07 އެޕްރީލް 2017 - 20:40

އިދިކޮޅު ހަރަކާތުގެ ޖަލްސާތައް ބާއްވާ މ. ކުނޫޒު ހުންނަ މަގު ކުއްލި ގޮތަކަށް މިރޭ ހަދަން ފަށައިފި އެވެ.

ސަރުކާރާ އިދިކޮޅު ހުރިހާ ފަރާތްތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަންގެ ހަރަކާތްތައް ބާއްވަމުން ގެންދާ ކުނޫޒު ހުންނަ ފަނޑިޔާރު މަގު އަލުން ހެދުމަށްޓަކައި ހައުސިން މިނިސްޓްރީގެ ހެވީ ވެހިކަލްތަކާއި މުވައްޒަފުން ވަނީ މިއަދު ހަވީރު ހައެއް ޖަހާކަންހާއިރު އެ ސަރަހައްދަށް ގޮސް މަސައްކަތް ފަށައިފަ އެވެ. ޖުމްހޫރީ ޕާޓީގެ ހަރުގެ އާއި އޮފީސް ހިންގާ ކުންނޫޒް ހުންނަ މަގުގެ މަސައްކަތް ފަށަން އުޅުމުން އެތަނުގައި ތިބި އިދިކޮޅު އެކްޓިވިސްޓުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް، އަޑުގަދަކޮށްފަ އެވެ.
މާލޭގެ މަގުތައް އަލުން ހެދުމުގެ ޕްލޭން ސަރުކާރުން އިއުލާންކޮށް، މަގުތަކުގެ މަސައްކަތް ކުރާނެ ގޮތުގެ ޝެޑިއުލްގައި ފަނޑިޔާރު މަގު ކުރިން ހިމަނާފައެއް ނެތެވެ. އެކި ބައިބަޔަށް ބަހާލައިގެން މިހާރު ކުރަމުންދަނީ މަޖީދީމަގުގެ މަސައްކަތެވެ. މަޖީދީމަގު އަގޯރާ ފިހާރަ ސަރަހައްދުން ފެށިގެން އަލިކިލިގެފާނު މަގާ ހަމައަށް މަގު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު އެހެން އެއްވެސް މަގެއްގެ މަސައްކަތް މިއަދާ ހަމައަށް އޮތީ ނުފަށަ އެވެ.
ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ފަނޑިޔާރުމަގު އަލުން ހަދަން ފެށީ އެއީ މަޖީދީމަގާ ގުޅޭ މަގެއް ކަމަށްވާތީ ކަމަށާއި އެ މަގުގެ މަސައްކަތަކީ ކުރިން ވެސް ރޭވިފައި އޮތް މަސައްކަތަކެއް ކަމަށެވެ. އަދި އެއީ ވަކި ކަމަކާ ގުޅިގެން ކުރާ މަސައްކަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަނޑިޔާރުމަގުގެ މަސައްކަތް ފަށަން ވަކި ތާރީޚެއް އަޅުގަނޑުމެން ކަނޑައަޅާފައެެއް ނޯންނާނެ. އެހެންވީމާ ކޮންމެ ވަގުތަކު ވެސް އެ މަސައްކަތް ފެށޭނެ. މިއީ މާލޭގެ މަގުތައް އަލުން ފެށުމުގެ މަސައްކަތް ފެށިއިރު ވެސް، އަލުން ހަދަން ނިންމާފައިވާ މަގެއް. އޭގެ ސަބަބަކީ އެއީ މަޖީދީމަގާ ގުޅިފައިވާ މަގަކަށް ވުން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރުމަގު އަލުން ހެދުމުގެ މަސައްކަތް ފެށިޔަސް މަޖީދީމަގުގައި މިހާރު ކުރަމުން އަންނަ މަސައްކަތަށް އެއްވެސް ހުއްޓުމެއް ނާންނާނެ އެވެ. ކުރިން ވެސް ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް މަޖީދީމަގުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.