އެލައިޑް ތަކާފުލްއިން އަންހެނުންނަށް ހާއްސަކޮށްފައިވާ "ކަމަނަ ތަކާފުލް" ޕްލޭންގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މެއި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އެ ޕްލޭން ހިޔާރުކުރާ ފަރާތްތަކަށް ފުރަތަމަ މަހުގެ ކޮންޓްރިބިއުޝަން ހިލޭ ލިބޭނެ އެވެ. 

"ކަމަނަ ތަކާފުލް" އަކީ އަންހެނުންނަށް ހާއްސަ، އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ
ރައްކާތެރިކަމާ އެކު ފައިސާ ރައްކާކުރުމުގެ ޕްލޭނެކެވެ. މި ޕްލޭންގައި
މާލީ ރައްކާތެރިކަމާއި ދިގުމުއްދަތުގެ ސޭވިންގްސްގެ ފައިދާތައް
ހިމެނެ އެވެ. އޭގެ އިތުރުން މި ޕްލޭނަކީ ފައިސާ ރައްކާކުރުމާއި،
ރައްކާތެރިކަމާއި، ލުއިފަސޭހަކަން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. އަންހެނުންނަށް އެމީހުންގެ އާއިލާ ރައްކާތެރިކުރުމާއި އަމިއްލަ
މާލީ މުސްތަގުބަލު ބައްޓަންކުރުމުގެ ބާރުވެރިކަން މި ޕްލޭނުގައި ލިބޭނެ އެވެ. 

އެލައިޑުން ބުނީ މި ޕްރޮމޯޝަންގެ ބޭނުމަކީ ވީހާވެސް ގިނަ އަންހެނުންނަށް މާލީ
މިނިވަންކަން ހޯދައިދީ ދިގު މުއްދަތަށް ފައިސާ ރައްކާކުރުމަށް އެހީވެދޭނެ ފަސޭހަ މަގެއް ތަނވަސްކޮށްދިން ކަމަށެވެ. އަދި އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި އަންހެނުންގެ ބާރުވެރިކަން ފެށެނީ
ފައިސާ ރައްކާކޮށްދޭ، ރައްކާތެރިކަން ކަށަވަރުކޮށްދޭ، އަދި އަންހެނުންނާ އެކު
ކުރިއަރާނެ ފަދަ ހަރުދަނާ މާލީ ރޭވުމެއް އޮވެގެން ކަމަށް ވެސް އެކުންފުނިން ބުންޏެވެ. 

ކަމަނަ ތަކާފުލްގެ ދަށުން އެ ޕްލޭންގެ މުއްދަތު ހަމަވުމުން، ބައިވެރިވާ
ފަރާތްތައް ރައްކާކުރި ފައިސާ އާއި އެ ފައިސާއިން ލިބުނު ފައިދާ އަނބުރާ
ލިބޭނެ އެވެ. އަދި  ކޮންމެ ދެ އަހަރަކުން އެއްފަހަރު، ރައްކާކުރި ޖުމްލަ
އަދަދުގެ 5 ޕަސެންޓާ ހަމައަށް ފައިސާ ނެގުމުގެ ފުރުސަތު ލިބޭ "އެމަޖެންސީ ފަންޑެއް" ވެސް މި ޕްލޭންގައި ހިމެނެ އެވެ.  މިއީ
ދިގުމުއްދަތުގެ ސޭވިންގްސް އަށް ބުރޫނާރާނެހެން، ކުއްލިއަކަށް ކުރިމަތިވާ މާލީ
ބޭނުންތައް ފުއްދުމަށް އެހީތެރިވެދިނުމުގެ ގޮތުން އެ ޕްލޭންގައި ހިމަނާފައިވާ ފަންޑެކެވެ. 

"ކަމަނަ ތަކާފުލް" ޕްލޭނަކީ މަރުވުމާއި، ނުރައްކާތެރި ބަލިތަކާއި ދާއިމީ ނުކުޅެދުންތެރިކަން
ފަދަ ހާލަތްތަކުގައި ފުރިހަމަ މާލީ ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެކެވެ. މި
ޕްލޭންގެ ހުރިހާ މުއާމަލާތްތަކެއް ކުރިއަށްދާނީ އިސްލާމީ ޝަރީއަތުގެ ހަމަތަކާ
އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި އަންހެނުންގެ ސިއްހަތާއި މާލީ
ދުޅަހެޔޮކަމަށް އެލައިޑް ތަކާފުލްއިން ދޭ އަހައްމިއްޔަތު ހާމަކޮށްދިނުމުގެ ގޮތުން،
ކަމަނަ ތަކާފުލްގެ ބައިވެރިންނަށް ކޮންމެ ތިން އަހަރަކުން އެއްފަހަރު ހިލޭ
ކެންސަރު ސްކްރީނިންގް ހެދުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. 

އެލައިޑް ތަކާފުލްގެ މަގްސަދަކީ، އާއިލާތަކަށާއި ވަކިވަކި ފަރުދުންނަށް
އިތުބާރާއި ހިތްހަމަޖެހުމާއެކު މުސްތަގްބަލު ރޭވުމަށް އެހީތެރިވެދޭނެ ފަދަ،
ރައްކާތެރިކަން ކަށަވަރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުންޏެވެ.