ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު މީގެ 16 އަހަރު ކުރިން ބައްލަވައިގެންފައިވާ ކަމަށް އޭނާ ވިދާޅުވާ މ. އަތަމާޕްލާޒާގެ މިލްކުވެރި ފަރާތަކީ ޖާބިރު ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.
އަތަމާ ޕްލާޒާގެ ރަޖިސްޓްރީ އޮންނަނީ ހައްޖަށް ގެންދަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ހައްޖަށް ގެންގޮސްނުދިން މައްސަލާގައި މަކަރާއި ހީލަތުގެ ކުށުގައި 2019 ވަނަ އަހަރު އަށް އަހަރުގެ ޖަލު ހުކުމެއް އައި، މަލީޝާ ހައްޖު ގްރޫޕުގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފްގެ ނަމުގަ އެވެ. ނަމަވެސް އެގެ ވިއްކާލަން ކޯޓުން މީގެ ކުރިން އަންގާފައިވަނީ އިސްމާއިލްގެ މައްޗަށް ސާބިތުވި އެހެން ދަރަންޏެއް އަދާކުރުމަށެވެ.
ދިހަ ބުރިއަށް އިމާރާތްކޮށްފައިވާ 770 އަކަފޫޓުގެ އެ އިމާރާތް ނީލަން ކިޔަން ވެސް ސިވިލް ކޯޓުން ކުރިން ހުޅުވާލި އެވެ.
މީގެކުރިން ޖާބިރުގެ ދާއިމީ އެޑްރެސްއެއްގެ ގޮތުގައި ޖަހަނީ ވެސް އަތަމާޕްލާޒާގެ ހަތަރު ވަނަ ފްލޯ އެވެ. ޖާބިރު ވިދާޅުވާ ގޮތުގައި 2010 ވަނަ އަހަރު އޭނާ ވަނީ އެތަން ބައްލަވައިގަތުމަށް 14 މިލިއަން ރުފިޔާ ދައްކަވައިފަ އެވެ. ނަމަވެސް، އެ ގޭގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކޮށްފައެއް ނުވެ އެވެ.
ގެ ވިއްކާލި މުއާމަލާތުގެ އިޖުރާއަތް ފުރިހަމަކުރަން އިސްމާއިލްގެ ފަރާތުން ސިވިލް ކޯޓަށް 2017 ވަނަ އަހަރު މައްސަލަ ހުށަހެޅި ނަމަވެސް، މައްސަލަ ކުރިއަށް ދަނިކޮށް އޭނާ ވަނީ އަމިއްލައަށް އެ މައްސަލައިގެ ދައުވާ ފޯމް އަނބުރާ ގެންގޮސްފަ އެވެ.
އެހެންވެ، ޖާބިރުގެ ނަމަށް އިމާރާތް ބަދަލުކުރަން ހުރަސްއެޅިފައިވާތީ އާއި އިސްމާއިލްގެ ފަރާތުން އެއްބަސްވުމާ ހިލާފަށް އަމަލުކޮށްފައިވާތީ ޖާބިރުގެ ފަރާތުން ސިވިލް ކޯޓުގައި 2021 ވަނަ އަހަރު ދައުވާކުރި އެވެ.
ފަސް އަހަރު ފަހުން ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައިވާ ގޮތުން ޖާބިރާއި އިސްމާއިލްއާ ދެމެދު އޮތް ގަނެވިއްކުމުގެ އެއްބަސްވުމުގެ ދަށުން އަތަމާޕްލާޒާއަކީ އެތަނުގެ މިލްކުވެރިކަން ޖާބިރަށް ނަގުލު ކުރުމުގެ ހައްގު ލިބިގެންވާ ތަނެއް ކަމެވެ. އަދި އެ ހައްގުގެ މައްޗަށް އިސް ކުރެވޭނެ އެހެން އެއްވެސް ހައްގެއް ނެތް ކަމަށް ހުކުމްގައިވެ އެވެ.
އެހެންވެ، އެ އިމާރާތާއި އެ އިމާރާތުގައި ހަރުކޮށްފައިވާ ތަކެތީގެ މިލްމުވެރިކަން ޖާބިރަށް ބަދަލުކުރުމުގެ ޝަރުއީ އިޖުރާއަތް ދެ މަސް ދުވަހުގެ ތެރޭގައި ނިންމަން އިސްމާއިލްގެ މައްޗަށް އެ ހުކުމުގައި އަންގާފައިވެ އެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 16 މިލިއަން ރުފިޔާ ހޯދަން ޖާބިރުގެ ފަރާތުން އެދުނު ނަމަވެސް، އެ ފައިސާ ނަގައިނުދެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެކުރިން އަތަމާޕްލާޒާ އަށް ފުލުހުން ވަދެ، އެތަނަށް ޖާބިރުގެ ބާރު ނުހިނގާ ގޮތަށް އިސްމާއިލްއާ ހަވާލުކުރި އެވެ. އޭރު ފުލުހުން އެ ގެއަށް ވަނީ އެ ގެއަށް ވަނުމުގެ ފުރުސަތު އިސްމާއިލަށް ނުލިބުމުން ފުލުހުން ގާތުގައި އެދުމުންނެވެ. އޭރު ކޯޓުން އަމުރު ދީފައިވަނީ އެތަނަށް ވަނުމުގެ ފުރުސަތު ސުލްހަވެރިކަމާއެކު ނުދީފިނަމަ، އެތަނަށް ވަނުމުގެ އަމުރު ތަންފީޒު ކުރުމުގައި އެތަނަށް ލިބޭ ގެއްލުމަށް ފުލުހުން ޒިންމާވާން ނުޖެހޭ ގޮތަށެވެ.