ކާނިވާ ސަރަހައްދުގައި ނޫން ތަނެއްގައި މުޒާހަރާ ކުރާ ނަމަ ހުއްޓުވާނަން: ޕޮލިސް
ކާނިވާ ސަރަހައްދުގައި ނޫން ތަނެއްގައި މުޒާހަރާ ކުރާ ނަމަ ހުއްޓުވާނަން: ޕޮލިސް

ދުރާލާ ހުއްދަ ނެތި މުޒާހަރާ ކުރާ ނަމަ އަލިމަސް ކާނިވާ ސަރަހައްދުގައި ނޫނީ މުޒާހަރާ ނުކުރުމަށާއި އެކަމާ ޚިލާފްވާ ނަމަ މުޒާހަރާ ހުއްޓުވާނެ ކަމުގެ އިންޒާރު ފުލުހުން މިއަދު ދީފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމާ ގުޅިގެން މާލެ ތެރެ ހަލަބޮލިވެ، އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަން ފަށާފައި ވަނިކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުގައިވާ ގޮތުގެ މަތިން، ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށެވެ. އެހެންވެ އެގޮތަށް އަމަލުކުރަން އެދޭ ކަމަށާއި އެއާ ޚިލާފްވާ ނަމަ އެފަދަ މުޒާހަރާތައް ހުއްޓުވާނެ ކަމަށެވެ.

ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ލިޔުމުން ހުއްދަ ހޯދުމެއް ނެތި މުޒާހަރާ ކުރާ ނަމަ މާލޭގައި މުޒާހަރާ ކުރެވޭނީ އަލިމަސް ކާނިވާ ސަރަހައްދުގައި އެކަންޏެވެ. އެހެން ސަރަހައްދެއްގައި މުޒާހަރާ ކުރެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ގާސިމް ރޭ ހައްޔަރު ކުރުމާ އެކު ރެއާއި މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ މުޒާހަރާކޮށްފަ އެވެ. ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ވަނީ އިތުރުކޮށްފަ އެވެ.