ދައުލަތުގެ ހަރަދު ކުޑަކުރަން ކަމަށް ބުނެ ދެ އިންތިހާބު އެއްކޮށްލުމަކީ އެއްވެސް ހާލަތެއްގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެއާ އެކު ދެން ކުރިމަތިވާނީ ނިޒާމަށް ލޮޅުން އަރާނެ ކަންކަން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީއަށް ގެންނަން އުޅެނީ "ބޮޑު ބަގާވާތެއް" ގެ ގޮތުގައި ސިފަ ކުރައްވާ އެމްޑީޕީގެ ހަރުގެ ޖަލްސާގައި އިބޫ ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އެ ޕާޓީން ބޭނުން ނުވާ ސަބަބުތައް ހާމަކުރައްވައިފަ އެވެ.
އިބޫ ވިދާޅުވި ގޮތުގައި އެއީ ރައްޔިތުންގެ އަޑު ކަނޑުވާލައި ބާރުތައް އެއްކޮށް ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ގެންދިއުމަށް ކުރާ ކަމެކެވެ.
ގާނޫނުއަސާސީ އިސްލާހުކުރުމުގެ ޕްރޮސެސް ކުރިއަށް ގެންދިޔަ ގޮތާ މެދު ސުވާލު އުފައްދަވައި އިބޫ ވިދާޅުވީ މީގެ 18 އަހަރު ކުރިން އެ ގާނޫނުއަސާސީ ވުޖޫދަށް ގެނެސްފައި ވަނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކުރި މަސައްކަތުން ކަމަށެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ޑްރާފްޓް ކޮމިޓީގައި ވެސް އޭރު އިންނެވި އިބޫ ވިދާޅުވީ މީގެ ފަންސަވީހަކަށް އަހަރު ކުރިން ފެށި އިސްލާހީ މަސައްކަތްތަކާ އެކު އޭރު ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދައުރުގައި ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތް ފެއްޓެވީ ޒަމާނީ ޑިމޮކްރަސީއަކާ ދިމާލަށް ރާއްޖެ ގެންދިއުމަށް މަޖުބޫރުވެގެން ކަމަށެވެ.

އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާގައި އިބޫ ޕާޓީގެ މެމްބަރުންނާ ސަލާމްކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ
އިބޫ ވިދާޅުވީ ގާނޫނުއަސާސީގެ ޑްރާފްޓެއް ބައްޓަން ކުރެއްވުމަށް ފަހު ރައްޔިތުންގެ ހާއްސަ މަޖިލީހެއް އެކުލަވައިލި ކަމަށެވެ. އަދި އޭގެ ފަހުން މައުމޫނަށް ފެނިވަޑައިގެންނެވި ޑްރާފްޓް ފޮނުވުމުން، ރާއްޖޭގެ ލީގަލް ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ޑްރާފްޓެއް ވެސް ފޮނުވި ކަމަށް ވިދާޅުވި އެވެ.
މަޖިލީހުން ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ފެށީ އެ ހިސާބުން ކަމަށް އިބޫ ވިދާޅުވި އެވެ.
"ފުރަތަމަ ވެސް ބަހުސް ކުރީ ގާނޫނުއަަސާސީގެ ބައްޓަން އޮންނާނީ ކިހިނެއްތޯ؟ އޭގެ ތެރޭގައި ރާއްޖެއަކީ ކޮބައިތޯ އާއި ރާއްޖޭގެ ސަރަަހައްދަކީ ކޮބައިތޯ އާއި އަސާސީ ހައްގުތަކަކީ ކޮބައިތޯ އާއި ވެރިކަން ކުރާނީ ކިހިނެއްތޯ، ގާނޫނު ހަދާނީ ކިހިނެއްތޯ، ޝަރުއީ ދާއިރާ ބައްޓަން ކުރާނީ ކިހިނެއްތޯ، މިނިބަން މުއައްސަސާތަކެއް އޮންނަން ފެނޭތޯ،"
އިބޫ ވިދާޅުވި ގޮތުގައި ހިޔާލުތައް ޑްރާފްޓް ކޮމިޓީއަށް ފޮނުވީ އޭގެ ފަހުގަ އެވެ. އިބޫ ހިމެނޭ ގޮތަށް ގާތްގަނޑަކަށް ސައުވީހަކަށް މެމްބަރުން ތިއްބެވި އެ ކޮމިޓީން އެ ކަންކަމުގެ މައްޗަށް ބިނާކޮށް ޑްރާފްޓެއް އެކުލަވާލައި، އެއިން ކޮންމެ ކަމަކަށް އާންމުންނަށް ހުޅުވާލައިގެން ހިޔާލު ހޯދުމުގެ މސައްކަތްކޮށް އިތުރު ޑްރާފްޓެއް އެކުލަވާލި ކަމަށް ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި ޑްރާފްޓް ކޮށްފައި ހާއްސަ މަޖިލީހަށް ފޮނުވުމުން، އެ އިން ކޮންމެ ކަމަކާ ގުޅިގެން ބަހުސްކޮށް، ކޮންމެ ކަމަކަށް އިސްލާހު ހުށަހަޅަން އަލުން ފޮނުވަ އެވެ.
"އެ އިސްލާހުތަކަށް ވޯޓަށް އެހުމުގައި ފާސްނުވެއްޖެއްޔާ އަނެއް ވެސް ބަހުސް ކުރަނީ އެ މާއްދާ ބާއްވާނީ ކިހިނެއްތޯ. ނޫސްވެރިކަމުގެ މިނިވަންކަން ދޭނީ ކިހާ މިންވަރަކަށްތޯ. ޖުޑިޝަރީ އެކުލެވިގެން ވަނީ ކިހިނެއްތޯ. ފާސްނުވީމަ އަނެއްކާ ޑްރާފްޓް ކޮމިޓީއަށް ފޮނުވައިގެން އަލުން ފޮނުވީމަ އެތައް ބަހުސެއް ކުރާނެ. އެގޮތަށް މާއްދާއަކުން މާއްދާއެއް ފާސްކޮށްގެން މިހާރު މިއޮތް 301 މާއްދާ އެކުލެވޭ ގަނޫނުއަސާސީ ފާސްކުރީ."
އިބޫ ވިދާޅުވީ ހާއްސަ މަޖިލީހުގައި އޭރު ތިއްބެވީ އިސްލާހީ މަސައްކަތުގައި އުޅޭ އަށާވީހަކަށް ބޭފުޅުން ނަމަވެސް އެ މާއްދާތައް ފާސްވީ މަޖިލީހުގައި ދެން ތިއްބެވި ބޭފުޅުންގެ ވެސް ތާއީދާ އެކު ކަމަށެވެ. އެއީ އެ މިނިވަންކަން މެމްބަރުންނަށް އޮތުމުން ކަމަށާއި ބޭނުން ކަމެއްގައި ބަހުސްކޮށް، ފެންނަ ކަމަކަށް ވޯޓު ދިނުމުގެ ފުރުސަތު އޮންނަ ކަމަށް ވިދާޅުވި އެވެ.
"އެހެން ނޫންނަމަކަ މިއަދު އަޅުގަނޑުމެން މިދެކޭ ފެހި ގާނޫނުއަސާސީ އެގޮތަކަށް ނޯންނާނެ،"

އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
އިބޫ ވިދާޅުވީ ގާނޫނުއަސާސީ ފާސްކުރުމަށް ފަހު އެ ތަސްދީގުކުރުމަށް މައުމޫންގެ އަރިހަށް ފޮނުއްވުމުން، ތަސްދީގު ނުކުރައްވާ ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި ކަމަށެވެ. އެހެންވެ، މުޒާހަރާތަކަށް ނުކުތުމުން ތަސްދީގު ކުރެއްވީ ކަމަށް ވިދާޅުވި އެވެ.
އެ ކަންކަމަށް އިޝާރާތް ކުރައްވަމުން އިބޫ ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީ އިސްލާހުކުރުމުގެ ޕްރޮސެސް މި ސަރުކާރުން ކުރިއަށް ގެންދިޔަ ގޮތާ މެދު ސުވާލު އުފައްދަވައިފަ އެެވެ. ރައްޔިތުންގެ މަޖިލީހުގައި 15 މިނެޓެއްހާއިރު އެކަމަށް ބަހުސްކޮށްފައި ކޮމިޓީން އަނބުރާ ފޮނުވުމުން ފާސްކުރީ ކަމަށް ވިދާޅުވެ އެ ކަމަށް އިބޫ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
އެހެންވީމަ ހަރަދު ކުޑަކުރާށޭ ކިޔާފައި ދެ އިންތިހާބު އެއްކޮށްލުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން. މީގެ ފަހަތުގައި ދެން އަންނަ ކަންތައްތައް ނިޒާމަށް އެ އަރައި ލޮޅުން އަޅުގަނޑުމެން ދެނެގަންނަންޖެހޭ،
ގާނޫނުއަސާސީއަށް އިސްލާހު ގެނެވޭނެ ގޮތްތަކެއް ހުރިކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ފަހު، ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންނާ ހިސާބަށް ދާންޖެހޭ އިސްލާހުތައް ވެސް ހުންނަ ކަމަށެވެ. އެކަމަކު ސަރުކާރުން ކަންކަން ކުރަން އުޅެނީ "ސިއްރު ސިއްރުން" ކަންކަމަށް ވިދާޅުވި އެވެ.
"މި ދައްކަނީ ވަރަށް ބިޑެތި ވާހަކަ. މުހިއްމު ކަންތައްތަކެއްގެ ވާހަކަ. ގާނޫނުއަސާސީގައި އެ ގޮތަށް ލިޔެފައި އެ ވަނީ މުހިއްމު ސަބަބުތަކާ ހުރެ. މިހެން އޮތް ކަމެއްގައި މި ފެނުނީ ސިއްރު ސިއްރުން މިކަން ކުރާތަން،"
އިބޫ ވަނީ ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ފަސް އަހަރުގެ ދައުރަކަށް ހޮވާފައި އޮތް މަޖިލީހުގެ ދައުރު ވެސް ކުޑަވާނެ ކަަމަށް ވިދާޅުވެ ފާޑުވިދާޅުވެފަ އެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ނަމަ، އެ އިސްލާހުތަކާ ގުޅިގެން ރައްޔިތުން ދެކޭ ގޮތް ހޯދޭނެ ގޮތްތަކެއް ލިޔެފައި އޮންނަންޖެހޭ ކަމަށާއި އެކަމަށް ބަހުސްކޮށް އެ ދާއިރާގެ މީހުންގެ މަޝްވަރާ ހޯދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ޖަގަހަ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: އެމްޑީޕީ
މިހާރު ރައްޔިތުން ތިބީ ވާނުވާއެއްގައި ކަމަށާއި ސަރުކާރުން ބުނަމުން ދަނީ މިއީ 50 މިލިއަން ރުފިޔާގެ ގެއްލުމެއް ކުޑަކުރަން ކުރަން ކުރާ ކަމެއް ކަަމަށް އިބޫ ވިދާޅުވެ އެވެ. އެކަމަކު ފަސް އަހަރުން އޮންނަ އިންތިހާބަކަށް ގާތްގަނޑަކަށް 60 މިލިއަން ރުފިޔާއަކީ ބޮޑު އެއްޗެއް ނޫން ކަމަށާއި އެމްޑީޕީ އެކަމާ ދެކޮޅީ އެފަދަ ސަބަބުތަކާ ހުރެ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ މި ކަންތައްތަކުގެ އަލީގައި އެމްޑީޕީން ނިކުމެ ނޫނެކޭ ބުނަން އެ ނިންމަނީ."
އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހުގެ 4 ގައި ބާއްވާ ލޯކަލް ކައުންސިލު އިންތިހާބާ އެކު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވަން ފެނޭތޯ ފެންނަ ނުފެންނަ ވޯޓު ބާއްވާށެވެ.