08 އެޕްރީލް 2017 - 01:11

ދެ ވަނަ ހާފުގައި އެޑްރިއަން ގަލާޑޯ ވައްދާލި ލަނޑާ އެކު ކްލަބް ވެލެންސިއާ އަތުން 1-0 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގުގެ އެއް ވަނައިގައި ނިއު ރޭޑިއަންޓުން ލީޑު ފުޅާކޮށްފި އެވެ.

ތިން މެޗު ކުޅެގެން ނުވަ ޕޮއިންޓާ އެކު ނިއު އެއް ވަނައިގައި އޮތްއިރު ދެ މެޗު ކުޅެފައިވާ ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ ޓީސީ އެވެ. ވެލެންސިއާ އޮތީ ތިން މެޗުން އެއް ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.

މިރޭގެ މެޗު ނިއު އިން ކޮންޓްރޯލްކޮށްގެން ކުޅެ ގިނަ ފުރުސަތުތަކެއް ހޯދިއިރު ކައުންޓާ އެޓޭކުގައި ވެލެންސިއާ އިން ވެސް ނިއު ހާސްކޮށްލި އެވެ.
ނިއު އަށް ފުރަތަމަ ހާފުގައި ގޯލް ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 26 ވަނަ މިނެޓުގަ އެވެ. އެ ޓީމުގެ ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައެއް ހޯދައި ގަލާޑޯ އަރިމަތިން ފޮނުވާލި ބާރު ބޯޅަ ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ފައިސަލް މަތަކުރި އެވެ. އޭރު އެ ބޯޅައަށް އަލީ ފާސިރު (ސެންޓޭ) ވެސް ހުރީ ހުހަށް އަރަ އެވެ.
އޭގެ މިނެޓެއް ފަހުން އޭރިއާ ބޭރުން ސެންޓޭ ފޮނުވާލި ބާރު ބޯޅަ ގޯލުގެ ހުރަސް ދަނޑި މަތިން ދިޔައިރު، 33 ވަނަ މިނެޓުގައި މުހައްމަދު ރަޝީދު (ހޮކޭ) ނެގި ހުރަސް ހުހަށް ހުރި ސެންޓޭގެ ބޮލުގައި ލައްވާލާ ގޮތެއް ނުވި އެވެ. އޭގެ ފަހުން 35 ވަނަ މިނެޓުގައި އަކްރަމް އަބްދުލްގަނީ ކޯނަރަކުން ހުރަސްކުރި ބޯޅަ ނިއުގެ ޑިފެންޑަރު މާކޮވިޗް ސްޓެވާން ބޮލުން ޖެހުމުން ހުރަހަކަށްވީ ހުރަސް ދަނޑި އެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅު ވެލެންސިއާ އަށް ރަނުގެ ދެ ފުރުސަތެއް ލިބިގެން ދިޔަ އެވެ. އެގޮތުން 40 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އަހުމަދު ރިލުވާނަށް ލިބުނު ބޯޅަ، އޭނާ އަށް ބޭނުން ގޮތަކަށް ޖަހަން ލިބުނު ނަމަވެސް އަތުން ދޫވީ އެވެ. އޭގެ މިނެޓެއް ފަހުން ރިލޭ ދިން ބޯޅަ އޭރިއާ ތެރެއިން އޮމޮޑޫ ގޮޑްފްރޭ ވެސްޓް ޖެހުމުން ދިޔައީ ދަނޑި މަތިންނެވެ.
ދެ ވަނަ ހާފު ފެށިގެން ދިޔައީ ވެސް ވެސްޓުގެ ހަމަލާއަކުންނެވެ. މި ފަހަރު އޭނާ ފޮނުވާލި ބޯޅަ ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދު މަތަކުރި އެވެ.
ދެން ފެނިގެން ދިޔައީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ނިއުގެ ހަމްޕުގެ ދެ ހަމަލައެކެވެ. އޭނާ 51 ވަނަ މިނެޓުގައި ޖެހި ޝޮޓް ފައިސަލް މަތަކުރިއިރު 56 ވަނަ މިނެޓުގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސްވެގެންނެވެ.
ލަނޑެއް ނުޖެހި ނިއުގެ ހާސްކަން ބޮޑުވެފައިވަނިކޮށް މަންޒަރު ބަދަލުކޮށްލީ ސްޕެއިން ފޯވާޑް ގަލާޑޯ އެވެ. މެޗުގެ 77 ވަނަ މިނެޓުގައި ހަމްޕު ގޯލަށް ފޮނުވާލި ބޯޅަ، ފައިސަލް ވެއްޓިގެންފައި މަތަކުރި ނަމަވެސް އެ ބޯޅަ ލިބުނީ ގޯލް ކުރިމަތީ ހުހަށް ހުރި ގަލާޑޯ އަށެވެ. އޭނާ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބާރު ޝޮޓަކާ އެކު ގޯލް ވައްދާލައިފަ އެވެ. މިއީ އޭނާ ތިން މެޗުން ޖެހި ހަތަރު ވަނަ ގޯލެވެ.
މި ލަނޑާ އެކު ނިއު އިން މޮޅަކާ އެކު މެޗު ނިންމަން ދަނިކޮށް ވެލެންސިއާ އިން އެއްވަރުކުރުމާ ވަރަށް ގާތަށް ދިޔަ އެވެ. އެ ޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި ވެސްޓް ބޯޅަ ހިފައިގެން އަރައި އޭރިއާ ތެރެއިން ހުސްކޮށް ހުރެ ޖަހަން ލިބުނު ނަމަވެސް ދިނީ ރިލޭ އަށެވެ. ގޯލުގެ އަނެއް ފަޅީގައި ހުރި ރިލޭ އަށް މުޅިން ހުސްކޮށް ލިބުނު ނަމަވެސް އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.
ނިއުގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނީ ފުރަތަމަ ހާފުގައި ފުރުސަތު ލިބި ބޭނުން ނުކުރެވުނު ކަމަށާއި ދެ ވަނަ ހާފުގައި ބަދަލުތަކަކާ އެކު ނުކުމެ ނަތީޖާ ބަދަލުކޮށްލި ކަމަށެވެ.
"މިއީ ހައްގު މޮޅެއް. އެކަމަކު ވެލެންސިއާ ވެސް ފެނިގެން ދިޔައީ ވަރަށް ވަރުގަދަކޮށް. މިގޮތަށް ކުޅޭ ނަމަ ކުރިއަށް ހުރި މެޗުތަކުން އެ ޓީމު ތަފާތު ދައްކާނެ،" ޓަވަރޭސް ބުންޏެވެ.
އޭނާ ބުނީ ދިވެހި ކުޅުންތެރިން ވެއްޓެނީ މާއަވަހަށް ކަމަށާއި އޭގެ ސަބަބުން ސަޕޯޓަރުންނަށް ރީތި މެޗެއް ފެނިގެންނުދާ ކަމަށާއި މިއީ ރަނގަޅުކުރަން ޖެހޭ ކަމެއް ކަމަށެވެ.
ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ކުރިއާ ބަލާއިރު ވެލެންސިއާގެ މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް ލިބިއްޖެ ކަމަށާއި އެކަމަކު މިރޭ މޮޅެއް ނުލިބުމުން މާޔޫސްވެފައިވާ ކަމަށެވެ.
"ފުރުސުތުތައް ލިބި މޮޅުނުވުމުން މާޔޫސްވެއްޖެ. މިއީ (ނިއުއަށް) ހައްގު ނަތީޖާއެއް. ފުޓްބޯޅައިގައި މިފަދަ ނަތީޖާތައް ނުކުންނާނެކަން އެނގި ތިބެ އެކަމަށް ތައްޔާރުވެގެން ނުކުންނަނީ. އަދި އެކަމަށް އިހުތިރާމް ކުރަން ޖެހޭ. އެކަމަކު މިއީ ވެލެންސިއާ އަށް ރަނގަޅު ނަތީޖާއެއް ނޫން،" ފެސްކޯ ބުންޏެވެ.
ފެސްކޯ ބުނީ މިހާރު ކުރިއަށޤދާ ފުޓްސަލް މުބާރާތްތަކުގެ ސަބަބުން ދަތިތަކެއް ދިމާވެފައިވާ ކަމަށާއި އެ މުބާރާތްތަކުގައި ކުޅެން އޮފީސް ޓީމަށް ވީއްލަން ޖެހިގެންނާއި ކުޅެނިކޮށް އަނިޔާވެގެން ވެލެންސިއާގެ މުހިއްމު ބައެއް ކުޅުންތެރިންނަށް ނުކުޅެވޭ ކަމަށެވެ. އޭގެ ތެރޭގައި އަހުމަދު ވިސާމް (ޖެރާޑް) އަދި އިބްރާހިމް ހަމްދާން ހިމެނެ އެވެ.