09 އެޕްރީލް 2017 - 06:25

މި އަހަރަކީ ޑިޒްނީގެ އެނިމޭޓެޑް ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނަ އަހަރަކަށް ނުވާނެ އެވެ. އެކަމަކު 2012 ވަނަ އަހަރު ގެނެސް ދިން، އޮސްކާ އަށް ނޮމިނޭޓްވި އެނިމޭޓެޑް ފިލްމް "ރެކް-އިޓް ރަލްފް" ސީކްއެލް އަންނަ އަހަރު ގެނެސްދޭން ވަނީ ނިންމައިފަ އެވެ. އެ ފިލްމް ރިލީޒްކުރާ ތާރީހާއި ފިލްމުގެ ނަން ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

"ޒޫޓޯޕިއާ" ޑައިރެކްޓް ކުރި ރިޗް މޯ އާއި ފިލް ޖޯންސްޓަން ޑައިރެކްޓް ކުރާ "ރެކް-އިޓް ރަލްފް" ސިނަމާ އަށް އަންނާނީ މާޗް 9، 2018 ގަ އެވެ.
ފިލްމްގެ ނަމަކީ "ރަލްފް ބްރޭކްސް ދި އިންޓަނެޓް: ރެކް-އިޓް ރަލްފް 2" އެވެ. މި ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކީ ޕްރިކްއެލް އަށް އަޑު އަޅައިދިން ފަންނާނުންގެ އަޑުތައް މި ފަހަރު ވެސް އިވުމެވެ.
އޭގެ ތެރޭގައި ޖޯން ސީ ރެއިލީ، ސާރާ ސިލްވަމަން އަދި ޖޭން ލިންޗް ހިމެނެ އެވެ.
ޑިޒްނީގެ އެނިމޭޓެޑް ފިލްމެއް މި އަހަރު ބެލުންތެރިންނާ ހަމައަށް ނައި ނަމަވެސް. މާޔޫސްވާކަށް ނުޖެހެ އެވެ. ސަބަބަކީ އެ ސްޓޫޑިއޯގެ ސިސްޓަ ކުންފުނި ޕިކްޒާގެ ދެ ފިލްމެއް މި އަހަރު ރިލީޒް ކުރަން ތާވަލްކޮށްފައިވާތީ އެވެ.
އެއީ ޖޫން 15 ގައި ރިލީޒް ކުރާ "ކާ 3" އާއި ނޮވެމްބަރު 22 ގައި ރީލީޒް ކުރާ "ކޮކޯ" އެވެ.