މިއަންމާގެ މުސްލިމުންގެ ނަސްލު ނައްތާލަން މަސައްކަތް ނުކުރާ ކަމަށް ސޫކީ ވިދާޅުވެއްޖެ
މިއަންމާގެ މުސްލިމުންގެ ނަސްލު ނައްތާލަން މަސައްކަތް ނުކުރާ ކަމަށް ސޫކީ ވިދާޅުވެއްޖެ

ޔަންގޫން (އެޕްރީލް 6) - މިއަންމާގެ ރޮހިންޖާ މުސްލިމުންގެ ނަސްލު ނައްތާލުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށް އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ ވިދާޅުވެއްޖެ އެވެ.

ބީބީސީ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ ސޫކީ ވަނީ ރޮހިންޖާ މުސްލިމުން ދިރިއުޅޭ ރަކީން ސްޓޭޓުގައި މައްސަލަތައް ހުރި ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އެކަމަކު މުސްލިމުންގެ ނަސްލު ނެތިކޮށްލަން އުޅުމޭ ބުނުމަކީ މާވަރުގަދަ ޓާމެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ. އެކަމަނާ ވިދާޅުވީ ރަކީން އަށް އެނބުރި އަންނަ މުސްލިމުންނަށް މިއަންމާ އިން މަރުހަބާ ކިޔާނެ ކަމަށެވެ.

"ނަސްލު ނެތިކޮށްލުމުގެ އެއްވެސް ކަމެއް ހިނގާ ކަމަށް ގަބޫލެއް ނުކުރެވޭ. ރަކީންގެ ވަރަށް ގިނަ މައްސަލަތައް އެބަހުރި. މުސްލިމުން މުސްލިމުން މެރުމުގެ ހާދިސާތައް ވެސް ހިންގާ،" ސޫކީ ވިދާޅުވި އެވެ.

ރަކީން ސްޓޭޓުގައި މިއަންމާ ސިފައިން އޮކްޓޯބަރު މަހު ހިންގަން ފެށި އޮޕަރޭޝަނާ ގުޅިގެން 70،000 އަށް ވުރެ ގިނަ މީހުން ވަނީ ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ. ސިފައިންގެ އޮޕަރޭޝަނުގައި މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތައް ތަހުގީގު ކުރާނެ ކަމަށް އދ. އިން މިދިޔަ މަހު ވަނީ ބުނެފަ އެވެ.

މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން އަނިޔާވެރިވަމުންދާ އިރު ސޫކީ ހިމޭނުން ހުންނަވާތީ އެކަމަނާ އަށް ވަރަށް ބޮޑަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އެކަމަކު ބީބީސީ އިންޓަވިއުގައި އެކަމަނާ ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން ރަކީން ސްޓޭޓުގެ ހަމަނުޖެހުމުގެ ވާހަކަ އެކަމަނާ ދައްކަވަމުން އަންނަ ކަމަށެވެ.

ސޫކީ ވިދާޅުވީ މިއަންމާގެ އަސްކަރިއްޔާ އޮތީ ސަރުކާރުގެ ނުފޫޒު ނުފޯރުވޭ ވަކި ބާރެއްގެ ގޮތުގައި ނަމަވެސް ސިފައިންނަށް ވެސް ބޭނުން ކޮންމެ ކަމެއް ނުކުރެވޭނެ ކަމަށެވެ.

ރަކީންގައި މިލިއަނެއްހާ މުސްލިމުން ދިރިއުޅެ އެވެ. އެކަމަކު ރަކީންގެ އަޣުލަބިއްޔަތު އޮންނަ ބުޑިސްޓުން ބުނަނީ އެއީ ގަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބައެއް ކަމަށެވެ. ރަކީންގައި މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން 2012 ވަނަ އަހަރު ދިން ހަމަލާތަކުގައި 100،000 މުސްލިމުން ހާލުގައި ޖެހުނެވެ. ރޮހިންޖާ މުސްލިމުންނަކީ މިއަންމާގެ ރައްޔިތުންގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ވެސް ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު އެ މީހުން މިއަންމާގެ ދިރިއުޅޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ.