ލަންކާގެ ބޭރުން ދަތުރުކުރި ކޮންޓެއިނާ ބޯޓެއްގައި ރޯވެއްޖެ
ލަންކާގެ ބޭރުން ދަތުރުކުރި ކޮންޓެއިނާ ބޯޓެއްގައި ރޯވެއްޖެ

ކޮލަމްބޯ (އެޕްރީލް 6) - ސްރީ ލަންކާގެ ބޭރުން ދަތުރުކޮށްފައި ދިޔަ ކޮންޓެއިނާ ބޯޓެއްގައި އަލިފާން ރޯވުމާ ގުޅިގެން ލަންކާގެ ކަނޑުގެ ސިފައިންގެ އެހީއަށް އެދިއްޖެ އެވެ.

ސިންގަޕޫރުން މިސްރަށް ދަތުރުކުރި 14،000 ކޮންޓެއިނާ އުފުލޭ ބޯޓުގައި އަލިފާން ރޯވުމުން ލަންކާ ސިފައިންގެ އެހީއަށް އެދުނު އިރު ބޯޓު ދަތުރު ކުރަމުން ދިޔައީ ކޮލަމްބޯއާ 120 މޭލު ބޭރުންނެވެ. އަދި އަލިފާން ނިއްވުމަށް ޚާއްސަ ބޯޓުތައް ފޮނުވުމަށް ފަހު ކޮންޓެއިނާ ބޯޓުގައި ރޯވި އަލިފާން އިއްޔެ ކޮންޓްރޯލް ކުރެވުނު ކަމަށް ލަންކާގެ ކަނޑުގެ ސިފައިން ބުނެފައިވެ އެވެ.

"ބޯޓުގައި ތިބި 22 ފަޅުވެރިންގެ ތެރޭން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ،"ކަނޑުގެ ސިފައިން ތަރުޖަމާން ޗަމިންދާ ވަލަކުލުގެ އޭއެފްޕީ އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ބޯޓުގައި ހިނގި އަލިފާން ނިއްވާލުމަށް ކޮލަމްބޯ ބަނދަރުގައި އޮތް އިންޑިއާގެ ކޯސްޓްގާޑުގެ އުޅަނދެއް ވެސް ބައިވެރިވި ކަމަށެވެ. ބޯޓުގައި އަލިފާން ރޯވި ސަބަބެއް އަދި ނޭނގޭ ކަމަށް ވަލަކުލުގެ ވިދާޅުވި އެވެ.

އަލިފާން ރޯވި ބޯޓު މިހާރު ވަނީ ކޮލަމްބޯ ބަނދަރުގެ ބޭރަށް ގެނެސްފައި ކަމަށް ލަންކާ ސިފައިން ބުނެ އެވެ.

އަލިފާން ރޯވި އެމްއެސްސީ ޑޭނިއެލާ އަށް ދުނިޔޭގެ އެންމެ ބޮޑު ކޮންޓެއިނާ ބޯޓުގެ ލަގަބު 2008 ވަނަ އަހަރު ލިބުނެވެ. އެ ބޯޓުގެ ދިގު މިނަކީ 366 މީޓަރު (1،200 ފޫޓު) އެވެ.