06 އެޕްރީލް 2017 - 11:48

ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ތެރެއިން ފަސް ޑޮކްޓަރެއްގެ ލައިސަންސް އެކި ސަބަބުތަކާ ހެދި ބާތިލްކޮށް، އެއް ޑޮކްޓަރެއްގެ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓާފައިވާ ކަމަށް މޯލްޑިވްސް މެޑިކަލް ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލުން އާންމު ކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ބާތިލްކޮށް ނުވަތަ ހިފަހައްޓާފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ޑޮކްޓަރުންތަކެއްގެ ލައިސަންސް އެވެ. އެއް ޑޮކްޓަރެއްގެ ލައިސަންސް ބާތިލް ކުރީ ސައްހަ ނޫން ސެޓްފިކެޓެއް ހުށަހެޅުމުން ކަމަށާއި ބާކީ ތިބި ޑޮކްޓަރުންނާ މެދު ފިޔަވަޅު އެޅީ އެ މީހުން ނިސްބަތްވާ ގައުމުތަކުގެ މެޑިކަލް ކައުންސިލުން ދޫކުރި ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ނުކުރެވޭތީ ކަމަށް އެ ރިޕޯޓުގައި ވެ އެވެ.
ވަގުތީ ގޮތުން ލައިސަންސް ހިފަހައްޓާފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ރިޕޯޓުގައި ބުނެފައި ވެ އެވެ.
މެޑިކަލް ކައުންސިލުން ބުނީ ޑޮކްޓަރުންނާ ގުޅޭ ތަފާތު ހަ މައްސަލައެއް އެ ކައުންސިލުން މިދިޔަ އަހަރު ބަލައި ނިންމި ކަމަށެވެ. ބަލި މީހުންނަށް ފަރުވާ ދިނުމުގައި އިތުރަށް ފަރުވާތެރިވުމަށް ނަސޭހަތް ދީފައިވާއިރު، ބާކީ މައްސަލަތަކުގައި ފާހަގަ ކުރެވުނު، ރަނގަޅު ކުރަންޖެހޭ ކަންކަން ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން މިހާރު ނުނިމި އޮތީ މަރު ހިމެނޭ ތިން މައްސަލައެކެވެ. އެއީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވިހެއި ދެ ކުއްޖަކު، ވިހެއުމުގެ ތެރޭގައި މަރުވުމުން ހުށަހެޅި ދެ މައްސަލައަކާއި އޮޕަރޭޝަން ކުރަން ހޭނެއްތި އަންހެނަކު ކޯމާ އަކަށް ގޮސް، މަރުވި މައްސަލައެކެވެ. އެ ތިން މައްސަލައިގެ މައުލޫމާތު އެއްކޮށްފައި ވިޔަސް ފައިނަލް ރިޕޯޓް އަދި ތައްޔާރެއް ނުކުރެ އެވެ.