07 އެޕްރީލް 2017 - 16:19

ޑިޕްރެޝަނަކީ ގައުމުތަކުގެ ތަރައްގީއަށް ހުރަސް އަޅާ ބައްޔެއް ކަމަށާއި އެ ބައްޔާ މެދު ވާހަކަ ދައްކަން ޖެހޭ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރު ކަމަށްވާ "މާޔޫސްވުމުގެ ބަލި، މިވާހަކަ ދައްކަމާ ހިނގާ" ޝިއާރުގެ ދަށުން މިނިސްޓަރު ނާޒިމް ނެރުއްވި ޚިތާބުގައި ވިދާޅުވީ ޑިޕްރެޝަންގެ ސަބަބުން ދިރިއުޅުމުގެ ހުރިހާ ކަމަކަށް އަސަރުކޮށް، ޒިންމާތައް އަދާ ނުކުރެވިގެންދާނެ ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބެއް ކަމަށް ބެލެވެނީ އަގީދާ ބަލިކަށިވުމާއި ނަފްސާނީ ބަލިތަކާ މެދު ހޭލުންތެރިކަން ކުޑަވުމާއި އެފަދަ ބަލިތަކާ މެދު މުޖްތަމައު ދެކޭ ގޮތް ތަފާތުވުން ކަމަށް އެ ޚިތާބުގައިވެ އެވެ.
"ޑިޕްރެޝަން ފަދަ ނަފްސާނީ މައްސަލަތަކަކީ ގައުމަކަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުން. މިއީ ގައުމުގެ ކުރިއެރުމަށާއި ތަރައްގީއަށާއި ރައްޔިތުންގެ މަންފާ އާއި ދުޅަހެޔޮ ކަމަށް ހުރަސް އަޅާ އެއް މައްސަލަ،" ނާޒިމް ވިދާޅުވެފައިވެ އެވެ.
ޑިޕްރެޝަނަކީ 2020 ވަނަ އަހަރުން ފެށިގެން ދުނިޔެއަށް ކުރިމަތިވާނެ އެންމެ ބޮޑު ބަލިމަޑުކަން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން ލަފާކުރާ ކަން ފާހަގަ ކުރައްވައި، ނާޒިމް ވިދާޅުވެފައި ވަނީ މިބަލިން ސަލާމަތްވުމަށް އިސްލާމީ އަގީދާ ވަރުގަދަކޮށް، އެކަކު އަނެކަކަށް އަޅާލަން ޖެހިފައިވާ ކަމަށެވެ.
"މިފަދަ ބަލިތަކުގެ ވާހަކަ ދައްކަންވީ ހަމައެކަނި ގައުމުގެ ތަރައްގީ އާއި ދައުލަތަށް މާލީގޮތުން ލިބޭ ގެއްލުންތަކާ ހެދިއެއް ނޫން. މިފަދަ ބަލިތަކުގެ ވާހަކަ އަޅުގަނޑުމެންގެ ތެރޭގައި ދައްކަންވީ މިފަދަ ބަލިތައް ތަހައްމަލުކުރާ މީހުންގެ ހައްގުގައި،"
ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް އާސަންދައިން މިދިޔަ އަހަރު އެކަނި ވެސް 3.3 މިލިއަން ރުފިޔާ ޚަރަދު ކުރި ކަމަށާއި ފާއިތުވި އަހަރުތަކުގައި އައިޖީއެމްއެޗްގައި އެކަނި ވެސް އަހަރަކު 5،000 މީހުން ނަފްސާނީ ޑޮކްޓަރުންނަށް ދައްކާ ކަމަށް ޚިތާބުގައިވެ އެވެ. މިނިސްޓަރު ފާހަގަކުރައްވާފައި ގޮތުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ދައުލަތުން މިހާރު އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތު މިހާރު އެކުލަވާލެވިފައިވާ ކަމަށާއި އެކަމަށް ގާނޫނެއް ހެދުމަށް ބިލެއް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ނާޒިމް ވިދާޅުވެފައިވެ އެވެ. އަދި ދައުލަތުގެ އާންމު އިޖްތިމާއީ ރައްކާތެރިކަމުގެ ޚިދުމަތުގެ ތެރެއިން، ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންނަށް އެހީ ދިނުމާ ބެހޭ ގަވާއިދުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެ ޚިތާބުގައިވެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ޑިޕްރެޝަން ތަހައްމަލުކުރާ 322 މިލިއަން މީހުން ދުނިޔޭގައި އެބަ ތިއްބެވެ. އަދި މިއީ މިހާރު އެންމެ ގިނަ މީހުން ބަލިވާ މައިގަނޑު ސަބަބަށް ވެފައިވާ ކަމަށާއި ޑިޕްރެޝަންގެ މައްސަލަ ހަލުވިކަމާ އެކު އިތުރުވަމުން އަންނަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެ އެވެ.