ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ ދެމެދު 'ޕާޓްނަޝިޕް ޑައިލޮގް' ބާއްވައި، ރާއްޖޭގެ މަހުގެ ޓެރިފް އާއި ދިވެހިންނަށް އީޔޫގެ ގައުމުތަކުން އޮން އެރައިވަލް ވިސާ ދިނުން ހިމެނޭ ގޮތަށް ގިނަ ދާއިރާތަކަކުން މަޝްވަރާކޮށްފި އެވެ.
އެއީ 2020 ވަނަ އަހަރަށްފަހު އަދި ޖުލައި، 2024 ގައި ރާއްޖެއިން 'ސަމޯއާ އެގްރީމެންޓް' ގައި ސޮއިކުރުމަށްފަހު 'މޯލްޑިވްސް - އީޔޫ ޕާޓްނަޝިޕް ޑައިލޮގް' ގެ ނަމުގައި މަޝްވަރާތައް ރަސްމީކޮށް ބޭއްވި ފުރަތަމަ ފަހަރެވެ. އެ ބައްދަލުވުން ބޭއްވޫ މިދިޔަ ހޯމަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓްރީގަ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ ރާއްޖެ އާއި އީޔޫގެ ގުޅުމުގައި ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އެ މަޝްވަރާތަކުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން ފުޅާކުރުމާއި އީޔޫގެ ގައުމުތަކަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ފަސޭހައިން އެތެރެ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރި ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ޓެރިފްގެ ދަތިތަކާ މެދު ހިޔާލު ބަދަލުކޮށް، އިންވެސްޓްމަންޓްތައް އިތުރު ކުރުމާއި އިގްތިސާދު ކުރިއެރުވުމަށް މިހާރު ކުރިއަށް ގެންދާ އިސްލާހީ މަސައްކަތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރި ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އީޔޫގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް އޮންއެރައިވަލް ވިސާ ދިނުމާ ބެހޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް ފޮރިން މިިނިސްޓްރީން ބުންޏެވެ.
މަތީ ފަންތީގެ އެ ބައްދަލުވުމަކީ ފޮރިން މިނިސްޓްރީން ބުނިގޮތުގައި އީޔޫ އާއި ރާއްޖެއިން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރަން ލިބު ފުރުސަތެއް ކަމަށެވެ. އޭގެ ތެރޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމާއި އިންސާނީ ހައްގުތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ސަލާމަތާއި ސަރަހައްދީ ރައްކާތެރިކަމުގެ އިތުރުން ވިޔަފާރި އާއި މަސްވެރިކަމާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމުގެ ދާއިރާ ހިމެނެ އެވެ.
ޑިމޮކްރެޓިކް އުސޫލުތަކާއި އަސާސީ ހައްގުތައް ނެގެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އީޔޫ އާއި ރާއްޖެއިން ބައްދަލުވުމުގައި ބާރުއަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މަދަނީ މުޖުތަމައަކަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެ އެވެ.
މީގެ އިތުރުން ރާއްޖެ އާއި އީޔޫގެ ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ދެފަރާތުން މަޝްވަރާކުރި އެވެ. އޭގެ ތެރޭގައި ހާއްސަކޮށް އުމްރާނީ ތަރައްގީ އާއި މާލީ ނިޒާމު ހަރުދަނާ ކުރުމާއި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގެ އިތުރުން ޑިޖިޓަލް ޓްރާންސްފޯމޭޝަނާއި ތައުލީމީ ދާއިރާ އަދި އިގްތިސާދު ސިންދަފާތުކުރުމާ ގުޅޭގޮތުން ދެފަރާތުގެ މެދުގައި ހިޔާލު ބަދަލުކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކުރުމަށް އީޔޫ ދެމުންދާ އެއްބާރުލުމަށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އީޔޫއިން ދީފައިވެ އެވެ.
މި މަޝްވަރާތަކުގައި ސަލާމަތީ ކަންކަމަކީ މައިގަނޑު އަސާސެއްގެ ގޮތުގައި ބަލައި، ކުރިއަށް އޮތް އަހަރުތަކުގައި ސަލާމަތީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމަށް ކުރެވިދާނެ އަމަލީ މަސައްކަތްތަކާ މެދު ދެ ފަރާތުން މަޝްވަރާކުރި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްވަރާތައް ނިންމާލާފައިވަނީ އީޔޫ އާއި ރާއްޖެއާ ދެމެދު އެއްގޮތް އުސޫލުތަކާއި އަދި ދެފަރާތުން ވެސް އިސްކަންދޭ ކަންކަމުގެ މައްޗަށް ބިނާކޮށް އިތުރަށް ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމަށް ނިންމުމަށްފަހު އެވެ.
އޭގެ ދެވަނަ ބައްދަލުވުން އަންނަ އަހަރު ބެލްޖިއަމްގެ ބްރަސަލްސްގައި ބޭއްވުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރި އެވެ.
ރާއްޖެއާއި އީޔޫގެ މި ފުރަތަމަ "ޕާޓްނަޝިޕް ޑައިލޮގް" ގެ ރިޔާސަތު ބެލެހެއްޓެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ އޭޝިއާ އެންޑް ޕެސިފިކް ސަރަހައްދުގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ ޕައޯލާ ޕަމްޕަލޯނީ އެވެ.