ދިވެހިރާއްޖޭގެ އަޑު، އޭގެ
ފުރިހަމަ ގޮތުގައި ހިފަހައްޓައިދިން މަޑޫތައް، އެއްޗަކަށް ފަހު އެއްޗެއް
ނެއްޓެމުން ދަނީ އެވެ. އަޑުގެ އެހުންތެރިންނާއި މުވައްޒަފުން މިއަދު ހިތާމަކުރަމުން އެ ދަނީ 41 އަހަރަށް ފަހު އެތަނާ ވަކިވި ހިދުމަތްތެރި ޕްރޮޑިއުސަރު
އަލީ ހިލްމީގެ އަލްވަދާއުއިންނެވެ.
އޭނާގެ އަޑު، ދިވެހިރާއްޖޭގެ
އަޑާ ވަކިވީ އެހެން އެއްވެސް ސަބަބެއް އޮވެގެނެއް ނޫނެވެ. އުމުރުން 65 އަހަރު ފުރި
ވަޒީފާ އިން މުސްކުޅިކުރާ އުމުރަށް އެޅުމުން، އާއިލާ އަށް ވަގުތު ދިނުމަށާއި އަރާމުކުރުމަށެވެ. އޭނާ އަށް ވެގެންވާ ނަމަ ދުވަހަކު ވެސް އެތަނާ ވަތްކެއް
ނުވީހެވެ.
ހިލްމީގެ ހިތުގައި އަޑަށް
ދެވިފައި އޮތީ އެ އަށް ވުރެ މާ ފުން ލޯތްބެކެވެ. އޭނާއާ މެދު އެ ތަނުގެ މުވައްޒަފުން
ދެކެނީ އެ އަށް ވުރެ ގާތްކޮށެވެ. ހިލްމީއާ އެކު މަސައްކަތްކުރެއްވި ދިވެހިރާއްޖޭގެ އަޑުގެ ޑިރެކްޓަރު ނަސްރުﷲ އިދުރީސް ސިފަކުރެއްވި ގޮތުގައި ހިލްމީއަކީ "ހިދުމަތުގެ
ވަފާތެރި ނަމޫނާ"އެކެވެ.
ހިލްމީގެ ވަކިވުމަކީ ހަމައެކަނި
އަޑަށް ލިބޭނެ އުނިކަމެއް ވެސް ނޫނެވެ. ރާއްޖޭގެ މީޑިއާ އަށް ގެއްލިގެން އެދިޔައީ،
ހަބަރާއި، މައުލޫމާތު ފެތުރުމުގައި ނަމޫނާ އެކެވެ. އެކަމަކު މީގެ 41 އަހަރު ކުރިން
އޭނާ އަޑާ ގުޅުނީ އެފަދަ މަސައްކަތެއް ކުރުމުގައި ނިޔަތަކު ނޫނެވެ. އޭނާ އެ ތަނަށް
ވަނީ އިކިއުޕްމަންޓްސް ބަލަހައްޓާ މީހެއްގެ ގޮތުގައި ސްޓޯރުކީޕަރެއްގެ ވަޒީފާގަ
އެވެ. ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރައްވައި ދެން ގުޅުނީ އެތަނުގެ
އޮންއެއާއާ އެވެ.

ހިލްމީ އޭނާގެ ޒުވާން ދުވަސްވަރު އަޑުގެ ސްޓޫޑިއޯގައި މަސައްކަތެއްގައި.
އޭނާގެ ހުނަރުވެރިކަން އެ
ދާއިރާއަކުން ގިނަ ބަޔަކަށް މިއަދު ފާހަގަކުރެވޭ ޕްރޮގްރާމް އުފެއްދުމުގެ ތެރެއަށް
ވަދެވުނީ، ބަންގްލަދޭޝްގެ ތަޖުރިބާކާރެއް ގެނެސްގެން އަޑުން ބޭއްވި ސްކްރިޕްޓް
އަދި ޑްރާމާ ލިޔަން ދަސްކޮށްދޭ ކޯހެއްގައި ބައިވެރިވި ހިސާބުންނެވެ.
ހިލްމީގެ ކިބައިގައި އެ ދާއިރާ
އަށް ކުރިއަށް ދެވިދާނެ ފެންވަރު ހުރިކަން ފާހަގަވެ އިންސްޓްރަކްޓަރު އެދުނީ އަޑުގެ
ޕްރޮގްރާމް ސެކްޝަނަށް ބަދަލުވާށެވެ. އެކަމަށް ފުރަތަމަ ފަސް ޖެހުނު ނަމަވެސް
އޭނާގެ ބާރު އެޅުމާ އެކު، އަދި އޭރުގެ ޕްރޮގްރާމް ސެކްޝަނުގެ ކޯޑިނޭޓަރަކަށް
ހުންނެވި ޔޫސުފް ރިޔާޒުގެ ވެސް އެދުމުގެ މަތިން އޭރު އަޑުގެ އިސްވެރިޔާ ސަމަރުބުލޫ
އިބްރާހިމް މަނިކަށް ސިޓީއެއް ލިޔުނީ އެވެ.
"އެ ހިސާބުން އިބްރާހިނިކު
ގެންދަވާފައި އެއްސެވި މިކަމަކީ ކިހާ ވަރެއްގެ ކަމެއްކަން އެނގޭހޭ؟ ވަރަށް ބުރަވާނެޔޭ،
މުހިއްމު ކަމެއް އޮންނަ ދުވަސްކޮޅެއް ނަމަ ގެޔަށް ނުގޮސް ހޭލާ ހުންނަން
ޖެހިދާނެޔޭ،" ހިލްމީ 1991 ގެ ހަނދާންތައް އާކުރި އެވެ.
"އަޅުގަނޑު ދެންނެވިން ތި
ހުރިހާ ކަމެއް އެނގިގެންނޭ ކުރިމަތިލީ."
އެ ހަފުތާގެ ތެރޭގައި ޕްރޮގްރާމް
ސެކްޝަނަށް އޭނާ ބަދަލުކުރި އެވެ. އެ ހިސާބުން ފެށިގެން، ރިޓަޔާ ކުރެއްވުމާ
ހަމަޔަށް އޭނާ މަސައްކަތް ކުރެއްވީ އެ ސެކްޝަނުގަ އެވެ. "ދީނުގެ އަޑު"
ޗެނަލް އިފްތިތާހުކޮށްގެން ދުވަސްކޮޅަކު އެކަމުގެ އިސްވެރިޔަކަށް ހުރި ނަމަވެސް،
އޭނާގެ މުޅި ކެރިއަރު އެ ހިސާބުން ބިނާވީ ޕްރޮގްރާމް އުފެއްދުމަށެވެ.

ހިލްމީ އަޑުގެ ޕްރޮގްރާމަކަށް މީހެއްގެ އިންޓަވިއުއެއް ނަގަނީ.
ހިލްމީގެ އެންމެ ފާހަގަކުރެވޭ
އެއް ޕްރޮގްރާމަކީ ހަބަރުފީތާ އެވެ. ކޮންމެ ދުވަހެއްގެ މެންދުރު ހަބަރަށް ފަހު
އަދި ފަހުން، ރޭގަނޑުގެ ހަބަރަށް ފަހު ވެސް ގެނެސްދޭން ފެށި ކަރަންޓް އެފެއާޒް އެ
ޕްރޮގްރާމް އުފައްދައި، ހުށަހަޅައި ދިނުމަކީ އޭރު އަޑުގައި އޭނާގެ އެންމެ މުހިއްމު
އެއް ޒިންމާ އެވެ.
އަލީ އަބްދުﷲ އޭރު ހުށަހަޅަމުން
ދިޔަ އެ ޕްރޮގްރާމާ ހިލްމީ ހަވާލުވުމުން، ބައެއް އެހުންތެރިންނަށް އެކަން
ބަލައިގަންނަން އުނދަގޫވި އެވެ. އާއްމުކޮށް އިވޭ އަޑެއް ނޫން އަޑެއް އިވެން
ފެށުމުންނެވެ. ނަމަވެސް ފަހުން އެ ޕްރޮގްރާމްވީ ހިލްމީގެ ޓްރޭޑްމާކަކަށެވެ.
މާލޭ ބަނދަރުގައި އަޅާފައި ތިބޭ ފަޅުއޮޑިފަހަރުތަކުގެ
މީހުންގެ ވާހަކަތަކާ އެކު ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 1:30 ގައި ފޮނުވި
"ދަތުރުވެރިންނާ އެކު" ވެސް އެއީ ހިލްމީގެ ފާހަގަކުރެވޭ ޕްރޮގްރާމެކެވެ.
ހިލްމީ އަކީ 1996 އިން 2004 ގެ ނިޔަލަށް
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތޮޅުތެރެއަށް ކުރެއްވި ގިނަ ދަތުރުތަކުގެ ބައިވެރިއެއް
ވެސް މެ އެވެ. އެ ދަތުރުތަކުގެ ޖަލްސާތަކުގައި ރައީސް މައުމޫން ދެއްވި ތަގުރީރުތައް ކެސެޓަށް
ރެކޯޑް ކުރުމަށް ފަހު، ކޯސްޓްގާޑަށް އަރައި އޭގެ ރޭޑިއޯ ޓެލެފޯނުން، ރައީސް އޮފީހަށް
އިއްވައި ދިނުމަކީ އޭނާގެ ޒިންމާ އެވެ. މީޑިއާތަކަށް ރައީސް އޮފީހުން ފޮނުވާނީ
ހިލްމީ އިއްވައިދޭ ރެކޯޑިން އަޑުއަހައިގެން ލިޔާ ޚަބަރެވެ.
"އެފަދަ އެތައް ހަނދާންތަކެއް
އެބަހުރި،" ހިލްމީ ބުންޏެވެ.
އޭނާ އަޑުގައި ހޭދަކުރި ކޮންމެ
ދުވަހަކީ ވެސް ދިރިއުޅުމުގެ އެތައް ކަމެއް ދަސްކޮށްދިން ދުވަހެކެވެ. ރީތި ބަހުން މުއާމަލާތްކުރުމާއި ރަނގަޅު އަހުލާގާއި މީހުންގެ ތެރޭގައި އުޅޭނެ ގޮތް ދަސްވީ އެތަނުންނެވެ.
"އަޅުގަނޑު މީހަކަށް
ހަދައިދިނީ އަޑުން،"

ހިލްމީގެ ރިޓަޔާމަންޓް ހަފުލާގައި އާއިލާއާ އެކު.
އޭރުގެ އަޑަކީ މިއަދުގެ އަޑެއް
ނޫނެވެ. އޭރު އެއީ މުޅި ރާއްޖޭގެ އެންމެން އެހި އަދި އެ ތަނަކުން ފޮނުވާ ޚަބަރާއި ޕްރޮގްރާމްތަކުން އެތައް ކަމެއް އާއްމުން އުނގެނި، ދަސްކުރި ގައުމުގެ އެންމެ
ވަރުގަދަ އެއް މުއައްސަސާ އެވެ. މިއަދު މިދެކޭ ދިވެހިރާއްޖެ ބިނާކުރުމުގެ މުހިއްމު
ހިއްސާދާރެކެވެ.
"އެކަންކަމުގައި
ބައިވެރިވެ، ހިއްސާވެވުމަކީ ވަރަށް ބޮޑު އުފަލެއް،" ހިލްމީ ބުންޏެވެ.
އެކަމަކު މިއަދު އޭނާ ބޭނުންވަނީ
އެ މާޒީ އޭގެ ފޮނިކަމާ އެކު ރައްކާކުރުމަށް ފަހު އާއިލާއާ އެކު ވަގުތު
ހޭދަކުރާށެވެ. އަމިއްލަ މަސައްކަތެއް ފަހަރުގައި ކުރިޔަސް، އިތުރު ވަޒީފާއަކަށް
އަމުދުން ރާއްޖޭގެ އެހެން މީޑިއާއަކަށް ދިއުމުގެ އެއްވެސް ވިސްނުމެއް ނެތެވެ.
"އެކަމަކު އަޑުން ކޮންމެ
ކަމަކަށް ގޮވާލިޔަސް އެކަމެއް ކޮށްދޭން ހުންނާނީ ތައްޔާރަށް."
އެކަމާ އަޑުގެ އެއްވެސް މުވައްޒަފަކު
ޝައްކެއް ނުކުރާނެ އެވެ. ނަސްރު ލިޔުއްވާފައި އޮތް ފަދައިން އެތަނުގެ މަސައްކަތުގެ
މާހައުލުގައި ހިލްމީގެ މަގާމާއި އޭނާގެ ހިއްސާގެ އެހާ ވެސް ބޮޑެވެ. ހިލްމީގެ
ރިޓަޔާމަންޓަށް ފަހު އެ ބޭފުޅުން އޮފީހަށް ވަޑައިގެންނެވި ފުރަތަމަ
އިހުސާސް ކުރެވުނު ފަޅުކަމުން ބުނެދިނީ އެކަމެވެ.