07 އެޕްރީލް 2017 - 06:44

ސަލްމާން ޚާނާ އެކު "މައިނޭ ޕިޔާރް ކިޔާ" ގައި ބަތަލާގެ ބައި ކުޅުނު ބާގްޔާޝްރީގެ ދަރިފުޅު އަބިމަންޔޫ ދަސާނީ ބޮލީވުޑަށް ތައާރަފްވާ ފިލްމު ވަރަށް އަވަހަށް ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭނާގެ ފުރަތަމަ ފިލްމަކީ އަނުރާގް ކަޝޭޕް އުފައްދާ އެކްޝަން-ކޮމެޑީ ފިލްމު "މަރްދު ދޯ ދަރްދް ނެހީ ހޯތާ" އެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ އަނުރާގްގެ ފެންޓަމް ފިލްމްސް އިންނެވެ.
މިއީ މާޝަލް އާޓްސް އަށް ލޯބިކުރާ މީހުންނަށް ވަރަށް ކަމުދާ ފިލްމަކަށް ވާނެކަމަށް އަނުރާގް ބުނެފައިވެ އެވެ.
ވާސަން ބާލާ ޑައިރެކްޓްކުރާ މި ފިލްމުގައި އަބިމަންޔޫގެ އިތުރުން މުހިއްމު ރޯލުތައް ކުޅެނީ ރާދިކާ މަދަން އާއި ތަމަޅަ ތަރިއެއް ކަމަށްވާ ޝެތުޕަތީ އެވެ.
ކަލާޒް ޗެނަލުން ކުރިން ދެއްކި "މޭރީ އާޝިގީ ތުމްސޭ ހީ" ގައި ބަތަލާގެ ބައި ކުޅުނު ރާދިކާ އާއި އަބިމަންޔޫ މި ފިލްމު ކުޅުމަށް ތަމްރީނުތައް ހަދަމުންދާތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެ އެވެ. މިހާ ގިނަ ދުވަހު ތަމްރީނު ހަދަން ޖެހެނީ މި ފިލްމަކީ މޮޅު އެކްޝަން މަންޒަރުތަކަށް ޚާއްސަ ފިލްމަކަށް ވާތީ އެވެ.
ބާގްޔާޝްރީ ވަނީ މި ޚަބަރު އޭނާގެ ފޭނުންނާ ހިއްސާ ކޮށްފަ އެވެ.
"މުޅިން އާ ފެށުމެއް. ބެލުންތެރިން އަހަންނަށް ދިން ލޯތްބާއި ތަރުހިބު އަހަރެންގެ ދަރިފުޅު އަބިމަންޔޫ އަށް ވެސް ދެމުން ގެންދިއުން އެދެން،" ދަރިފުޅާއެކު ނަގާފައިވާ ފޮޓޮއަކާ އެކު ބާގްޔާޝްރީ ސޯޝަލް މީޑިއާގައި ލިޔުނު މެސެޖްގައި ބުނެފައިވެ އެވެ.
އަބިމަންޔޫ މީގެ ކުރިން ވަނީ ޑައިރެކްޓަރު ރޯހަން ސިއްޕީއާ އެކު "ދަމް މާރޯ ދަމް" އާއި "ނޯޓަންކީ ސާލާ"ގައި އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
ބަގްޔާޝްރީ، 48، ވަރަށް ހަގު އުމުރުގައި ކައިވެނިކުރީ "މައިނޭ ޕިޔާރް ކިޔާ" ކުޅެ ނުނިމެނީހެވެ. ކައިވެންޏަށްފަހު ފިރިމީހާއާ އެކު ނޫނީ ފިލްމު ނުކުޅޭން ބާގްޔާޝްރީ ނިންމި އެވެ. އަދި އޭނާ ލައްވާ ފިލްމު ކުޅުވަން ބޭނުންވި ބައެއް ޕްރޮޑިއުސަރުން އޭނާގެ ފިރިމީހާ އާއި އޭނާ ބައިވެރިކޮށްގެން ފިލްމުތައް އުފެއްދި ވެސް މެ އެވެ. ނަމަވެސް އެ ފިލްމުތައް ފްލޮޕްވުމުން ބާގްޔާޝްރީގެ ފިލްމީ ކެރިއަރު ވަޅު ޖެހީ އެވެ.
އަބިމަންޔޫ އަކީ ބާގްޔާޝްރީގެ ދޮށީ ދަރިފުޅެވެ. އަދި ހަގަށް ފިރިހެން ކުއްޖަކާއި ދެ އަންހެން ކުދިން އޭނާގެ އެބަތިއްބެވެ.