16 ޖޫން 2016 - 07:59

"ދަ މަމީ" ފަދަ ހޮލީވުޑްގެ މަޝްހޫރު ފިލްމްތައް ކުޅެފައިވާ އެކްޓަރު ބްރެންޑަން ފްރޭޒާ އާއި އިންޑިއާގެ ތަރިންތަކަކާ އެކު ރޯހިތު ކާން ބަޓްރާގެ ފުރަތަމަ ފިލްމް ފީޗާ ފިލްމް "ދަ ފީލްޑް" ގެ ޝޫޓިން ފަށަން ތައްޔާރުވެއްޖެ އެވެ.

އިންޑިއާގައި މަންޒަރުތައް ނަގާ ފިލްމަށް ބްރެންޑަން މިހާރު ހުރީ ވެސް އިންޑިއާގަ އެވެ. ފިލްމުގެ ޝޫޓިން ރަސްމީކޮށް މާދަމާ ފަށާނެ އެވެ.

މާފިއާ އާއިލާއެއްގެ ތެރޭގައި ހިންގާ ގަޑުބަޑުތަކެއް ދައްކުވައިދޭ "ދަ ފީލްޑް" ގެ މަންޒަރުތައް ވެރި ރަށް ނިއު ދިއްލީ އާއި މުމްބާއީގައި ނަގަން ވަނީ ހަމަޖައްސައިފަ އެވެ. މި ފިލްމަކީ އިނގިރޭސި ބަހާއި ހިންދީ ބަހުން އުފައްދާ ފިލްމެކެވެ.
ފިލްމްގައި ބްރެންޑަން އާ އެކު ފެނިގެންދާ އިންޑިއާގެ ކާސްޓުންގެ ތެރޭގައި ކުރީގެ ފިލްމްތަކުގައި ނުބައިބައި ރޯލްތަކުން މަޝްހޫރު ޕްރޭމް ޗޯޕްޅާ އާއި ރޯނިތު ރޯއި (ބަޖާޖް) އަދި ޒުވާން ބަތަލާ ރާދިކާ އަޕްޓޭގެ އިތުރުން ނީރަޖް ކަބީ އާއި ވިނީތު ސިންގް ހިމެނެ އެވެ.
"ދަ ފީލްޑް" ގައި ބްރެންޑަން ފެނިގެން ދާނީ ބަރު ހަތިޔާރުގެ ވަގު ވިޔަފާރި އިންޑިއާގައި ހިންގާ ޗާރޫ ނަމަކަށް ކިޔާ ކެރެކްޓާއަކުންނެވެ.
މި ފިލްމް އެންމެ ފުރަތަމަ 2014 ގައި އިއުލާން ކުރި އިރު، ބްރެންޑަން، 47، ކުޅޭ ރޯލަށް ހަމަޖެއްސީ "ގުޑް ފެލާސް" އާއި "ދި އައިޑެންޓިޓީ" ފަދަ ފިލްމުތައް ކުޅެފައިވާ ރޭ ލިއޮޓާ، 61، އެވެ.
އެހެން ނަމަވެސް ފަހުން ސްކްރީންޕްލޭ އަށް ބަދަލުތަކެއް ގެނެސް، ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓް އެކުލަވާ ނިންމައިލި އިރު ޗާރޫގެ ކެރެކްޓާ އަށް އެންމެ ފިޓް ވަނީ ބްރެންޑަން ކަމަށް ޑައިރެކްޓަރު ބަޓްރާ ބުންޏެވެ.
"އެހެންވީމާ މިއީ މިފަދަ ފިލްމެއް ބްރެންޑަން އާ އެކު ހަދަން ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އަހަރެން ދެކެނީ،" 2012 ވަނަ އަހަރު ޕާމް ބީޗް އިންޓަނެޝަނަލް ފިލްމް ފެސްޓިވަލްގައި "ރައުންޑަބައުޓް" އިން އެންމެ މޮޅު ކުރުގެ ފިލްމުގެ ޖޫރީ ޕްރައިޒް ހޯދި ޑައިރެކްޓަރު ބުންޏެވެ.
"ދަ ފީލްޑް" ޕްރޮޑިއުސް ކުރަނީ ހެލީ ބެރީ ކުޅެފައިިވާ "ދަ ކޯލް" ފަދަ ފިލްމްތައް ޕްރޮޑިސްކޮށްފައިވާ ގާއި ޖޭ ލޫތަން އެވެ.
މި ފިލްމަކީ އޭނާ އިންޑިއާގައި ޝޫޓް ކުރާ ދެވަނަ ފިލްމެވެ.
ފުރަތަމަ ފިލްމަކީ ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ އާއި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޝް ހާޓްނެޓް ލީޑް ރޯލް ކުޅުނު 2013 ގެ ފިލްމް ދަ ލަވާސް (ސިންގިއުލަރިޓީ) އެވެ.