08 އެޕްރީލް 2017 - 06:36

ޑިޕްރެޝަނަކީ ވަރަށް އާންމު ނަފްސާނީ މައްސަލައެކެވެ. އަދި މިއީ ދެނެގަންނަން އުނދަގޫ، ވަރަށް ބޮޑަށް އޮޅިފައި އޮންނަ އާންމު މައްސަލައެކެވެ. ފަހުގެ ދިރާސާއަކުން އެނގިފައިވާ ގޮތުގައި އަމިއްލައަށް މަރުވާ މީހުންގެ ތެރެއިން ތިން ބައިކުޅަ ދެ ބައި މީހުންނަކީ ޑިޕްރެޝަންގެ މައްސަލަ ހުންނަ މީހުންނެވެ. އެއީ ޑިޕްރެޝަން ހުރިކަން އެނގި ފަރުވާ ނުކުރެވި ގިނަ ދުވަސް ވުމާއި އެ މައްސަލަ ހުރިކަން ނުވެސް އެނގޭ މީހުންނެވެ.
އިއްޔެ ފާހަގަކުރި ދުނިޔޭގެ ސިއްހަތު ދުވަސް ހާއްސަކޮށްފައި ވަނީ ޑިޕްރެޝަނާ މެދު ހޭލުންތެރިކަން އިތުރުކުރުމަށެވެ. ސިއްހަތު ދުވަހާ ގުޅިގެން އދ.ގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން އާންމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުން ޑިޕްރެޝަންގެ މައްސަލަ ހުރި 3000 މިލިއަނަށް ވުރެ ގިނަ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަ އުޅެ އެވެ. މިއީ 2005 ވަނަ އަހަރާ އަޅާބަލާއިރު 18 ޕަސެންޓުގެ އިތުރުވުމެކެވެ.
ޑިޕްރެޝަންގެ ވާހަކަ ދައްކަންޖެހެ އެވެ. މިއީ ބައްޔެކެވެ. އެކަމަކު ވަރަށް ގިނަ މީހުން ޑިޕްރެޝަންގެ މާނަ އޮޅުވާލަ އެވެ. މިއީ އެ ބައްޔާ ބެހޭ ގޮތުން އެންމެ އާންމުކޮށް ހީވެފައި އޮންނަ ފަސް ކުށް ހީ އެވެ.
ޑިޕްރެޝަނަކީ އަބަދު ދެރަވެފައި ހުރުން ނުވަތަ ހިތާމަކުރަން ޖެހުން ކަމަށް އޮންނަނީ ގަބޫލުކުރެވިފަ އެވެ. އެކަމަކު ހިތާމައާ ޑިޕްރެޝަނަކީ އެކައްޗެއް ނޫނެވެ. މީހަކު ހިތާމަކުރާނީ ހިތާމަކުރަންޖެހޭ ކަމަކާ ދިމާވުމުންނެވެ. އެއީ ވަގުތީ ކަމެކެވެ. އެކަމަކު ޑިޕްރެޝަނަކީ ދިގު މުއްދަތަކަށް ދެމިގެންދާ ނަފްސާނީ މައްސަލައެކެވެ. ދެރަވެފައި ހުރުމަކީ އެ މައްސަލައިގެ ސަބަބުން ކުރިމަތިވާ ނެގެޓިވް ކަންކަމުގެ ތެރެއިން ހަމަ އެންމެ ކަމެކެވެ. ދެރަވެފައި ހުރުމުގެ އިތުރުން، ކަންބޮޑުވުމާއި އުފާވެރިކަން ގެއްލުމާއި އެއްވެސް ކަމަކަށް ޝައުގުވެރިކަން ނުހުރުމާއި ބާކީވެފައި ހުންނަ ކަމުގެ އިހްސާސް ކުރެވުމަކީ ޑިޕްރެޝަންގައި ކުރެވޭ އިހްސާސްތަކެވެ.
ޑިޕްރެޝަންގެ މައްސަލަ ކުރިމަތިވަނީ އެ މީހަކަށް ވަކި ކަމެއް ދިމާވުމަކުން ނޫނެވެ. ހިތްދަތިވާ ކަހަލަ ބޮޑު ކަމެއް ދިމާ ނުވިޔަސް ޑިޕްރެޝަންގެ ޝިކާރައަކަށް ވެދާނެ އެވެ. މާބޮޑަށް ސްޓްރެސްވުން، ސިއްހީ މައްސަލައެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސައިޑް އިފެކްޓަކުން ވެސް ޑިޕްރެޝަން ފެށިދާނެ އެވެ. އެކަމަކު މިއީ އެލާޖިކްވާ ގޮތަށް ދިމާވާ ކަމެއް ނޫނެވެ. މި މައްސަލަ މަޑުމަޑުން ބޮޑުވަމުން ގޮސް ފަރުވާކުރަންޖެހޭ ހިސާބަށް ދެ އެވެ.
މިއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫނެވެ. މި ކުށް ހީއަކީ ޑިޕްރެޝަންގެ މައްސަލަ ހުންނަ މީހުން އެ ވާހަކަ ދައްކަން ޖެހިލުންވާ އަދި ފަރުވާ ހޯދަން ޖެހިލުންވާ ސަބަބަކަށް އޮންނަނީ ވެފަ އެވެ. ޑިޕްރެޝަން ހުންނަކަން އެނގިއްޖެ ނަމަ މުޖުތަމައުން އެ މީހަކު ބަލައިނުގަންނާނެ ކަމުގެ ބިރު އޮންނަނީ މި ކުށްހީއާ ހެދި އެވެ. ޑިޕްރެޝަނަކީ ނަފްސާނީ މައްސަލައެކެވެ. އެއީ މީހާ މޮޔަވުމެއް ނޫނެވެ. ޑިޕްރެޝަން ހުއްޓަސް އާއިލާ އާއި އެކުވެރިންގެ އެހީއާ އެކު ހަމަ އާދައިގެ ދިރިއުޅުމެއް އުޅެވޭނެ އެވެ. އެކި ކަހަލަ ތެރަޕީތަކާއި ކައުންސިލިން ދީގެން، އެ މީހެއްގެ ޑިޕްރެޝަންގެ ހާލަތު ދެނެގަނެ އެކަމަށް ހާއްސަކޮށް ދެވޭ އަޅާލުމާއި ފަރުވާއާ އެކު އެ މީހަކަށް ހަމަ އާދައިގެ އުޅުމެއް އުޅެވޭނެ އެވެ.
ޑިޕްރެޝަންގެ ސަބަބަކީ އެ މީހަކު ކަންކަމާ މާބޮޑަށް އަޅާލުން ނުވަތަ ސެންސިޓިވް ވުން ކަމަށް އޮންނަނީ ހީކުރެވިފަ އެވެ. އެކަމަކު މިގޮތަށް ގަބޫލުކުރާ މީހުންނަށް ނޭނގޭ ވަރަށް މުހިންމު ކަމެއް އޮވެ އެވެ. އެއީ ޑިޕްރެޝަންގެ މައްސަލަ ހުންނަ މީހުންނަށް ކަންކަމާ ވިސްނާ ފިކުރުކުރުން ކޮންޓްރޯލް ނުކުރެވޭ ކަމެވެ. ޑިޕްރެޝަން ހުންނަ މީހަކަށް ނިސްބަތްކޮށް، ކަންތައް ބޮޑުކުރަނީއޭ ނުވިސްނާ ހުރުމުން ރަނގަޅުވާނޭ ބުނުމަކީ އެ މީހަކު އިތުރަށް މާޔޫސްކުރުވާނެ ކަމެކެވެ. ޑިޕްރެޝަން ހުންނަ މީހުން އަމިއްލައަށް މަރުވުމުގެ ވިސްނުމާ ހަމަޔަށް ދިއުމުގެ އެއް ސަބަބަކީ ޑިޕްރެޝަނަކީ އަމިއްލައަށް ހޯދައިގަންނަ ކަމެއްކަމަށް ބުނެ އެ މީހަކު ކުށްވެރިކޮށް ވާހަކަ ދެއްކުމެވެ.
ޑިޕްރެޝަން ހުންނަ މީހުން އުޅެނީ ސަމާލުކަން ހޯދަން ކަމަށް ވެސް އެއްބަޔަކު ބުނެ އެވެ. އެކަމަކު އެ މީހުން ބޭނުންވަނީ އެކަނި، އެހެން މީހުންނާ ވަކިން އުޅޭށެވެ. މީހުންނަށް ފެންނަ ގޮތަށް ރޮއެ އުޅުމަކީ އެ މީހުން ވެސް ބޭނުންވާނެ ކަމެއް ނޫނެވެ. އެހެންވެ ޑިޕްރެޝަން ހުންނަ މީހުން ބޭނުންވެގެން އުޅެނީ އެހެން މީހުންގެ ސަމާލުކަން ހޯދާށޭ ބުނުމަކީ ގޯހެކެވެ. -- ހިންދުސްތާން ޓައިމްސް