ޕޯޗުގަލް ކޯޗާ އެކު ނިއުގެ އެކަޑަމީ ހޮނިހިރު ދުވަހު ފަށަނީ
ޕޯޗުގަލް ކޯޗާ އެކު ނިއުގެ އެކަޑަމީ ހޮނިހިރު ދުވަހު ފަށަނީ

ނިއު ރޭޑިއަންޓުގެ ސީނިއާ ޓީމުގެ ފިޓްނަސް ކޯޗު އަދި ޔުއެފާ ބީ ލައިސަންސް ފުޓްބޯޅަ ކޯޗު ޕޯޗުގަލްގެ ޔަކީމް ވެލިންހޯގެ ބެލުމުގެ ދަށުން އެ ކްލަބުގެ އެކަޑަމީ އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމައިފި އެވެ.

ނިއު އިން ބުނީ އުމުރުން 6 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންނަށް އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ފީ އަކީ މަހަކު 300ރ. ކަމަށެވެ.

އެކަޑަމީގެ ފުރަތަމަ ޓްރެއިނިން ސެޝަން ހޮނިހިރު ދުވަހު ހަވީރު ޓާފް ދަނޑުގައި ބާއްވާއިރު އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން އެފްއޭއެމް ހައުސްގައި ހުންނަ ނިއުގެ އޮފީހުން ފޯމް ފުރައި ފައިސާ ދެއްކުމުން ވަގުތުން ކިޓް ދޫކުރާނެ އެވެ. މިއަދު ހަވީރު 5 ޖަހަންދެއް އަދި ހޮނިހިރު ދުވަހު ހެނދުނު 9 އިން ފެށިގެން ޓްރެއިނިން ފެށުމާ ހަމަޔަށް ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ. އެކަމަކު އޭގެ ކުރިން ވެސް ޖާގަ ހުސްވެއްޖެ ނަމަ ފުރުސަތު ބަންދުވާނެ އެވެ.

ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް މޫސާ (ޓެޑް) ވިދާޅުވީ ނިއު އިން އިސްކަންދެނީ އެކަށީގެންވާ އަދަދެއްގެ ކުދިންނަށް ފެންވަރު ރަނގަޅު ތަމްރީން ދޭން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ ގިނަ އަދަދަކަށް ކުދިން ނަގައިގެން މިއީ ފައިސާ ހޯދަން ކުރާ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދަން. އަޅުގަނޑުމެންނަށް ޓްރެއިނިން ކުރިއަށްގެންދަން ލިބޭ ވަގުތާއި ދަނޑުގެ ޖާގައާ މި ހުރިހާ ކަމަކަށް ބެލުމަށް ފަހު އެންމެ ރަނގަޅަށް ތަމްރީންތައް ކުރިއަށް ގެންދެވޭ އަދަދަކަށް ކުދިން ނަގާނީ،" ޓެޑް ބުންޏެވެ. "ގިނަ ވެގެން ކޮންމެ 15 ކުއްޖަކަށް ކޯޗެއް ހުންނާނެ."

އެކަޑަމީގެ ހެޑް ކޯޗަކަށް ހަމަޖައްސާފައިވާ ވެލިންހޯ އަކީ ރާއްޖޭގެ ކްލަބެއްގެ އެކަޑަމީއަކާ ހަވާލުވާ އެންމެ ފެންވަރު ރަނގަޅު ކޯޗެވެ.

ސްޕޯޓްސް ޓްރެއިނިން (ފުޓްބޯލް) އިން ބެޗެލާސް އޮފް ސައިންސް ޑިގްރީއެއް ހާސިލްކޮށްފައިވާ ވެލިންހޯ ވަނީ ސައިކޮލޮޖީ އޮފް ސްޕޯޓްސް އެންޑް ފިޒިކަލް އެކްޓިވީޓީގެ ރޮނގުން ޕޯސްޓްގްރެޖުއޭޓް ޑިގްރީއެއް ވެސް ހާސިލްކޮށްފަ އެވެ.

ޔުއެފާ ބީ ލައިސަންސް ނަގާފައިވާ ވެލިންހޯ ވަނީ ޕޯޗުގަލް ޕްރިމިއާ ލީގުގެ ކްލަބް އެތުލެޓިކޯ ކުރިއެންސާއި ދެ ވަނަ ޑިވިޝަނުގެ ގްރޫޕޯ ޑެސްޕޭޓިވޯ އަދި ޓެންޒޭނިއާ ޕްރިމިއާ ލީގުގެ އެފްރިކަން ލިޔޯންގެ ޓްރެއިނަރަކަށް މަސައްކަތްކޮށްފަ އެވެ. އޭނާ އަކީ ފުޓްބޯޅަ ޓްރެއިނިންގެ އިތުރުން ފިޒިކަލް ފިޓްނަސްގެ ތަޖުރިބާކާރެކެވެ.

ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކުން އެކަޑަމީއެއް ހިންގަން އެފްއޭއެމުން ލާޒިމްކޮށްފައިވާއިރު ނިއު އިން ވަނީ އޭގެ ކުރިން 2013 ވަނަ އަހަރު އަލީ ވަހީދުގެ ދައުރުގައި އެކަޑަމީ ފުޅާ ދާއިރާއެއްގައި ފަށައިފަ އެވެ. އަދި އޭގެ ކުރިން އަލީ އާޒިމްގެ ދައުރުގައި ވެސް އެކަޑަމީގެ މަސައްކަތް ފަށަން ވަރަށް ބޮޑަށް ޕްލޭންކުރި އެވެ.