުންޑް މިކްސިން ހިމެނެ އެވެ.