ގާސިމާ ދެކޮޅަށް ފުލުހުންނަށް ހެއްކެއް ނުދެއްކޭ، މައްސަލަ އިސްތިއުނާފް ކުރާނަން: ވަކީލުން
ގާސިމާ ދެކޮޅަށް ފުލުހުންނަށް ހެއްކެއް ނުދެއްކޭ، މައްސަލަ އިސްތިއުނާފް ކުރާނަން: ވަކީލުން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފުލުހުން ކުރާ ތުހުމަތާ ގުޅިގެން ފުލުހުންނަށް ކޯޓުގައި އެއްވެސް ހެއްކެއް ނުދެއްކޭ ކަމަށާއި ގާސިމް ބަންދުގައި ބަހައްޓަން އަމުރުކުރި މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށް ގާސިމްގެ ވަކީލުންގެ ޓީމުން މިރޭ ބުނެފި އެވެ.

ގާސިމާ ދެކޮޅަށް ފުލުހުންނަށް ހެއްކެއް ނުދެއްކޭ، މައްސަލަ އިސްތިއުނާފް ކުރާނަން: ވަކީލުން
ގާސިމާ ދެކޮޅަށް ފުލުހުންނަށް ހެއްކެއް ނުދެއްކޭ، މައްސަލަ އިސްތިއުނާފް ކުރާނަން: ވަކީލުން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރިޝްވަތު ދޭން އުޅުމާއި ސަރުކާރު ވައްޓާލަން ހިތްވަރު ދޭ ކަމުގެ ތުހުމަތުގައި ގާސިމް ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިރޭ ވަނީ ހަ ދުވަސް އިތުރުކޮށްފަ އެވެ.

އެކަމާ ގުޅިގެން ގާސިމްގެ ވަކީލުންގެ ޓީމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވީ ގާސިމްގެ ބަންދާ މެދު ގޮތެއް ނިންމި މަޖިލީހަށް ފުލުހުން ހުށަހެޅީ އިންޓެލިޖެންސް ރިޕޯޓެއް އެކަނި ކަމަށާއި އެ ރިޕޯޓަކީ ގާސިމް ހައްޔަރު ކުރަން އަމުރު ހޯދަން ފުލުހުން ބޭނުންކުރި ރިޕޯޓް ކަމަށެވެ. ގާސިމް ބަންދުކުރަން ފުލުހުން ބޭނުންވީ ހެކި ނައްތާލައި، ހެއްކަށް ނުފޫޒު ފޯރުވަން އުޅެފާނެތީ އާއި މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ފުލުހުން ބުންޏަސް ހެކި ނެތީސް އެއަށް ނުފޫޒު ފޯރުވޭނެ ގޮތެއް ނޯންނާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

"ނެތް ހެއްކެއްގެ މައްޗަށް ނުފޫޒު ފޯރުވާނެ ގޮތެއް އަޅުގަނޑުމެންނަކަށް ނޭނގެ. ހެއްކަށް ނުފޫޒު ފޯރުވަން އުޅެފާނެތީ ކަމަށް ފުލުހުން ބުނާ ނަމަ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި އޮންނަންވާނެ ހެކި ނައްތާލުމާ ގުޅުންހުރި އަމަލެއް ކުރިކަމުގެ ހެއްކެއް. މުޖްތަމައަށް ނުރައްކާތެރިވެދާނެ ކަމަށްޓަކައި ބަންދުކުރާ ނަމަ އޭނާއަކީ މުޖްތަމައަށް ނުރައްކާ މީހެއްކަން ދަލީލުކޮށްދޭ ހެއްކެއް ހުށަހަޅަންވާނެ،" ހިސާން ވިދާޅުވި އެވެ.

ގާސިމް ބަންދުކުރަން ބޭނުންވަނީ ތަހުގީގުގައި އިތުރު ކަންތައްތަކެއް ފުރިހަމަ ކުރަން ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާ ކަމަށާއި އެއީ މިހާރުގެ ގާނޫނު އަސާސީ ހުއްދަކުރާ ކަމެއް ނޫން ކަމަށް ހިސާން ވިދާޅުވި އެވެ.

"ގާނޫނު އަސާސީ ދަންނަ ކަމެއް ނޫން ތަހުގީގަށް މީހުން ބަންދު ކުރުމަކީ. ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް އެބައޮތް ބުނެފައި މީހަކު ބަންދުގައި ބެހެއްޓޭނެ ހާލަތްތައް. އެއިން ހާލަތެއް ނެތީސް ފުލުހުން ތަހުގީގަށްޓަކައި މީހަކު ބަންދުކޮށް، އޭނާއަށް އަދަބު ދީ، އޭނާއަށް މަޖުބޫރު ކުރުވައި، މިއީ މިހާރުގެ ގާނޫނު އަސާސީ ބައްޓަންވެފައި އޮތްގޮތުން ކުރިއަށް ދާންޖެހޭނެ ގޮތެއް ނޫން،" ހިސާން ވިދާޅުވި އެވެ.

ހިސާން އިތުރަށް ވިދާޅުވީ ގާސިމަށް ތުހުމަތު ކުރާ ކުށާއި ގާނޫނުގައި ހަވާލާދޭ މާއްދާތައް ދިމާނުވާ ކަމަށެވެ. ގާސިމްގެ ބަލި ހާލަތު ހުރިގޮތުން އޭނާ ގޭ ބަންދުގައި ބަހައްޓަން ވަކީލުން ކޯޓުގައި އެދުނު ކަމަށާއި އެކަމަކު ގާޒީ ނިންމެވީ ރަނގަޅަށް ވައި ދައުރުވާ ތަނެއްގައި ގާސިމް ބަންދުކުރަން ކަމަށް ހިސާން ވިދާޅުވި އެވެ. އަދި އެ މައްސަލައިގެ ހެކިތައް ހަ ދުވަސް ތެރޭގައި ހުށަހަޅަން ވެސް ގާޒީ އަމުރު ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ހައި ކޯޓު ހުޅުވުނުހާ އަވަހަށް އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް އެ ޓީމުން ބުންޏެވެ.

"ޝައްކެއް ވެސް ނެތް، މީގައި އެބަހުރި މި މައްސަލަ އިސްތިއުނާފް ކުރަންޖެހޭ ކަންތައްތަކެއް" އެ ޓީމުގައި ހިމެނޭ މަސްތޫރު ހުސްނީ ވިދާޅުވި އެވެ.

އެ ޓީމުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ގާސިމް ބަންދުކުރަން އަމުރު ކުރިޔަސް ބަންދުގައި ހުންނަ މުއްދަތުގައި ގާސިމް މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށާއި ގާނޫނު އަސާސީގައި އެކަން ލާޒިމްކުރާ ކަމަށެވެ. އަދި ކުރިން މަޖިލީހުގެ މެމްބަރުން ކުށުގެ ތުހުމަތުގައި ބަންދުގައި ތިބޭއިރު ވެސް މަޖިލީހަށް ހާޒިރު ކުރިކަން މާރިޔާ ފާހަގަ ކުރެއްވި އެވެ.