ކޮފީން ކެންސަރެއް ނުޖެހޭ، އެކަމަކު މާ ހޫނުކޮށް ނުބޯތި!
ކޮފީން ކެންސަރެއް ނުޖެހޭ، އެކަމަކު މާ ހޫނުކޮށް ނުބޯތި!

ކޮފީ އަކީ ކެންސަރަށް މަގުފަހިކުރުވަފާނެ އެއްޗެއްގެ ގޮތުގައި ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅައި މީގެ ކުރިން ނެރެފައިވާ އިންޒާރު ބަދަލުކޮށްފި އެވެ. އާ ހޯދުންތަކަށް ފަހު ޑަބްލިޔު.އެޗް.އޯ އިން އިއްޔެ ބުނެފައި ވަނީ ކޮފީން ކެންސަރު ޖެހިދާނެ ކަމަށް ބެލެވޭނެ ފުރިހަމަ ހެއްކެއް ނެތް ކަމަށާއި އެކަމަކު އެއްވެސް އެއްޗެއް މާ ހޫނުކޮށް ބުއިން ރައްކާތެރި ނޫން ކަމަށެވެ.

އިންޓަނޭޝަނަލް އޭޖެންސީ ފޯ ރީސާޗް އޮން ކެންސާ (އައިއޭއާރްސީ) އިން މީގެ ކުރިން ކޮފީ ރޭޓް ކޮށްފައި ވަނީ ކެންސަރު ޖެހުމަށް މެދުވެރިކުރުވަފާނެ އެއްޗެއްގެ ގޮތުގަ އެވެ. ނަމަވެސް އެ ނިންމުން ބަދަލުކުރުމަށް ފަހު ބުނެފައި ވަނީ ކޮފީން ކެންސަރު ޖެހޭ ކަމުގެ ހެއްކެއް ނެތް ކަމަށާއި އެއާ ޚިލާފަށް، ކޮފީ އަކީ ބައެއް ބާވަތްތަކުގެ ކެންސަރުން ދުރުކޮށްދޭ އެއްޗެއް ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.

"އެކަމަކު މީގެ މާނަ އަކީ ކޮފީ އަކީ މުޅިން ރައްކާތެރި އެއްޗެކޭ ނޫން ... އެކަމަކު ކޮފީއާ މެދު ކަންބޮޑުވާންޖެހޭ މިންވަރު މި ވަނީ ކުޑަވެފައި،" އައިއާރްސީއޭގެ މޮނޮގްރާފް ކްލެޒިފިކޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް ޑާނާ ލޫމިސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

ކޮފީއާ ބެހޭ ގޮތުން މި ވާހަކަތައް އާންމުކޮށްފައި ވާއިރު އެއާ އެކު ވަނީ މާ ހޫނުކޮށް އެއްވެސް އެއްޗެއް ބުއިން ރައްކާތެރި ނޫން ކަމަށް ބުނެފަ އެވެ. އެގޮތުން 65 ޑިގްރީ ސެލްސިއަސް އަށް ވުރެ ހޫނުކޮށް، ފެން، ކޮފީ، ސައި އަދި އެއްވެސް ދިޔާ އެއްޗެއް ބުއިމަކީ ކެންސަރު ޖެހުމަށް މެދުވެރި ކުރުވަފާނެ ކަމެއްގެ ގޮތުގައި އައިއާރްސީ އިން ވަނީ ބުނެފަ އެވެ.

ކޮފީއާ ބެހޭ ގޮތުން މި ނިންމި ނިންމުމަށް، ކޮފީ އުފައްދާ އަދި އޭގެ ވިޔަފާރިކުރާ އެކި ފަރާތްތަކުން ވަނީ މަރުހަބާ ކިޔައިފަ އެވެ.