ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތެއްގައި މަސައްކަތްކުރަން އުޅުނު ބިދޭސީއަކު ވެއްޓި ބަނޑަށް ދަގަނޑެއް ހެރި ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިއަދު އެ ހާދިސާ ހިނގީ ހުޅުމާލޭ 2 ގައި ހަދަމުން އަންނަ ރެޑްވޭވް މޯލްގެ މަސައްކަތުގައި އުޅެނިކޮށެވެ.
އޭނާ ވެއްޓި ގޮހޮރަށް ދަގަނޑު ހެރުމުގެ ސަބަބުން ގޮހޮރު ފަޅައިގެން ގޮސްފައި ވާތީ އެކަމަށް ހުޅުމާލޭ ހޮސްޕިޓަލުގައި އޮޕަރޭޝަން ކޮށްފައިވާކަން ވަނީ އެނގިފަ އެވެ.
ހޮސްޕިޓަލުން ބުނީ އަނިޔާވެގެން ގެނައީ ބަންގްލާދޭޝްގެ، އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށާއި މިހާރު ވަނީ ސާޖަރީ ހެދުމަށް އޮޕަރޭޝަން ތިއޭޓަރުގައި ކަމަށެވެ. އެ މީހާއަށް ލިބިފައިވާ ޒަހަމްތަކާ ގުޅޭ ގޮތުން ހޮސްޕިޓަލުން މައުލޫމާތެއް ނުދެ އެވެ.
ދަގަނޑެއްގެ މައްޗަށް ވެއްޓި ބަނޑަށް ހެރި ގޮހޮރު ފަޅައިގެން ދިޔަ ނަމަވެސް، ފުރާނައަށް ނުރައްކާ ފަދަ ގުނަވަނަކަށް އަނިޔާއެއް ނުވާ ކަމަށްވެ އެވެ.
މަސައްކަތުގެ މާހައުލުގައި ހިނގާ އެކި ހާދިސާތަކުގައި މީހުންނަށް ބޮޑެތި އަނިޔާތައް ވެފައި ވާއިރު އެތައް ބައެއްގެ ފުރާނަ ގެއްލިފައިވެ އެވެ. މީގެ ތެރޭގައި ގިނައީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ އާބާދީގައި އެންމެ ގިނަ ބަންގްލާދޭޝް މީހުންނެވެ.