އުހޫން ތަކުރާ އާއި މުނާފިގު ސްޕޮންޖާއި އައްޑަގުޑާރާއި ފޮށި ފަންކާ ފަދަ ބަސްތައް އަމުނައިގެން ވާހަކަ ދައްކާއިރު، އެ ބަސްތަކަށް ފަރިތަ ނޫން މީޙަކު ޖެހޭނީ އިރުކޮޅަކު ވިސްނަން އިންނާށެވެ. އެ ބަސްތައް ލައިގެން ލާނެއް ބަހުރުވައިގައި ހދ. ކުޅުދުއްފުށި މީހުން ވައްޓައެއް ނުލެވޭނެ އެވެ.
ހދ. އަތޮޅުގެ މީހުންގެ ގާތުގައި ހދ. ކުޅުދުއްފުށީ މީހުންނަކީ ކޮން ކަހަލަ ބައެއްތޯ ސުވާލުކޮށްފި ނަމަ، ފުރަތަމަ ވެސް ޖަވާބަކަށް ވާނީ އެއީ ލާނެއް ބައެއް ކަމަށެވެ. ޖެއްސުމަށް ނޫނީ މަޖަލަކަށް ހަދައި އެ މީހުން އެ އުފައްދާ އާދަޔާ ހިލާފު ބަސްތަކުގެ ހަގީގީ މާނަ އެނގޭނީ ކުޅުދުއްފުށީ މީހުންނަށް އެކަންޏެވެ. އަވަގުރާނަ އެ ގޮވާލަނީ ކައިރީގައި ވާހަކަ ދައްކަން އިންނަ މީހާއަށް ވެސް ނޭނގޭ ގޮތަށް ބަސްމަގު އެހާ ރީތިކޮށެވެ. ސަމާސާ ބަސްމަގުގައި އެހާ ވެސް އެ މީހުން މޮޅެވެ.
ކުޅުދުއްފުށީގައި ވާހަކަ ދައްކަނީ އުތުރުގެ އެހެން ހިސާބުތަކުގައި ވެސް ވާހަކަ ދައްކާ ގޮތަށް ދިވެހި ރަސްމީ ބަހުންނެވެ. އެކަމަކު ވަރުގަދަ ރާގެއް ވާހަކަ ދެއްކުމުގައި އެމީހުން ގެންގުޅެ އެވެ.
ރަސްމީ ދިވެހި ބަހުން އެ މީހުން ވާހަކަ ދެއްކިޔަސް އުތުރުގެ އެހެން ރަށްތަކާ މި ރަށް ތަފާތު ވަނީ ކޮންމެ ބަހެއް ވެސް ދެތިން ގޮތަށް މާނަކުރާތީ އެވެ.
އެ ރަށު އާރިފް އަލީ ބުނީ ކުޅުދުއްފުށީގައި ކޮންމެ ބަހެއް ވެސް ތިން ގޮތަކަށް މާނަކުރާނެ ކަމަށެވެ. އޭގެ ތެރޭގައި މީހަކު ހެއްވާލާ ގޮތަށް ބަސް ބޭނުން ކުރުމާއި ފަހު ބަސް ނިންމާލުމުގައި އެ ބުނާ އެއްޗެއްގެ ނިޔަތް ނޭނގޭ ގޮތަށް ނިންމާލުން ހިމެނެ އެވެ.
"ނުބައި އެއްޗެއް ވިޔަސް ރަނގަޅު އެއްޗަކަށް ވިޔަސް ބުނާނީ އެ މީހަކަށް އެ މާނާކުރަން ނޭނގޭ ގޮތަށް. އެ ބުނީ ކޯޗެއްކަން ނޭނގޭގޮތަށް ފަހު ބަސް ނިންމާފައި ހުންނާނީ،"
އާރިފް ބުނީ އެއީ ސަމާސާ ކުރުމުގެ ތެރެއިން އައިސްފައިވާ ކަންކަން ކަމަށެވެ. އެންމެ އިހުން ފެށިގެން އެ ރަށުގައި ބަސްމަގު ގެންގުޅެފައި ހުރީ އެގޮތަށެވެ. އެމީހުންނަށް އެކަނި އެބުނާ މާނައެއް އެނގޭ ގޮތަށް، އެހެން މީހުން އުފާކޮށްދީ ހިތްހަމަޖައްސައިދިނުމަށެވެ.

ހދ. ކުޅުދުއްފުށި: މި ރަށަކީ ދެ މާނަ އެކުލެވޭ ބަސްތައް ގިނަ އަދަދަކަށް ބޭނުންކުރާ ރަށެއް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދެ މީހުންގެ މެދުގައި ހިނގާ މުއާމަލާތްތައް ޝައުގުވެރިކޮށް ކުރިއަށް ގެންދިއުމަށް އެފަދަ ބަސްމަގެއް ބޭނުންކުރަމުން އަންނައިރު އާރިފް ބުނީ އޭގެ ސަބަބުން ނިންމާލުމުގައި އެ ބޭނުންކުރާ ބަހެއްގެ މާނަ ހޯދުމަށް ވެސް ދެން އެ ވާހަކައިގައި ބައިވެރިވާ އަނެއް މީހާގެ ޝައުގު ބޮޑުވާ ކަމަށެވެ.
"ހާއްސަކޮށް މި ރަށުގެ މީހުންނަށް އެނގޭނެ އެ ބުނީ ކޯއްޗެއްކަން. އެކަމަކު އަނެއް މީހާއަކަށް ނޭނގޭނެ. އެމީހާ އުފާވާނެތާ. އެހެންވެ އެ ވާހަކަ ދައްކާ މީހާ ހިތްހަމަޖައްސަންދާ ގޮތްގޮތް އެއީ. ޝައުގުވެރިކަން އުފައްދަން،"
"އެ މީހާއަށް އެއްޗެއް ދީފައިތާ އެ ނިންމާލަނީ. އެކަމަކު އެ ބުނީ ކޯއްޗެއް ކަމެއް އަނެއް މީހާއަށް ނޭނގެންޏާ އެ މަސައްކަތްކުރާނެތާ ހޯދަން. އެކަހަލަ ގޮތަކަށް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އެ ބަސްމަގު ބޭނުންކުރަން ފެށުނު ގޮތާ ގުޅިގެން އާރިފް ބުންޏެވެ.
ޒުވާން އާ ޖީލު މިކަމަށް އެހާ ފަރިތަވެފައި ނެތަސް އެރަށުގެ މެދު އުމުރުގެ މީހުންނާއި ދުވަސްވީ މީހުންގެ ބަސްމަގު އަދިވެސް ހުންނަ ގޮތަކީ އެއީ އެވެ.
އާރިފް ބުނި ގޮތުގައި ބަސްތައް ބޮލަށް އަންނާނީ ދިމާވާ ކަންކަމުގެ ތެރެއިން ކަމަށެވެ.
"މިހާރު ބަސްބަސް އަންނާނީ ދިމާވާ ކަންކަމުގެ ތެރެއިން އެއްޗެއް ބުނެވޭނީ. ހިނގާ ކަމެއްގެ ތެރޭގައި އެކަމެއް ނިންމާލަން ބުނެލާނީ އެކަހަލަ އެއްޗެއް. އެެހެން ހުރެފައި ވަރަށް ނުބުނާނެ. ގިނަ ފަހަރަށް މީހަކު ފެންނައިރަށް ވެސް ބުނެވޭނީ ނުބައި އެއްޗެއް. އެކަމަކު އެމީހާއަށް ނޭނގޭ ގޮތަކަށް. އެކަމަކު މިރަށު މީހުންނަށް އެނގޭނެ އެބުނީ ކޯއްޗެއްކަން،" ހިނިގަނޑެއް ޖަހާލާފައި އޭނާ ބުންޏެވެެ.

އާރިފް "މިހާރު" އަށް އިންޓަވިއު ދެނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެ ރަށުގައި ބައެއް ތަކެއްޗަށް ވެސް މަޖާ ނަންތަކެއް ކިޔާ އުޅެ އެވެ. މިސާލަކަށް ބުނަންޏާ ރިމޯޓަކީ "ފިއްޖެހިފޯލި" އެވެ. އެ ނަން އުފެދިފައި ވަނީ ރިމޯޓަކީ ފޯއްޏެއްހެން އޮންނަ އެއްޗަކަށްވެފައި އޭގައި ފިއްތަކެއް ހުންނާތީ އެވެ.
އެފަދަ އަނެއް ބަހަކީ "މުނާފިގު ސްޕޮންޖް" އެވެ. އެ ނަން އައީ ތަށި އެއްޗެހި ދޮވުމަށް މި ބޭނުންކުރާ ސްޕޮންޖު އޮންނަނީ ދެ ފުށް ދެ ގޮތަށް ކަމަށްވާތީ އެވެ. އެ ރަށު މީހުން ބުނީ ދެފުށް ދެގޮތް ވުމަކީ މުނާފިގުވުން ކަމަށާއި އެހެންވީމަ އެއަށް ނަން ދީފައި އޮތީ ހަމަ ރަނގަޅަށް ކަމަށެެވެ.
އެމީހުންނަށް އެއާކޯނަކީ "ފޮށި ފަންކާ" އެވެ. ފޮއްޓެއް ގޮތަށް އިންނަ އަދި ފަންކަލެއްހެން ފިނިވަންޏާ އެ ނަމުގައި ވެސް މައްސަލައެއް ނެތް ކަމަށް އެ މީހުން ބުނެ އެވެ.
"އަސްލުގައި ހަމަ ވިސްނާލައިފީވިއްޔާ އެއީ ހަމަ ރަނގަޅު ވާހަކައަކަށް ވާނީ. މިސާލަކަށް ބަލަމާ ހިނގާ މިރަށު މީހުން އެއާކޯނަށް މިކިޔަނީ. ފޮށި ފަންކާ. އަސްލު ހަމަ ރަނގަޅުތާ ފޮއްޓެއް ވިއްޔާ އެއީ. މިރަށު މީހުން ކީ އެއްޗެއް އެއީ ދޮންނަ ސްޕޮންޖަށް މުނާފިގު ސްޕޮންޖް ވެސް. އަސްލު މުނާފިގުތާ، ދެފުށް ދެގޮތް އެއްޗިއްސަށް ކިޔަނީ މުނާފިގެއްނު،"

ކުޅުދުއްފުށީގެ ދުވަސްވީ މީހަކު ޖޯއްޔެއްގައި އިށީނދެލައިގެން-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިސްރާބު ބެލުމަށް ފިލާގަނޑު އަޅައިގެން ދުރުމީ ބަހައްޓައިގެން މި ހުންނަ ހުރުމަށް މި ރަށުގައި ކިޔަނީ "ގޮއިދުރުވާނު" އެވެ. އަދި "އައްޑަގުޑާރު" އަކީ އެމީހުން އެސްކަވޭޓަރު ނުވަތަ ހައިމާކަށް ކަހަލަ އަޑުގަދަ އެއްޗެއްސަށް ބޭނުންކޮށް އުޅޭ ނަމެކެވެ.
ދެން އެންމެ މަޖާ ބަހަކަށް އިވުނީ "އުހޫން ތަކުރާ" އެވެ. އެއީ "ޑޯ ކްލޯޒާ" އަށް މި މީހުން ކިޔާ އުޅޭ ނަމެކެވެ. އެ ނަން ދީފައި ވަނީ ދޮރު ހުޅުވާލާއިރު އެ އިވޭ އަޑަށް ނިސްބަތްކޮށެވެ.
"އުހޫން ތަކުރާއަކީ ޑޯ ކްލޯޒާއަށް މިރަށު މީހުން ކިޔާ އެއްޗެއް. ހަމަ ރަނގަޅެއްނު. ވާހަކައަކީ ހުޅުވާލާއިރަށް އެބަ ހިފަހައްޓާލާތާ އުހޫންއުހޫން ކިޔާފައި."
އޭނާ ބުނީ އެ ނަންތަކަކީ ހަމަ ރަނގަޅު ނަންތަކެއް ކަމަށެވެ. ރަނގަޅަށް ވިސްނާލުމުން ނަމާއި އެ ބޭނުންކުރާ ގޮތާ ވެސް ގުޅޭ ކަމަށެވެ.
ރަށުން ވާހަކަ ދެއްކި އިތުރު މީހަކު ބުނީ ރަށުގެ އުތުރު އަވަށުގެ ކޮރަލް ދަނޑު ހިމެނޭ ސަރަހައްދާއި ދެކުނު އަވަށުގެ މީހުންގެ ވާހަކަ ދެއްކުމުގައި ވެސް ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުންނަ ކަމަށެވެ. އެކި މާނަ އެކުލެވޭ ގޮތަށް ވާހަކަ ދެއްކުމަކީ ރަށުގެ ސަގާފަތެއް ކަމަށް އެމީހުން ގަބޫލުކުރެ އެވެ.
"އެ ބޭނުންކުރާ މަޖާޒީ ބަސްތަކުގައި ވެސް ބަދަލުތަކެއް ހުންނާނެ. ދެން މި ރަށަކީ މިހާރުގެ ގޮތަށް ބުނަންޏާ ދެ މާނަ އެކުލެވޭ ގޮތަށް ބަޔަކު ދަސްކޮށްގެން ވާހަކަ ދައްކާ ރަށެއް ނޫން. މިއީ މި ރަށުގެ ސަގާފަތެއް،"

ކުޅުދުއްފުށީގައި ކުދިންތަކެއް މަގުމަތީގައި ކުޅެނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭގެ ސަބަބުން ކުދިން ބޮޑެތިވެގެން އަންނައިރު ވެސް އެމީހުންނަށް ވެސް އެމީހުންގެ ޒަމާނާ ގުޅޭ ގޮތަށް ބަސްތައް އުފެއްދުމާއި މާނަ ނަގަން އެނގޭ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން ކާފަމެން އުމުރު ނޫނީ ބައްޕަމެން އުމުރުގެ މީހުން، މީހަކު ކައިރީގައި ބަހައްޓައިގެން އެމީހާއަށް އެ ދައްކަނީ ކޮން ވާހަކައެއްކަން ނޭނގޭ ވަރަށް ވާހަކަ ދައްކާ މީހުން އަދިވެސް އުޅޭނެ،"އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ރަށުގައި ބައެއް އަކުރުތައް ގެންގުޅޭ ގޮތް ވެސް ތަފާތެވެ. މިސާލަކަށް "އިއްޔެ" ކިޔާއިރު "ޔެ" ގެ ބަދަލުގައި އަޑު އަންނާނީ "ޖެ" ކިޔާ ގޮތަށެވެ. އަދި "މަވެސް" ކިޔުމުގައި ބޭނުންކުރަނީ "މަވަސް" އެވެ. "ކަލޭ" އަކީ އެމީހުން އާންމުކޮށް އަނެއް މީހާއަށް ނިސްބަތްކުރުމުގައި ބޭނުންކުރާ އާންމު ބަހެކެވެ. އެއީ ރުޅިއަކުން ބޭނުންކުރާ ގޮތެއް ނޫނެވެ.
"ބައެއް މީހުންނަށް އޮޅޭނެ މީނަ މިހުރީ ރުޅިއައިސްފައިބާވައޭ. ހިތްހަމަނުޖެހިފައިބާއޭ މިހުންނަނީ، އަނެކުން އަޑުއަހާއިރުގައި އެ އުނދަގޫ އަންނާނީ. އެކަމަކު އެއީ ހަމަ ރީތި ބަސް މި ރަށުގައި،"

ކުޅުދުއްފުށީ މަގެއްގައި ބަޔަކު ސައިކަލުގައި ދަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"މިރަށު މީހުން އަންނާށޭ ބުނާއިރު ބުނާނީ އަންނަގަ. ދާށޭ ބުނަން ދަގަ. ފަހަތަށް އަންނާނެ ގަ. ތަންކޮޅެއް އަމުރުވެރި ފާޑަކަށް އެކަމަކު އަމުރެއް ނޫން." އުތުރުގެ ހިސާބުތަކުގައި ބަސް އެގޮތަށް ބޭނުންކުރާކަން ފާހަގަކޮށް އޭނާ ބުންޏެވެެ.
ތަފާތު މާނަތައް ދޭހަވާ ގޮތަށް އެމީހުން ވާހަކަ ދެއްކުމުގައި ބަސްމަގު އުފައްދަމުން އަންނައިރު އެމީހުންނަކީ ލާނެއް ބައެއްކަން 2000 އިން ފެށިގެން އެރަށުގައި ބާއްވަމުން އަންނަ "މަށިމާލި ޕެރޭޑް" އިން ވެސް އެނގެ އެވެ. މިފަހަކުން އެ ޕެރޭޑަށް މުޅި ރާއްޖޭގެ ސަމާލުކަން ބޮޑުވިޔަސް އެންމެ ކުރިން ފެށިގެން އެ ޕެރޭޑަކީ ރަށުގެ ސަމާސާ ބަސްމަގާ އެކު ބާއްވަމުން އައި ޕެރޭޑެކެވެ. އެހާ ވެސް ކްރިއޭޓިވް އެވެ.

ކުރިން ބޭއްވި މަށިމާލި ޕެރޭޑެއްގައި "އަލަތު ފްލެޓް" ފްލޯޓް -- ފޮޓޯ: ވޮއިސް އޮފް ކުޅުދުއްފުށި
ރާއްޖޭގައި ހުރި ގައުމީ ބޮޑެތި މައްސަލަތަކާއި ސީރިއަސް ނުވަތަ ހޫނު މައުލޫތައް އެ ގެނެސްދެނީ މީހުން ހެއްވާލާނެ ގޮތަކަށެވެ. މީހެއްގެ ނަމެއް ބޭނުންނުކުރިޔަސް އެންމެނަށް ވެސް އެމީހުން އިޝާރާތްކުރަނީ ކޮން ކަމަކަށްކަން އެނގޭވަރުކޮށްލަދެ އެވެ.

މަށިމާލި ޕެރޭޑުގައި ކަރަންޓު ބިލުތައް އަގު ބޮޑުވާ މައްސަލަ ގެނެސްދީފައި.-- ފޮޓޯ: ޖައުފަރު އަލީ
އެ އިރެއްގައި އެންމެ ގަދައަށް އެެދެކެވޭ ވާހަކަތައް، މަޖާ ގޮތަކަށް ގެންނަނީ އެ ރަށުގެ އެތައް ބަޔަކު އެއްވެ އެކަމަށް މަޝްވަރާކޮށް އެ އަންނަ ހިޔާލުތަކާ އެކު އެވެ. ރާއްޖޭގެ އެކި ހިސާބުތަކުން އެންމެ އިންތިޒާރުކުރާ އީދު ކުޅިވަރަށްވީ ބަސްމަގާއި ހުށަހެޅުމުގެ މޮޅުކަމުންނެވެ.
އެހެންވީމަ، މިއީ ވެސް އެމީހުންގެ ހުނަރެކެވެ. އެ ދުވަސްވަރެއްގެ ޓްރެންޑަކަށް ބަސްމަގު އުފެއްދުމުގައި ހަމަ މުޅި ރާއްޖޭގައި ވެސް ކުޅިދުއްފުށީ މީހުން ވަރެއް ނެތެވެ.