ފްރެންޗް އޯޕަަން އަށް ތައްޔާރުވާން ފެޑެރާ އަރާމްކުރަނީ
ފްރެންޗް އޯޕަަން އަށް ތައްޔާރުވާން ފެޑެރާ އަރާމްކުރަނީ

ލަންޑަން (އޭޕްރިލް 7) - އަންނަ މޭ މަހު ފަށާ ފްރެންޗް އޯޕަން ޓެނިސް މުބާރާތް ފެށުމާ ހަމަޔަށް އަރާމްކުރަން ނިންމާފައިވާ ކަމަށް މި ވަގުތު އެންމެ ރަނގަޅު ފޯމެއްގައި ހުރި ތަޖުރިބާކާރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ ބުނެފި އެވެ.

މިދިޔަ އަހަރު ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވެ ކުޅުމަށް އެނބުރި އައިސް އުމުރުން 35 އަހަރުގެ ފެޑެރާ ވަނީ މިއަހަރު މިހާތަނަށް ކުޅުނު 20 މެޗުގެ ތެރެއިން 19 މެޗުން މޮޅުވެފަ އެވެ. އަދި ތިން މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ދެން އޮތް ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ ފްރެންޗް އޯޕަން ފަށަން ނިންމާފައިވަނީ މޭ މަހުގެ 28 ވަަނަ ދުވަހު އެވެ.

"މި ފޯމުގައި އަހަންނަށް ކުރިއަށްދެވޭނީ ރަނގަޅު ސިއްހަތެއްގައި ހުރެގެން. އެހެން ނުނީ މި ފެންވަރުގައި އަހަންނަށް ނުކުޅެވޭނެ. އަހަރެންގެ މި ފޯމު ދަމަހައްޓަން މި ވަގުތު އެންމެ މުހިއްމު ކަމަކީ އަރާމްކުރުން،" ފެޑެރާ ބުންޏެވެ.

ފްރެންޗް އޯޕަންގެ ކުރިން އޭޓީޕީ އިންވިޓޭޝަނަލް ދެ މުބާރާތެއް އޮތް ނަމަވެސް އެ ދެ މުބާރާތުން ފެޑެރާ ނުފެންނާނެ އެވެ.

އޭނާ ބުނީ މި އަހަރުގެ ފްރެންޗް އޯޕަން އަކީ އޭނާ ކުޅޭނެ އެންމެ ފަހު ކްލޭކޯޓު ޓެނިސް މުބާރާތަށް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"އަހަރެން ގަބޫލުކުރަން ޖެހޭ މިހާރު އަހަރެންގެ އުމުރަކީ 24 އަހަރެއް ނޫންކަން. އެއި ކްލޭ ކޯޓުގެ ސްޕީޑުގައި މިހާރު ކުޅުމަކީ އަހަންނަށް ފަސޭހަކަމަކަށް ނުވާނެތީ،" ފެޑެރާ ބުންޏެވެ.

ފްރެންޗް އޯޕަން އަށް ފަހު ފެޑެރާ ކްލޭކޯޓު މުބާރާތްތަކުގައި ނުކުޅެން ނިންމައިފިނަމަ މި އަހަރުގެ ގިނަ މުބާރާތްތަކުން އޭނާ ނުފެންނާނެ އެވެ. އޭގެ ތެރޭގައި މޮންޓެ ކާލޯ މާސްޓާސް، މެޑްރިޑް އޯޕަން، ރޯމް މާސްޓާސް އަދި އިސްޓަންބޫލް އޯޕަން ހިމެނެ އެެވެ.

މީގެ ކުރިން ފެޑެރާ އެންމެ ރަނގަޅު ރެކޯޑެއް ދެމެހެއްޓީ 2006 ވަނަ އަހަރު އެވެ. އެ ފަހަރު އޭނާ ފުރަތަމަ ކުޅުނު 34 މެޗުގެ ތެރެއިން ބަލިވީ އެންމެ ފަހަރަކު އެވެ.