ލިވަޕޫލުގެ މާނޭ އަށް ސީޒަން ނިމިއްޖެ
ލިވަޕޫލުގެ މާނޭ އަށް ސީޒަން ނިމިއްޖެ

ލިވަޕޫލް (އޭޕްރިލް 8) – ލިވަޕޫލުގެ ސެނެގޯލް ފޯވާޑް ސަޑިއޯ މާނޭގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް ސީޒަން ނިމިއްޖެ އެވެ.

ޕްރިމިއާ ލީގުގައި ބާކީ އޮތް ހަތް މެޗު އޭނާ އަށް ގެއްލެން ދިމާވީ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު އެވަޓަން އަތުން 3-1 އިން ލިވަޕޫލް މޮޅުވި މެޗުގައި އެވަޓަންގެ ލެއިޓަން ބެއިންސްއާ އެކު ބޯޅައަށް މަސައްކަތްކުރަނިކޮށް ލިބުނު އަނިޔާއާ ގުޅިގެންނެވެ.

ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ އަނިޔާއިން ސަލާމަތްވުމަށް އޮޕަރޭޝަނެއް ކުރަން ޖެހޭކަން ގާތްގަނޑަކަށް ޔަގީންވެފައިވާ ކަމަށާއި އެހެންކަމުން މި ސީޒަނުގައި އޭނާ އަށް ކުޅެވުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

ސައުތުހެމްޓަން އިން 34 މިލިއަން ޕައުންޑަށް މި ސީޒަނުގައި ލިވަޕޫލާ ގުޅުނު ފޯވާޑް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސަބަބުން އަދި އަނިޔާގެ އެހެން މައްސަލައަކާ ގުޅިގެން އޭނާ އަށް މެޗުތަކެއް ގެއްލުނެވެ.

މިދިޔަ މަހު އިންގްލެންޑަށް ކުޅެނިކޮށް ފަލަމަސްގަނޑަށް އަނިޔާވި ލިވަޕޫލުގެ އެޑަމް ލަލާނާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި އެކަމަކު އޭނާ އަދި ޕްރެކްޓިހުގައި ބައިވެރިވާން ނުފަށާ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ. ފެބްރުއަރީ މަހު އަނިޔާވި ކެޕްޓަން ޖޯޑަން ހެންޑަސަން ވެސް ރަނގަޅުވަމުން އަންނަ ކަމަށާއި އެކަމަކު އޭނާ އަށް ވެސް ޕްރެކްޓިހުގައި ބައިވެރިވެވޭނެ ދުވަހެއް ކަށަވަރުނުވާ ކަމަށް ކްލޮޕް ބުންޏެވެ.

ލިވަޕޫލް އޮތީ 60 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގަ އެވެ. މިރޭ ރާއްޖެ ގަޑިން 7 ޖަހާއިރު އެ ޓީމު ނުކުންނާނީ ސްޓޯކް ސިޓީއާ ދެކޮޅަށެވެ.