ބޮޑު މޮޅަކާ އެކު ޗެލްސީ އަށް ހަތް ޕޮއިންޓުގެ ލީޑެއް
ބޮޑު މޮޅަކާ އެކު ޗެލްސީ އަށް ހަތް ޕޮއިންޓުގެ ލީޑެއް

ލަންޑަން (އޭޕްރިލް 26) - އިނގިރޭސި ޕްރިމިއާ ލީގުގަައި ރޭ އަމިއްލަ ދަނޑުގައި 4-2 އިން ސައުތެމްޓަން ބަލިކޮށް ޗެލްސީން ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަަގައިފި އެވެ.

ލީގުގައި ބާކީ ފަސް މެޗު އޮތްއިރު ޗެލްސީ އެއް ވަނައިގައި އޮތީ 33 މެޗުން 78 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމަށް 32 މެޗުން ލިބިފައިވަނީ 71 ޕޮއިންޓެވެ. ޓޮޓެންހަމް މިރޭ ކުޅޭނީ ރަށުންބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ.

އެފްއޭ ކަޕް ސެމީ ފައިނަލުގައި ޓޮޓެންހަމާ ދެކޮޅަށް ޗެލްސީގެ ފުރަތަަމަ އެގާރައިގައި ޑިއޭގޯ ކޮސްޓާ އާއި އެޑެން ހަޒާޑް ހިމަނާފައިނުވި ނަމަަވެސް ރޭގެ މެޗު ޗެލްސީން ފެށީ މި ދެ ކުޅުންތެރިން ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.

ރޭގެ މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ޗެލްސީ އަށް ލީޑުނަގައިދިނީ އެޑެން ހަޒާޑް އެވެ. ސައުތެމްޓަނުން މެޗުގެ ތެރެއަށް އެނބުރި އައީ މެޗުގެ 24 ވަނަ މިނިޓްގައި ކުރިން ޗެލްސީ އަށް ކުޅުނު އޮރިއެލް ރޮމޭއު ނަތީޖާ ހަމަހަމަކޮށްދިނުމުންނެވެ.

ޗެލްސީ އަށް ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ ގެރީ ކޭހިލް އެވެ. ދެ ވަނަ ހާފްގައި ޗެލްސީގެ އަނެއް ދެ ލަނޑު ކާމިޔާބުކުރީ ކޮސްޓާ އެވެ. މި ދެ ލަނޑާ އެކު ކޮސްޓާ ޕްރިމިއާ ލީގުގައި ޖެހި ގޯލުގެ އަދަދު ވަނީ 51 އަރައިފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ސައުތެމްޓަންގެ ދެ ވަނަ ލަނޑު ކާމިޔާބުކުރީ އިނގިރޭސި ގައުމީ ޓީމުގެ ޑިފެންޑަރު ރަޔާން ބާޓްރަންޑް އެވެ. ބާޓްރަންޑަކީ ޗެލްސީގެ ޔޫތު ޓީމަށް ކުޅެ ސީނިއާ ޓީމާ އެކު ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރި ކުޅުންތެރިއެކެވެ.

ރޭގެ މެޗަށް ފަހު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ އުނދަގޫ މެޗަކަށް ފަހު މިއީ އެ ޓީމަށް ހޯދުނު މުހިއްމު މޮޅެއް ކަމަށެވެ.

"އުނދަގޫ ސެމީ ފައިނަލެއް ކުޅެފައި އައިސް ތިން ދުވަހުގެ ތެރޭގައި ސައުތެމްޓަން ކަހަލަ އޮގަަނައިޒް ޓީމަކާ ދެކޮޅަށް ކުޅެގެން މޮޅުވުމަކީ ފަސޭހަ ކަމެއް ނޫން. ލީގުގެ މަގާމު ދަމަހައްޓައި ޓާގެޓަށް ވާސިލްވާން މި ތިން ޕޮއިންޓާ އެކު ހިތްވަރު ލިބިއްޖެ،" ކޮންޓޭ ބުންޏެވެ.