07 އެޕްރީލް 2017 - 11:35

ލަންޑަން (އޭޕްރިލް 7) - އިނގިރޭސި ޗެމްޕިއަންޝިޕްގައި މިދިޔަ ބުދަ ދުވަހު ނިއުކާސަލް ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއެއްގައި އެ މެޗުގެ ރެފްރީ ކެއިތު ސްޓްރޫޑް ނިންމި ގޯސް ނިންމުމަކަށް އޭނާ މައާފަށް އެދިއްޖެ އެވެ.
ބާޓަން އެލްބިއަން އަތުން 1-0 އިން ނިއުކާސަލް މޮޅުވި މި މެޗުގައި ލިބުނު ޕެނަލްޓީއެއް މެޓް ރިޗީ ފޮނުވާލަނިކޮށް އެ ޓީމުގެ ޑްވައިޓް ގޭލް އޭރިއާ ތެރެއަށް ވަނުމުން ރެފްރީ ނިންމީ އިދިކޮޅު ޓީމަށް ޖެހުމެއް ދިނުމަށެވެ. ފުޓްބޯޅަ ގަވާއިދު ބުނާގޮތުން ރެފްރީ ނިންމަން ޖެހޭނީ ދެ ވަނަ ފަހަރަށް ޕެނަލްޓީ ޖަހަން ދިނުމަށެވެ.
މި މައްސަލައިގައި ޕްރޮފެޝަނަލް ގޭމް މެޗު އޮފިޝަލް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން ބުނީ އެ މެޗުގައި ރެފްރީންނަށް ގަވައިދު އޮޅުނީ ކަމަށާއި އެކަމަކާ އެ މެޗުގެ ރެފްރީ ސްޓްރޫޑް އާއި އޮފިޝަލުން ވަނީ މައާފަށް އެދިފައި ކަމަށެވެ.
މި ކަމާ ގުޅިގެން ޕީޖީއެމްއޯއެލް އިން ވަނީ މުއްދަތެއް ނެތް ގޮތަށް ސްޓްރޫޑަށް މެޗެއް ނުދިނުމަށް ނިންމައިފަ އެވެ.
ސްޓްރޫޑްގެ ގޯސް ނިންމުމުގެ ސަބަބުން ނިއުކާސަލް ކޯޗު ރަފައެލް ބެނިޓޭޒް ވަނީ އެ މެޗަށް ފަހު އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
މިިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުން ރެލިގޭޓްވި ބެނިޓޭޒްގެ ނިއުކާސަލް މި ވަގުތު ޗެމްޕިއަންޝިޕްގެ އެއް ވަނައިގައި އޮތީ އެއް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ނިއުކާސަލް އަށް 40 މެޗުން 84 ޕޮއިންޓް ލިބިފައިވާއިރު، ބްރައިޓަން ދެ ވަނައިގައި އޮތީ 40 މެޗުން 83 ޕޮއިންޓް ހޯދައިގެންނެވެ.