16 ޖޫން 2016 - 00:08

އިންތިހާބުތަކުގައި އީ-ވޯޓިންއާ ދެކޮޅަށް މިހާރު އެންމެ ގިނައިން ވާހަކަ ދައްކަނީ އެކަން އެންމެ ފުރަތަމަ ތައާރަފް ކުރަން އުޅުނު މީހުން ކަމަށާއި އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.

އެ ކޮމިޝަނުން ހއ. ހޯރަފުށީގައި ބޭއްވި ޑިމޮކްރަސީ ހަފުތާގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާން ވިދާޅުވީ، އިންތިހާބުގައި އީވޯޓިން ސިސްޓަމް ބޭނުން ކުރަން 2011 ވަނަ އަހަރު ވެސް މަަސައްކަތް ކުރި ކަމަށެވެ. އެކަމަކު އޭރު އެކަން ކުރަން އުޅުނު މީހުން މިހާރު ޖަހަނީ "އެހެން ބެރެއް" ކަމަށް އޭނާ ވިދާޅުވި އެވެ.
އީވޯޓިންއާ ދެކޮޅަށް އެންމެ ބޮޑަށް ވާހަކަ ދައްކަމުން ދަނީ އެމްޑީޕީންނެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީން ބުނެފައިވާ ގޮތުގައި ރާއްޖެއަށް އީވޯޓިން ނިޒާމެއް ބޭނުމެއް ނުވެ އެވެ. އަދި އެކަން ތައާރަފް ކުރަނީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް ކަމަށާއި މި ނިޒާމުގެ ސަބަބުން މިނިވަން އިންތިހާބެއް ނުބޭއްވޭނެ ކަމަށް ވެސް އެ ޕާޓީން ކުރިން ބުނެފައި ވެ އެވެ.
އެމްޑީޕީގެ ވާހަކަތައް ދޮގު ކުރައްވައި ސުލައިމާން ވިދާޅުވީ އީވޯޓިންއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. އަދި އެއީ އެކަން ކުރިޔަށް ގެންދިޔަ ނުދިނުމަށް ދައްކާ ވާހަކަތަކެއް ކަމަށް ސުލައިމާން ވިދާޅުވި އެވެ.
"މިއީ އެއްގޮތަކަށް ވެސް ބަޓަނަކަށް އޮބާލައިގެން ލާ ވޯޓެއް ނޫން. އަދި އިންޓަނެޓާ ގުޅިފައި ހުރި ކަމެއް ވެސް ނޫން. ވޯޓުގައި މައްސަލައެއް އުޅޭ ކަމަށް ވާނަމަ ކަރުދާސްތައް ބަންޑުން ޖަހާލައިގެން ވެސް ބެލޭ ކަހަލަ ނިޒާމެއް މިއީ،" ސުލައިމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އީވޯޓިންގެ ހަގީގަތް އެނގޭ މީހުން މިއީ މިހާރު ވެސް ކުރަން ލަސްވެއްޖެ ކަމެއް ކަމަށް ގަބޫލު ކުރާނެ އެވެ. އަދި އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބުގައި އީވޯޓިން ސިސްޓަމް ބޭނުން ކުރަން ނިންމާފައިވާ ކަމަށާއި މިއީ ދެފުށް ފެންނަ އިންސާފުވެރި އިންތިހާބަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ސުލައިމާން ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ސެޓްފިކެޓްތައް ބައްސަވާ ދެއްވީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމެވެ. އޭނާ ވިދާޅުވި ގޮތުގައި ޑިމޮކްރަސީއެއް ފުރިހަމަ ވާނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައިގެންނެވެ. އަދި އެކަން ކުރުމަށް އާއްމުން ވަރަށް ބޮޑަށް ހޭލުންތެރިކުރުވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.