07 އެޕްރީލް 2017 - 22:55

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލާގައި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުގެ ފައިސާ ބަހާކަމުގެ ތުހުމަތު ފުލުހުން ކޮށްފައިވާ އިބްރާހިމް އަފްރާތު މިރޭ ހައްޔަރުކޮށްފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވާ އަފްރާތު މިރޭ ހައްޔަރުކުރީ އޭނާ ދިރިއުޅޭ މ. ގުލްޝަން ކިނާރާ ރޭ ފާސްކޮށްފައި ވަނިކޮށެވެ. ކޯޓު އަމުރެއްގެ ދަށުން އެ ގެ ރޭ ފާސްކުރީ ރިޝްވަތުގެ ފައިސާ ބެހުމުގައި އަފްރާތު އުޅޭ ކަމަށް ތުހުމަތު ކުރެވޭތީ އާއި އެ ފައިސާ ބެހުމަށްޓަކައި އެގޭގައި ރައްކާކޮށްފައި ހުރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެވެ.
އެ މައްސަލައިގެ ތުހުމަތުގައި އަފްރާތު މިރޭ ހައްޔަރު ކުރިއިރު އޭނާގެ ގެ ރޭ ފާސް ކުރުމުން އެތަނުން އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް އެނގިފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މިދިޔަ މަހު ނެގި ވޯޓުގައި މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނުކަމުގެ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ހައްޔަރުކޮށް، ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.