07 އެޕްރީލް 2017 - 21:44

ބަންގްލަދޭޝްގައި މަރުވި ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރާ ގުޅިގެން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބެންޖެހޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ދަންޖެހިފައި ހުއްޓާ ފެނުނު ރައުދާގެ މަރާ މެދު ޝައްކުތަކެއް އުފެދިގެން ބަންގްލަދޭޝް ފުލުހުންނާއި ދިވެހި ފުލުހުން ވެސް ދަނީ އެކަން ބަލަމުންނެވެ. ދިވެހި ފުލުހުންގެ ޓީމެއް ބަންގްލަދޭޝްގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
މުއާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައުދާގެ މަރުގެ ހަގީގަތް ހޯދަން ކުރާ މަސައްކަތް ދިވެހި ސަރުކާރުން ގާތުން ބަލަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެ މައްސަލާގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބެންޖެހޭ ކަމަށާއި ސަރުކާރު އޮތީ ރައުދާގެ އާއިލާއާ އެކުގައި ކަމަށް ޓްވީޓްގައި މުއާޒް ވިދާޅުވެފައިވެ އެވެ.
މިއީ ރައުދާގެ މަރުގެ މައްސަލާގައި ސަރުކާރުން މިފަދަ އެއްޗެއް ބުނި ފުރަތަމަ ފަހަރެވެ.
ރައުދާގެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ރައުދާ އޮތީ މަރާލާފަ އެވެ. އެކަމުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް އެ އާއިލާއިން ބުނެ އެވެ. ރައުދާގެ ފޯނު ހުޅުވައި، އެއިން މުހިންމު މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް ދިވެހި ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ. އެކަމަކު ލިބުނީ ކޮން މައުލޫމާތެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.