08 އެޕްރީލް 2017 - 10:45

ޓިއުރިން (އޭޕްރިލް 8) – އިޓަލީ އާއި ޔުވެންޓަސްގެ ތަޖުރިބާކާރު ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފި އެވެ.
އެންމެ މަތީ ފެންވަރުގައި ކުޅެމުން ކިއެލީނީ ހަމައެކަނި ޑިގްރީ ހާސިލްކުރީއެއް ނޫނެވެ. އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ލިއުނު ތީސީސްއަށް ވަނީ އެންމެ މަތީ ޑިސްޓިންކްޝަން ލިބިފަ އެވެ. ޔުނިވާސިޓީ އޮފް ޓިއުރިންގެ ސްކޫލް އޮފް މެނޭޖްމަންޓް އެންޑް އިކޮނޮމިކްސްގައި އޭނާ، ތީސީސް ލިޔުނީ ޔުވެންޓަސްގެ ބިޒްނަސް މޮޑެލާ ބެހޭގޮތުންނެވެ.
ފުޓްބޯޅަ ކެރިއަރަށް ފަހު ގިނަ ކުޅުންތެރިން އިހުތިޔާރުކުރަނީ ކޯޗިން ނުވަތަ އަމިއްލަ ވިޔަފާރި އެވެ. ބައެއް ކުޅުންތެރިން ފުޓްބޯޅަ ހިންގުމުގެ ދާއިރާގައި މަސައްކަތްކުރި ނަމަވެސް ތައުލީމީ ގޮތުން އެކަމަށް ކުރިއާލާ ތައްޔާރެއް ނުވެ އެވެ.
ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ތައުލީމީ ގޮތުން އެންމެ މަތީ ފާހެއް ހާސިލްކުރި އެއް ކުޅުންތެރިޔަކީ 1982 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވިދާލި ބްރެޒިލްގެ ސޮކްރަޓީސް އެވެ. އޭނާ ވަނީ ކުޅެމުން މެޑިސިން ކިޔެވުމަށް ފަހު ކުޅުން ހުއްޓާލުމަށް ފަހު ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
އިޓަލީ ގައުމީ ޓީމަށް 2004 ވަނަ އަހަރުން ފެށިގެން އަދި ޔުވެންޓަސް އަށް 2005 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ކިއެލީނީ އަކީ އިޓަލީން އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރެވެ. ކިއެލީނީ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ މެޗެއްގައި އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒްގެ އޭނާގެ ކޮނޑުގައި ދަތްއެޅުމުންނެވެ.