ކޯޓު އަމުރެއްގެ ދަށުން ފުލުހުން އަލީމްގެ ގެ ފާސްކޮށް ފޯނު ހިފަހައްޓައިފި
ކޯޓު އަމުރެއްގެ ދަށުން ފުލުހުން އަލީމްގެ ގެ ފާސްކޮށް ފޯނު ހިފަހައްޓައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެމުންދާ ކަމަށް ބުނާ މައްސަލައާ ގުޅިގެން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމްގެ ގެ ފާސްކޮށް އޭނާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓައިފި އެވެ.

އަލީމްގެ މައްޗަށް ތުހުމަތުކުރަނީ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވާއިރު މެންބަރުންނަށް ރިޝްވަތު ހުށަހަޅައި، ރިޝްވަތުގެ ފައިސާ ގޭގައި ބަހައްޓާފައި ހުރި ކަމަށެވެ. އެހެންވެ މިކަމާ ގުޅުން ހުރި ހެކި ހޯދުމަށް، އަލީމް އުޅުއްވާ ގެ ކަމަށްވާ، ގ.އުފުރިޔާ ފާސްކުރުމަށް 48 ގަޑިއިރުގެ ވަގުތު ކޯޓުން ވަނީ ދީފަ އެވެ.

އަލީމްގެ ފޯނު ތިން މަސް ދުވަހަށް ފުލުހުންނާ ހަވާލުކުރުމުގެ އިތުރުން އެ ފޯނުން ކޮށްފައިވާ މުއާމަލާތްތައް ބެލުމަށް، ފޯނު ހުޅުވަން ބޭނުންވާ ޕާސްވޯޑްތަކާއި ލޮކް ކޯޑްތަކާއި ފިންގަޕްރިންޓް ދިނުމަށް ވެސް އަލީމަށް އަމުރުކޮށްފައިވެ އެވެ.

މެމްބަރުންނަށް ރިޝްވަތު ދެމުންދާ ކަމުގެ ތުހުމަތުގައި، މައުމޫން ފެކްޝަނަށް ނިސްބަތްވާ އިބްރާހިމް އަފްރާތު މިރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެ ރޭ ފާސް ކުރުމަށް ފަހު އެވެ.

މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނުކަމުގެ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.