ސްލޮވާކިއާ މޮޅުވެ ރަޝިއާ އަށް ޕްރެޝަރު
ސްލޮވާކިއާ މޮޅުވެ ރަޝިއާ އަށް ޕްރެޝަރު

ލިލް، ފްރާންސް (ޖޫން 15) - ރަޝިއާ 2-1 އިން ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި ސްލޮވާކިއާ ހޯދި ފުރަތަމަ މޮޅާ އެކު ގްރޫޕް ބީ އިން ދެ ވަނަ ބުރަށް ދިއުމުގެ އުއްމީދު އެ ޓީމުން މިރޭ އާކޮށްފި އެވެ.

ސަޕޯޓަރުންގެ ހަމަނުޖެހުމުގެ ސަބަބުން މުބާރާތުން ވަކިކޮށްފާނެ ކަމުގެ ބިރާ ކުރިމަތިވެފައި އޮތް ރަޝިއާ އަށް މި ނަތީޖާގެ ސަބަބުން ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ފުރަތަމަ މެޗުގައި އިންގްލެންޑާ 1-1 އިން އެއްވަރުކުރި ރަޝިއާ އެއް ޕޮއިންޓާ އެކު އޮތީ ގްރޫޕުގެ ފުލުގަ އެވެ. ވޭލްސް އާއި ސްލޮވާކިއާ ތިން ޕޮއިންޓް ހޯދާފައިވާއިރު އިންގްލެންޑަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މާދަމާރޭ އިންގްލެންޑް އަތުން މޮޅުވެއްޖެ ނަމަ ވޭލްސް އަށް ދެ ވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ. ސްލޮވާކިއާ އަތުގައި މިހާރު ވެސް ތިން ޕޮއިންޓް އޮތުމުން، ދެ ވަނަ ބުރަށް ދިއުމަށް ހުރިހާ ވެސް ޕްރެޝަރެއް އޮތީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ރަޝިއާއަށެވެ.

މިރޭގެ މެޗުގައި ސްލޮވާކިއާ އަށް ލީޑު ނަގައިދިނީ 22 ވަނަ މިނެޓުގައި ގަތަރުގެ އަލް ގަރާފާ ސްޕޯޓްސް ކްލަބަށް ކުޅޭ ލަޑިމިއާ ވެއިސް އެވެ. މެދުތެރެއިން ދިން ބޯޅަ އޭރިއާ ބޭރުން ކޮންޓްރޯލް ކުރުމަށް ފަހު ރަޝިއާގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު އޭނާ ބޯޅަ ވައްދާލީ ގޯލުގެ ކަނަށެވެ. މި ލަނޑާ ވެއިސް ވެފައިވަނީ ޔޫރަޕަށް ނިސްބަތްނުވާ ކްލަބަށް ކުޅެމުން ޔޫރޯގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ސްލޮވާކިއާގެ ލީޑު ފުޅާކޮށްދިނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކެޕްޓަން މަރެކް ހަމްސިޗެވެ. ކޯނަރަކުން ލިބުނު ބޯޅަ، ރަޝިއާގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އޭނާ ފޮނުވާލުމުން ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. މިއީ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ރީތި އެއް ގޯލެވެ.

މި ހާފުގައި ރަޝިއާ އަށް ވެސް ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތު ލިބުނެވެ. އެގޮތުން އެ ޓީމުގެ އަރްޓޫމް ޒޫބާ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ގޯލް ދަނޑީގައި ޖެހިފައި ނުކުތްއިރު ފެޑޯ މޮލޯފް ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލް ދަނޑިއާ އިންޗެއްހާ ދުރުންނެވެ.

ދެ ވަނަ ހާފު ފަށައިގެން ރަޝިއާ އިން ވަނީ ކުރިއަށް ވުރެ ބޮޑަށް އެޓޭކޮށްފަ އެވެ. އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗު އަދި ސަޕޯޓަރުން ވެސް ވަރަށް ބޮޑަށް ހާސްކަމެއްގައި ތިބިކަން ފާހަގަކުރެވުނުއިރު، އުއްމީދެއް ގެނެސްދިނީ 80 ވަނަ މިނެޓުގައި ޑެނިސް ލުޝަކޯފެވެ. އަރިމަތިން ނެގި ހުރަސް އޭނާ ބޮލުން ގޯލް ތެރެއަށް ފޮނުވާލި ނަމަވެސް މެޗު ނިމިގެން ދިޔައީ އެ ޓީމަށް އިތުރު ލަނޑެއް ނުޖެހި ސްލޮވާކިއާ މޮޅުވެގެންނެވެ.