މިޔަރު ހަމަލާގައި ޒަޚަމްވި އަތް މިހާރު އަންނަނީ ރަނގަޅުވަމުން
މިޔަރު ހަމަލާގައި ޒަޚަމްވި އަތް މިހާރު އަންނަނީ ރަނގަޅުވަމުން

މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން ބޮޑެތި ޒަޚަމްތަކެއް ލިބުނު އަތުގެ އޮޕަރޭޝަން ކޮށްފައިވާ ކަމަށާއި މިހާރު ރަނގަޅުވަމުން އަންނަ ކަމަށް، އެ ހަމަލާގައި ޒަހަމްވި އިއްޒަތު ހަސަން ބުނެފި އެވެ.

މިޔަރު ހަމަލާގައި ޒަޚަމްވި އަތް މިހާރު އަންނަނީ ރަނގަޅުވަމުން
މިޔަރު ހަމަލާގައި ޒަޚަމްވި އަތް މިހާރު އަންނަނީ ރަނގަޅުވަމުން

އއ. ނިކަ ރިސޯޓުގެ ޓޫރިސްޓުންނާ އެކު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް އިއްޒަތުގެ އަތުގައި މިޔަރު ދަތް އެޅީ، މީހަކު ބޭނި މިޔަރެއްގެ އުރަހައެއްގައި ހިފައި އޭތި ދޯންޏަށް އަރުވަން އުޅެނިކޮށެވެ. މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހިނގި މި ހާދިސާގައި، އޭނާ އަށް ފަރުވާ ދޭން ހަމަ އެ ދުވަހު އައިޖީއެމްއެޗަށް ގެންދިޔަ އެވެ.

އެ ހޮސްޕިޓަލުން ހަތަރު ދުވަސް ވަންދެން ފަރުވާ ކުރުމަށް ފަހު، އިތުރު ފަރުވާ އަށް އިއްޒަތު، 29، ވަނީ މިދިޔަ ހުކުރު ދުވަހު ލަންކާ އަށް ގޮސްފަ އެވެ. އޭނާ ބުނީ ލަންކާ އަށް ދިއުމުގެ ކުރިން ޑޮކްޓަރާ ވާހަކަ ދައްކާފައިވާ ކަމަށާއި އެކޮޅަށް ދިޔައީ ވެސް ސީދާ އޮޕަރޭޝަން ކުރަން ކަމަށެވެ.

"ދިޔަ ދުވަހުގެ އަނެއް ދުވަހުގެ ރޭ އެޑްމިޓްކޮށް ގާތްގަނޑަކަށް ތިން ގަޑިއިރުގެ އޮޕަރޭޝަނެއް ކުރީ. ފައިން މަސް ނަގައިގެން ކުރީމަ ފައިގަ ރިއްސާ. އެކަމަކު ދުވަސްކޮޅެއް ތެރޭގައި ރަނގަޅުވާނެ ކަމަށް ޑޮކްޓަރު ބުނީ. އަދި އަތް ވެސް ވަރަށް ރަނގަޅުވަމުން އަންނަނީ،" އިއްޒަތު ބުންޏެވެ.

އަތް އޮޕަރޭޝަން ކުރީ، މިޔަރު ދަތް އެޅި ހުރިހާ މަހެއް ކަފައި ނަގައިގެންނެވެ.

"އަތަށް ވަރަށް ބޮޑަށް ލުއިވެއްޖެ ކަމުގެ އިހުސާސްވޭ. ރަނގަޅުވަމުން އަންނަނީ އަތް މޫވްކޮށް ހެދޭ މިހާރު" އިއްޒަތު ބުންޏެވެ.

އިއްޒަތުގެ ބޭސްފަރުވާ އަށް ނިކަ ރިސޯޓުގެ ފަރާތުން އެހީތެރިކަން ލިބެމުން އަންނަ ކަމަށް އޭނާ ބުންޏެވެ.