އިޒްރޭލާއި އެމެރިކާއިން އީރާނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އީރާނުން ދެމުން ގެންދާ ރައްދު ހަމަލާތަކާ ހެދި ހުއްޓުމަކަށް އައިސްފައިވާ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ އެއާޕޯޓްތަކުން މިރޭ ބައެއް ސިޓީތައް ވެސް ހިމެނޭ ގޮތަށް "ލިމިޓެޑް" ދަތުރުތައް އަލުން ފަށާނެ ކަމަށް ބުނެފި އެވެ. 

"ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓްސް (DXB) އަދި ދުބާއީ ވޯލްޑް ސެންޓްރަލް - އަލް މަޚްތޫމް އިންޓަނޭޝަނަލް އެއާޕޯޓް (DWC) އިން ލިމިޓެޑް ގޮތެއްގައި އަލުން ފްލައިޓްތައް ފަށަން ނިންމާފައިވާކަން އިއުލާނުކުރަން،" ދުބާއީ އެއާޕޯޓްސް އިން ނެރުނު ބަޔާނުގައި ބުންޏެވެ. 

އަބޫ ދާބީ އެއާޕޯޓްސް އިން ވެސް ވަނީ މިއަދު ބައެއް ދަތުރުތައް އަލުން ފަށާފައިވާކަން އިއުލާނުކޮށްފަ އެވެ. 

އެމިރޭޓްސް އާއި ފްލައިދުބާއީން ވެސް ވަނީ މިރޭ ބައެއް ދަތުރުތައް އަލުން ފަށާނެ ކަމަށް ބުނެފަ އެވެ. 

އީރާނަށް ހަމަލާދީ އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް އެތައް ބަޔަކު އަވަހާރަކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން، އިޒްރޭލާއި އެމެރިކާގެ މަސްލަހަތު ހިމެނޭ ތަންތަނަށް ގެންދަނީ ހަމަލާ ދެމުންނެވެ. ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށް ހަމަލާދޭނެ ކަމުގެ އިންޒާރާ އެކު ފެށި ހަމަލާތަކުގައި އެ ގައުމުތަކުގެ އާންމުން އުޅޭ ތަންތަނަށާއި މަަދަނީ އެއާޕޯޓްތަކަށް ވެސް ހަމަލާތައް އަމާޒުވެފައިވެ އެވެ. 

އީރާނުން ރައްދު ހަމަލާތައް ހޮނިހިރު ދުވަހު ފެށި ފަހުން ދުބާއީ، އަބޫ ދާބީ، ކުވައިތު އަދި މަނާމާގެ އެއާޕޯޓްތަކަށް ހަމަލާތައް އަމާޒުވެފައިވެ އެވެ. 

ޔޫއޭއީގެ ވެރިރަށް އަބޫ ދާބީން އެއާޕޯޓްގައި ހިނގި ހާދިސާއެއްގައި އެކަކު މަރުވެފައިވާ ކަމަށް ބުނެފަ އެވެ. 

ޔޫއޭއީން ހޮނިހިރު ދުވަހު ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދުގެ ބައެއް ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. 

ދުބާއީގެ މައި އެއާޕޯޓް (DXB) އަކީ އެމެރިކާގެ އެޓްލާންޓާ އަށް ފަހު ދުނިޔޭގެ ދެވަނައަށް އެންމެ ބިޒީ އެއާޕޯޓް ކަމަށް އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް އިން ބުނެ އެވެ.

އެމިރޭޓްސްގެ އިގުތިސާދުގެ ތިންބައިކުޅަ އެއްބައި ހިއްސާ ކުރަނީ ދުބާއީގެ އޭވިއޭޝަން އިންޑަސްޓްރީ ކަމަށް ވާއިރު ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮތުމަކީ ބޮޑު ގެއްލުމަކަށް ވާނެ އެވެ. -- އޭއެފްޕީ