މަޖިލިހުގެ ރިޔާސަތާ ދެން ނުބެހޭތި! އެ އޮތީ ހިމާޔަތްކޮށްފައި!
މަޖިލިހުގެ ރިޔާސަތާ ދެން ނުބެހޭތި! އެ އޮތީ ހިމާޔަތްކޮށްފައި!

ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތާ ދެން ކުޅެވޭކަށް ނެތެވެ. ސަރުކާރު މެމްބަރުން މިހާރު އެ އޮތީ ގާނޫނުއަސާސީގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހިމާޔަތްކޮށްފައި އޮތްލެއް ވެސް ބޮޑަށް މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި ނައިބު ރައީސް ރީކޯ މޫސާ މަނިކު ހިމާޔަތްކޮށްފަ އެވެ. އެއް ބައެއްގެ ނަޒަރުގައި އެއީ މަޖިލިހުގެ ރިޔާސަތުގެ ގޮނޑީގައި ވަކި ބަޔަކު "ބަގުޑިބެއްދު"މެވެ. އިދިކޮޅު މެމްބަރުން އެގޮތަށް ދެކެން ފެށީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް ނިންމުމުންނެވެ.

މަޖިލިހުގެ ރިޔާސަތާ ދެން ނުބެހޭތި! އެ އޮތީ ހިމާޔަތްކޮށްފައި!
މަޖިލިހުގެ ރިޔާސަތާ ދެން ނުބެހޭތި! އެ އޮތީ ހިމާޔަތްކޮށްފައި!

އިދިކޮޅު މެމްބަރުންގެ ވާހަކަތަކަށް ބާރުދޭ އެއް ކަމަކީ ގާނޫނުއަސާސީގައި ހުރި ބައެއް މާއްދާތަކެވެ. ގާނޫނުއަސާސީގައި ބުނާ ގޮތުން އެންމެ މެމްބަރެއްގެ ވޯޓުން ވެސް މަޖިލިހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސް ކުރެވިދާނެ އެވެ. ބޭނުންވަނީ އެ ދުވަހެއްގައި ހާޒިރުވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތު ކަމަށް ގާނޫނުއަސާސީގައި ކަޅާއި ހުދުން އޮތީ ލިޔެފަ އެވެ.

މަޖިލިހުގެ ރިޔާސަތާ ދެން ނުބެހޭތި! އެ އޮތީ ހިމާޔަތްކޮށްފައި!
މަޖިލިހުގެ ރިޔާސަތާ ދެން ނުބެހޭތި! އެ އޮތީ ހިމާޔަތްކޮށްފައި!

މަޖިލިހުގެ ޖަލްސާއެއްގެ ކޯރަމަކީ 22 މެމްބަރުންނެވެ. އެހެންވެ އެ އަދަދަށް މެމްބަރުން ހާޒިރުވެފައި ތިއްބާ 12 މެމްބަރުން ވޯޓު ދެއްވައިގެން ވެސް މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ބާރު އޮތީ ގާނޫނުއަސާސީން ލިބިދީފަ އެވެ. އެކަމަކު ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް މަޖިލިހުގެ މެޖޯރިޓީ އޮތީމަ، ގާނޫނުއަސާސީއަށް ގޮންޖެހީ އެވެ. ގާނޫނުއަސާސީ ބޮލާލައި ޖެހުމަށް ފަހު ގަވާއިދު އިސްލާހުކުރީ އެވެ. މަސީހާއި މޫސަ ސަލާމަތް ކުރީ އެވެ.

މަޖިލިހުގެ ގަވައިދަށް ގެނައި ބަދަލުގެ ހެއްވާ ސަބަބުތައް މިއޮތީ އެވެ. ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރަން ގަރާރެއް ހުށަހެޅޭނީ މަޖިލިހުގެ މެމްބަރުންގެ ތިން ބައިކުޅަ އެއްބައި މެމްބަރުންގެ ސޮއިކުރެއްވީމަ އެވެ. އެއީ 29 މެމްބަރުންގެ ސޮޔެވެ. ރާއްޖޭގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ މަދުވެގެން 10 މެމްބަރުން، ސަބަބު ބަޔާންކޮށް، ހުށަހެޅުމުން ވަޒީރުންގެ މަޖިލިހުގެ މެމްބަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ހުށަހެޅިދާނެ އެވެ. ވަޒީރުންގެ މަޖިލިހުގެ އިތުބާރު ނެތް ކަމަށް ފާސްވާން ބޭނުންވަނީ ސިމްޕަލް މެޖޯރިޓީ އެވެ.

އަލަށް ގެނައި ބަދަލުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް، 42 މެމްބަރުންގެ ސޮޔާ އެކުގައި ނޫނީ ހުށައެއް ނޭޅޭނެ އެވެ. ކުރިން ނަމަ ބޭނުންވަނީ 15 މެމްބަރުންގެ ސޮއެވެ.

އެހެންވެ، ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަދި ވަޒީރުންގެ މަޖިލިހުގެ މެމްބަރުންނަށް ވުރެ ބޮޑަށް މަޖިލިހުގެ ރިޔާސަތު ރާއްޖޭގައި މި އޮތީ ހިމާޔަތްކޮށްފަ އެވެ. މިއީ ސިކުނޑި ހަމަޖެހޭ ބަޔަކު ކުރާނެ ކަމެއްތޯ ބައެއް މެމްބަރުން ސުވާލުކުރައްވަ އެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވި ގޮތުގައި މަޖިލިހުގައި އިއްޔެ ހުރިހާ ކަމެއް ހިނގައިދިޔައީ މަޖިލިހުގެ އުސޫލުތަކާ ހިލާފަށެވެ. އެހެންކަމުން އެކަންކަން ބާތިލްވާނެ ކަމަށާއި ގަވައިދުގެ ތެރެއިން ކުރިން ހިނގާފައިވާ ކަމަކަށް ފަހުން އަންނަ ގަވައިދާ އެއްގޮތަށް އަމަލުނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ހުސެއިން އިޝާރާތް ކުރެއްވީ މަޖިލިހުގެ ނައިބު ރައީސް ރީކޯ މޫސަ މަނިކުގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ ވޯޓަށެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އޭރު ގަވާއިދުގައި އޮތް ގޮތަށް 15 މެމްބަރުން ސޮއިކުރައްވައިގެންނެވެ. އަދި އޭނާގެ މައްސަލަ މިއަދުގެ ޖަލްސާ އަށް އޮތީ ތާވަލްކޮށްފަ އެވެ. އެހެންވެ، މޫސަގެ މައްސަލަ އެޖެންޑާ ކުރެވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އާ އިސްލާހާ އެކު، މޫސަ އާއި މަސީހު ވަކިކުރުމުގެ މައްސަލަ ބޭރުވީ ކަމަށް ރިޔާސަތުން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.

ދެވަނަ ކަމަކަށް އޭނާ ފާހަގަކުރެއްވީ މަޖިލިހުގެ ރައީސް އާއި ނައިބު ރައީސްއާ ގުޅޭ ކަމެއްގައި ބަހުސްކޮށް ވޯޓަށް އެހިއިރު، މަސީހާއި މޫސަގެ ބައިވެރިވުން އޮތުމެވެ. މަޖިލިހުގެ ގަވައިދަށް ގެނައި ބަދަލަކީ ސީދާ އެބޭފުޅުންގެ މަސްލަހަތާ ގުޅުން ހުރި ކަމަކަށް ވުމުން، މަޖިލިހުގެ ރިޔާސަތު ހަވާލުކުރަންވާނީ އެންމެ ގިނަ ދުވަހު މަޖިލިހުގެ މެމްބަރުކަން ކުރެއްވި ބޭފުޅަކާ އެވެ.

ނަމަވެސް މަޖިލިހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަސީހެވެ. އަދި ނައިބު ރައީސް މޫސަ ވަނީ އާންމު ކޮމެޓީން ހުށަހެޅި ގަވާއިދަށް ބަހުސްކޮށް، އެ ގަވައިދު ފާސްކުރަން ވޯޓު ވެސް ދެއްވައިފަ އެވެ.

މީގެ އިތުރުން އަލީ ހުސެއިން ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު އުޅެނީ މަޖިލިހުގެ ރައީސް ކަމުން މަސީހު އާއި މޫސަ ވަކިކުރެވޭ ވަރަށް ސޮއި ހޯދާނެކަން އެނގޭތީ މެމްބަރުން ހައްޔަރުކުރާށެވެ. ނަމަވެސް އިދިކޮޅަށް ވޯޓު ދެއްވާނެ މެމްބަރުންގެ ބިރު ފަހަނައަޅައި ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރާ ދެކޮޅަށް 42 ވޯޓު ހޯދީމަ ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގަންނަވާނެ، މަޖިލިހުގެ މެޖޯރިޓީ ގެއްލިއްޖެކަން، ދެން ވޯޓު ނަގާނީ ގަދަ ބާރުން މެމްބަރުން ހައްޔަރުކޮށްގެން،" އަލީ ހުސެއިން ވިދާޅުވި އެވެ.

މަޖިލިހުގެ ގަވައިދަށް ބަދަލު ގެންނަން އާންމު ކޮމެޓީން ނިންމީ، އެ ކޮމެޓީގައި ކުރިން ތިއްބެވި ޕީޕީއެމް/ އެމްޑީއޭގެ ބައެއް މެމްބަރުންގެ ބަދަލުގައި އާ މެމްބަރުން ކޮމެޓީއަށް އައްޔަންކޮށްގެން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ. އެ ގޮތުން މިދިޔަ އާދިއްތަ ދުވަހު މާލޭގައި ނެތް މެމްބަރުންގެ ބަދަލުގައި އާ މެމްބަރުން ކޮމެޓީއަށް ލި އެވެ.

އޭގެ ތެރޭގައި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރުގެ ބަދަލުގައި ލީ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލެވެ. އަދި ބިލެއްދޫ ދާއިރާގެ ޕީޕީއެމް މެމްބަރުގެ ބަދަލުގައި ފުވައްމުލަކު މެދު ދާއިރާގެ އަލީ ފަޒާދު ވެސް ކޮމިޓީގައި ހިމެނި އެވެ. ހުރިހާ ކޮމިޓީއެއްގައި އޮންނަނީ ޕީޕީއެމްގެ މެޖޯރިޓީ އެވެ.

މަޖިލިހުގެ ގަވާއިދަށް މިހާ ބޮޑު ބަދަލެއް ގެނައުމުގައި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ދައްކަވާ އެންމެ ބޮޑު ހުއްޖަތަކީ މަޖިލިސް ހިންގަން ހުރަސް އެޅުމެވެ. ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާލަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާ ކަމެވެ. ރައްޔިތުންނާ ގުޅުން ހުރި އެތައް ކަމެއް ހުށައެޅިޔަނުދީ، މެމްބަރުންގެ އަތްތައް "ބަނދެލުމެވެ." ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި މަޖިލިސް މެމްބަރުން ބައިވެރިވިޔަ ނުދީ ހުރަސް އެޅުމެވެ. މާލޭގެ ތިއްބެވުން މަޖުބޫރު ކުރުމެވެ.

ވިލިމާލެ ދާއިރާ ޕީޕީއެމް މެމްބަރު އަހުމަދު ނިހާން ވިދާޅުވި ގޮތުގައި އާންމު ކޮމެޓީން މަޖިލިހުގެ ތަޅުމަށް ހުށަހަޅައި ފާސްކުރީ "ވެކްސިނެކެވެ." ރޯގާ ޖެހިފައި ތިއްބެވި ހުރިހާ މެމްބަރުންނަށް ވެކްސިން ޖެހުމުން، ރޯގާގެ އަސަރު މުޅިން ފިލައިގެން ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ އިސްލާހުތައް ފާސްކޮށްގެން އެކިއެކި ކަންކަން "ބްލޮކް" ކުރުމަކީ ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ މަޖިލީހުން ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި މަޖިލިހުގެ ޖަލްސާ ހިނގައިދިޔައީ ގަވާއިދާ ހިލާފަށް ކަމަށް ބުނަނީ އަމިއްލަ ހުއްޖަތްތަކެއް ދައްކާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސާދަ ދުވަހުން އެއް ފަހަރު ވޯޓު ހުށަހަޅައިގެން މަޖިލިހުގެ ތަޅެއް ނޭޅުވޭނެ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި މަޖިލިހުގައި ކުރެވިގެން ދަނީ ބިނާކުރުވަނިވި މަސައްކަތްތަކެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އެކި ގޮތް ގޮތުން އުނދަގޫ ކުރާނެ ކަން ވިސްނަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮންމެ ބަޔަކު ކައިގެން ވަޔެއް ލައިގެން ކުރަން ދޫކޮށްލާ ވަރަށް ވުރެ ބޮޑެތި މަސައްކަތްތަކެއް އެބަހުރި. ރައްޔިތުންނަށް ކޮށްދޭން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި. މަޖިލިސް ތަޅު އަޅުވާފައި ބާއްވަން ކުރާ ކަމެއް މިއީ. މިއުޅެނީ އެއްވެސް އުސޫލަކުން ރައްޔިތުންނަށް ހެޔޮ އެދިގެނެއް ނޫން،" މަޖިލިހުގެ ރިޔާސަތު ބަދަލުކުރަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަށް އިޝާރާތް ކުރައްވާ ނިހާން ވިދާޅުވި އެވެ.

އާ އިސްލާހަކީ ނިހާނަށް ޝަރަފެކެވެ. އޭނާގެ ވާހަކަތަކުން އެނގެ އެވެ.

"ގަވާއިދަށް އިސްލާހު ގެނައުމަކީ ރައްޔިތުންނަށްޓަކައި ލާޒިމް ކަމެއް. މިއީ ފެއްސާއި ރަތާއި ހުދުގެ އިސްލާހެއް. މިއީ އެއްވެސް ޕާޓީއެއްގެ އެއްވެސް ކުލައަކަށް އޮތް އިސްލާހެއް ނޫން،" މަޖިލިހުގެ އިއްޔެގެ ޖަލްސާގައި އާންމު ކޮމެޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ނިހާން ވިދާޅުވި އެވެ.

"މަޖިލިސް ހިނގާނެ ގޮތެއް ހެދިޔަ ނުދީ މަސައްކަތް ކުރަނީ އަމިއްލަ ބޭނުންތަކެއްގައި. އެހެންވެ، އެ ފުރުސަތު ނުދީ ރައްޔިތުންނަށް އޮތް ކަންކަމަށް ފުރުސަތު ދޭން އިސްލާހު ހުށަހެޅީ."

ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޒާރު ވިދާޅުވީ މަޖިލިހުގެ ކަންކަން އާންމު ގޮތެއްގައި ނިމިގެން ދަނީ މެޖޯރިޓީ އަށް ކަމަށް ވިޔަސް ފުރަތަމަ މައްސަލަ ހުށަހެޅޭއިރު ވެސް މެޖޯރިޓީން އެކަން ނިންމާފައި އޮންނަ ކަން ދެއްކުމަކީ ޑިމޮކްރަސީތޯ އޭނާ ސުވާލުކުރެއްވި އެވެ. އެހެންކަމުން މިހާރު ފެންނަނީ "ސިކުނޑި ހަމަނުޖެހޭ މޮޔަ އިން" ކަންކަން ކުރަމުން އަންނަ އުސޫލު ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލިހުގައި ކަންކަން ފާސްކުރަން ޖެހޭނީ ގާނޫނުއަސާސީއާ ފުށުނާރާ ގޮތަށެވެ. އެކަމަކު މިއަދު ފެންނަނީ ބައެއްގެ ބުރަ މަސައްކަތުން ހެދި ގާނޫނުއަސާސީ ބޮލާލައި ޖަހައި މެޖޯރިޓީ ކޮންޓްރޯލްކުރާ މެމްބަރުން ބޭނުން ކޮންމެ ގޮތަކަށް ކަންކަން ނިންމާ ތަނެވެ.