07 އެޕްރީލް 2017 - 16:45

އިސްލާމީ މުޖުތަމައަކީ ވަރަށް މުހިންމު އަސާސްތަކެއްގެ މަތީ ބިނާވެފައި އޮންނަން ޖެހޭ މުޖުތަމައެކެވެ. އިސްލާމް ދީނުގެ އުސޫލުތަކާއި އިރުޝާދުތަކުން ފެނިގެންދާ މި އަސާސްތައް މުޖުތަމައުގައި ދަމަހައްޓައިފި ނަމަ ދިރިއުޅުމުގެ އެންމެހާ ކަންކަން އެންމެ ފުރިހަމަ އަދި އެންމެ އަދުލުވެރި ގޮތުގައި އިންތިޒާމު ކުރެވޭނެކަން ޔަގީނެވެ. މިފަދަ އެއް އަސާސަކީ މުޖުތަމައުގައި ތިބޭ މުއްސަނދިންނާއި އަދި ދައުލަތުގެ މުއްސަނދިކަމުން މުޅި މުޖުތަމައަށް މަންފާ ލިބޭ ގޮތަށް އޮތުމެވެ.
ކޮންމެ މުޖުތަމައެއްގައި ވެސް ފަގީރުންނާއި މިސްކީނުންނާއި އަޅާލާނެ މީހަކު ނެތް މީހުންނާއި ގެދޮރު ނެތް މީހުންނާއި މުސްކުޅިންނާއި ނުކުޅެދޭ މީހުންނާއި ބަލިމީހުން ތިބޭނެ އެވެ. މިފަދަ މީސްމީހުންނަށް އަޅާނުލެވި ދިއުމަކީ އިސްލާމީ އަދާލަތުގެ ނިޒާމު ބަލައިގަންނަ ކަމެއް ނޫނެވެ. މިގޮތުން މުއްސަނދިންތައް އަރާމު ދިރިއުޅުމުގައި އުޅޭ ހިނދު ނިކަމެތިކަމާއި ދަތި ހާލުގައި އެހެން ބަޔަކު ތިބުމަށް ނުވަތަ މުޖުތަމައުގެ ހުރިހާ މުއްސަނދިކަމެއް ހަމައެކަނި ވަކި ބައެއްގެ އަތްމަތީ ދައުރުވަމުން ދިއުމަށް އިސްލާމް ދީން އިންކާރު ކުރެ އެވެ.
އިސްލާމް ދީން ބާރު އަޅަނީ މުޖުތަމައުގެ މުއްސަނދިކަމުން އެންމެންނަށް ވެސް ކޮންމެވެސް މިންވަރަކަށް މަންފާ ލިބުމަށެވެ. މިގޮތުން އިސްލާމް ދީނުގައި ރޭވިފައިވާ ކަންކަމުގެ ތެރެއިން އެއް ކަމަކީ ޒަކާތެވެ. އެއީ މުއްސަނދިކަން ވަކި މިންވަރަކަށް ގޮސް އެ މިންވަރުގައި އަހަރު ދުވަސް ވަންދެން އުޅެވޭ ވަރުގެ ކޮންމެ މީހަކު އަތުން އެމީހެއްގެ މުއްސަނދިކަމުން ބައިކުޅަ ބައެއް ނަގައި ފަގީރުންނަށާއި ހާލުގައި ޖެހިފައި ތިބޭ މީހުންނަށާއި މުޖުތަމައަށް މަންފާ ކުރާ ބައެއް ކަންކަމަށް އެއިން ހޭދަ ކުރުމަށް އިސްލާމް ދީނުގައި ލާޒިމު ކުރެވިފައިވާ ކަމެކެވެ.
މި ގޮތުން ރަންރިއްސާއި ނަގުދު ފައިސާ ފަދަ ރައުސްމާލުންނާއި ގެރިބަކަރި އާއި ދަނޑުގޮވާމާއި މޭވާ އާއި ވިޔަފާރި މުދާ ފަދަ ފައިދާ ނެރެވޭ މުދަލުގެ ފައިދާ އިން ޒަކާތް ނެރުމަކީ އެކަމުގެ ޝަރުތު ހަމަވާ ހަމަ ކޮންމެ މީހެއްގެ މައްޗަށް ވެސް އޮތް އައިނިއްޔަ ފަރުޟެކެވެ. އަދި ކިއެއްތަ، އެއީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ.
ކީރިތި ޤުރްއާނުގެ އަލްމަޢާރިޖް ސޫރަތުގައި ވާ ގޮތުން ނުބައިކަމެއް ބީހުމުން ކެތްތެރިކަން ކުޑަވުމާއި ތަނަވަސްކަމެއް ލިބުމުން ހޭދަކުރަން ނޭދުމުގެ ނުބައި ބަލިން ސަލާމަތްވުމަށް އޮތް މަގުތަކުގެ ތެރެއިން އެއް މަގަކީ، ސުވާލުކޮށް އެދޭ މީހުންނަށާއި ނިކަމެތި މަހްރޫމުންނަށް އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ ހައްގެއް އޮތުމެވެ. އެބަހީ އެ ހައްގު އަދާ ކުރުމެވެ. އެ ހައްގުގެ ތެރޭގައި ޒަކާތް ވެސް ހިމެނޭނެ އެވެ.
ޒަކާތަށް އިސްލާމް ދީން ބާރުއަޅާ މިންވަރު ހާމަވާ އެތައް ކަމެއް ވެއެވެ. މި ގޮތުން ޒަކާތް ނެރުމަށް އަންނަ އަމުރުތައް ވަރަށް ގިނަ ފަހަރު ނަމާދާ ގުޅުވާފައި ވެއެވެ. ޒަކާތް ދޭ މީހުންނަށް ބޮޑުވެގެންވާ އުޖޫރަ ލިބޭނެކަން ބަޔާން ކުރައްވާފައި ވެއެވެ. (އަލްޙަދީދު 7). ﷲ ގެ ރަހުމަތް އެބައެއްގެ މައްޗަށް ލިޔެވިގެންވާ މީހުންގެ ތެރޭގައި ވެސް ޒަކާތް ދޭ މީހުން ހިމެނޭކަން ބަޔާން ކުރައްވާފައި ވެއެވެ. (އަލްއަޢުރާފް 156)
ގިޔާމަތް ދުވަހުން ކަސްތޮޅު އަޅުވައިގެން ހިފައި ގެންގޮސް ނަރަކަ އަށް އެއްލާލައި އެތަނުގައި ހިލިހިލާ އެޅުވުމަށް މަލާއިކަތުންނަށް އަމުރު ކުރެވޭ ބައެއްގެ ވާހަކަ އަލްޙާއްޤަތު ސޫރަތުގައި ބަޔާން ކުރައްވާފައި ވެ އެވެ. މިބައިމީހުންގެ ކުށްތަކުގެ ތެރެއިން އެއް ކަމަކީ މިސްކީނުންނަށް ކާއެތިކޮޅު ފޯރުކޮށްނުދިނުމެވެ. ޒަކާތް ނުދޭ ނަމަ ހަނގުރާމަ ކޮށްގެން ވެސް އަތުލުމަށް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަށް އަމުރުވެވިގެންވާ ކަން އެކަލޭގެފާނު ބަޔާން ކުރައްވާފައި ވެއެވެ. (ބުޚާރީ އާއި މުސްލިމް). އަބޫބަކުރުގެފާނުގެ ޒަމާނުގައި ވަނީ މިފަދަ ހަނގުރާމައެއް ކުރައްވާފަ އެވެ.
އިސްލާމް ދީނުގައި ޒަކާތަށް މިހާ ބޮޑު އަހަންމިއްޔަތެއް ދެނީ އިސްލާމީ މުޖުތަމައުގައި އިޖުތިމާއީ އަދާލަތު ގާއިމު ކުރުމަށެވެ. މުޖުތަމައުގެ ތަފާތު ގިންތިތަކުގައި އޮންނަ ތަފާތު ބޮޑުވެގެން ގޮސް އެންމެ އަސާސީ ބޭނުންތައް ވެސް ނުފުއްދޭ ބަޔަކު މުޖުތަމައުގައި ނުބޭތިއްބުމުގެ ގޮތުންނެވެ. މުޖުތަމައު ހެޔޮ ގޮތުގައި އިންތިޒާމު ކުރުމުގެ ގޮތުންނެވެ. އެހެންވެ އިލްމުވެރިން ވިދާޅުވާ ގޮތުގައި ޒަކާތަކީ އެ ދިނުން ވާޖިބުވެއްޖެ މީހެއްގެ މައްޗަށް އޮންނަ ދަރަންޏެކެވެ. އެ އަދާ ކުރުމުން މެނުވީ ދަރަނި ކެނޑިގެން ނުދާނެ އެވެ.
މުދަލު ޒަކާތުގެ އިތުރުން އެހެން ޒަކާތެއް ވެސް ވެއެވެ. އެއީ ފިތުރު އީދު ދުވަހު އެމީހަކާއި އެމީހަކު ބަލަހައްޓަން ޖެހޭ ބައެއްގެ އެ ދުވަހުގެ ހަރަދުތަކަށް ވާ ވަރަށް ވުރެ އިތުރަށް އެއްޗެއް އޮންނަ ކޮންމެ މީހަކު އެ މީހަކާއި އެމީހަކު ބަލަހައްޓަން ޖެހޭ މީހުންގެ މަތިން ނެރެން ޖެހޭ ޒަކާތެކެވެ. މީގެ ބޭނުމަކީ އީދު ދުވަހު މުސްލިމުންގެ ތެރޭގައި ކައިބޮއެ ހަދާލާނެ ފުރުސަތު ނެތް އެކަކު ވެސް ނުބެހެއްޓުމެވެ.
ޒަކާތުގެ ގޮތުގައި ނަގާ މުދާ ބަހަން ޖެހެނީ ކަނޑައެޅިގެންވާ ވަކި ފަރާތްތަކަކަށެވެ. އެއީ ފަގީރުންނާއި މިސްކީނުންނާއި ޒަކާތް ނެގުމުގެ މަސައްކަތް ކުރާ އާމިލުންނާއި އަލަށް އިސްލާމްވާ މީހުންނާއި އަޅުން މިނިވަން ކުރުމާއި ދަރަނިވެރިންނާއި ﷲގެ މަގުގައި ޖިހާދު ކުރުމަށާއި ހާލުގައި ޖެހިފައިވާ ދަތުރު ވެރިންނަށެވެ. މި ހުރިހާ ފަރާތްތަކަކީވެސް މުޖުތަމައުގެ ގިންތި ތަކުގެ ތެރެއިން އެބަޔަކަށް ނުވަތަ އެކަމަކަށް ހޭދަކުރަން ކޮންމެހެން ބޭނުން ޖެހިފައިވާ ފަރާތްތައް ނުވަތަ ކަންކަމެވެ.
މުއްސަނދިންގެ މުއްސަނދިކަމުން އެންމެންނަށް މަންފާ ލިބިދީ އިޖުތިމާއީ އަދާލަތު ދެމެހެއްޓުމަށް އިސްލާމް ދީނުގައި ރޭވިފައިވާ އަނެއް މުހިންމު ކަމަކީ ސަދަގާތާއި ހެޔޮ ފޯރުވުމާއި ޚައިރާތުތައް ފަދަ ފަރުޟު ނޫން ކަންކަމެވެ. މިކަންކަން ފަރުޟު ނުވިޔަސް އިސްލާމް ދީނުގައި މި ކަންކަމަށް ވަރަށް ބޮޑަށް ބާރު އަޅާފައި ވެއެވެ. މިގޮތުން ސިއްރުގަޔާއި ފާޅުގައި ރޭގަނޑާއި ދުވާލު ހޭދަ ކުރާ މީހުންނަކީ ﷲގެ ހަޒްރަތުން އުޖޫރަ ލިބޭ ބައެއް ކަމުގައި ވެއެވެ. އަދި އެމީހުންނަށް ބިރުވެރިކަމެއް ހިތާމަ ކުރުމެއް ނުވެއެވެ. (އަލްބަޤަރާ 274)
ﷲގެ މަގުގައި ކުރާ އެންމެ ހޭދަ އަކީވެސް ސަތޭކަ އޮށް އެކުލެވޭ ހަތް ކުރާގަނޑު ނުކުތް ގަހެއްގެ އޮށެއް ފަދަ ކަމުގައި ބަޔާން ކުރައްވާފައި ވެއެވެ. (އަލްބަޤަރާ 261).
ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސްތަކުގެ އަލީގައި ބަލާއިރު ސަދަގާތަކީ ކުށްތަކާއި ފާފަތަކުގެ ކައްފާރާ އެކެވެ. މުސީބާތްތައް ދުރުކޮށްދޭ ކަމެކެވެ. ހެޔޮފޯރުވުމަކީ ހިތްތަކަށް ލިބޭ އަލިކަމެކެވެ. މޫނަށް ލިބޭ އުޖާލާ ކަމެކެވެ. މަސައްކަތަށް ލިބޭ ބާރެކެވެ. މިކަންކަން ހާސިލުވާނީ ހެޔޮ ގޮތުގައި ހޯދާ މުދަލުން ކުރާ ސަދަގާތުންނެވެ. އެކަލޭގެފާނު ހަދީސް ކުރައްވަނީ ހަރާމް ގޮތުގައި އަޅަކު ހޯދާ މުދަލުން ކުރާ ސަދަގާތް ބަލައި ނުގަނެވޭނެ ކަމަށެވެ. އެހެނީ "ﷲ ތަޢާލާ ނުބައި ކަމެއް ނުބައި ކަމަކުން ނުފުއްސަވައެވެ. އެކަމަކު ނުބައި ކަމެއް ފުއްސަވަނީ ހެޔޮ ކަމަކުންނެވެ." (އަޙުމަދު)
ސަދަގާތުގެ ގޮތުގައި ދޭ މުދާ ލިބެން ޖެހޭ ފަރާތްތަކުގެ ތެރެއިން އެއް ބަޔަކީ ގާތްތިމާގެ މީހުންނެވެ. ﷲ އަންގަވަނީ "ގާތްތިމާގެ މީހުންނަށް އެމީހުންގެ ހައްގުތައް ދޭށެވެ." އެވެ. (އަލްއިސްރާއު 26). ކީރިތި ރަސޫލާ ހަދީސް ކުރައްވަނީ "މިސްކީނަކަށް ސަދަގާތެއް ކުރުމަކީ ސަދަގާތެކެވެ. ރަހިމުގެ ގުޅުން އޮންނަ ފަރާތަކަށް ސަދަގާތެއް ކުރުމަކީ ސަދަގާތަކާއި ގުޅުން ވާސިލު ކުރުމެކެވެ." (އަޙުމަދު)
ސަދަގާތާއި ހެޔޮ ފޯރުވަން ޖެހޭ ދެވަނަ ބަޔަކީ އަވައްޓެރިންނެވެ. މާތް ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސް ކުރައްވާ ގޮތުގައި އަވައްޓެރިޔަކު ބަނޑުހައިކަން މަތީ ހުރެ ތިމާގެ ބަނޑު ފުރައިގެން ނިދައިފި މީހަކީ އެކަލޭގެފާނަށް އީމާންވީ މީހެއް ކަމުގައި ނުވާނެ އެވެ. (ބުޚާރީ އާއި މުސްލިމް). ތިން ވަނަ ބަޔަކީ ފަގީރުންނާއި މިސްކީނުންނާއި ހާލުގައި ޖެހިފައިވާ ދަތުރު ވެރިންނެވެ. އަލްއިސްރާއު ސޫރަތުގެ 26 ވަނަ އާޔަތުގައި މިފަދަ މީހުންނަށް ހޭދަ ކުރުމަށް އަމުރު ކުރައްވާފައި ވެއެވެ.
ހަތަރު ވަނަ ބަޔަކީ ޖުމްލަ ގޮތެއްގައި މުސްލިމު ޖަމާއަތެވެ. ޖަމާއަތަށް އެއިން މަންފާ ލިބެނިވި ކޮންމެ ކަމަކަށް މިގޮތުން ހޭދަ ކުރުމެވެ. މީގެ ތެރޭގައި ބަލިމީހުންނަށް ފަރުވާ ކޮށްދިނުމާއި ނުކުޅެދޭ މީހުންނަށް ހޭދަ ކުރުމާއި ޔަތީމުންނާއި އެކަނިވެރި މައިންގެ ތެރެއިން އެމީހުންގެ ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ނުކުޅެދޭ ފަރާތްތަކަށް އެހީވުމާއި މަދަރުސާތައް ބިނާ ކުރުމާއި ހަސްފަތާލުތައް އެޅުމާއި ކިޔަވާ ކުދިންނަށް ހޭދަކުރުން ފަދަ ކަންކަން ހިމެނެ އެވެ. މުޖުތަމައެއްގެ މުއްސަނދިކަމުން މި ގޮތްގޮތުގައި ހޭދަ ކުރެވެމުން ދާނަމަ އެކަމަކީ ބަނޑުހައި ހޫނު ކަމާއި ފަގީރުކަމާއި ބަލިމަޑުކަމާއި ޖާހިލުކަން މުޖުތަމައުން ނައްތާލުމަށް ކުރެވޭ ޖިހާދެއް ކަމުގައި ވެގެންދާނެ އެވެ.
ވީމާ ﷲ ދެއްވާ މުއްސަނދިކަމުން ހަމައެކަނި އެއްބަޔަކު މަންފާ ނަގައި އަނެއް ބަޔަކު ދަތި ހާލުގައި އުޅެން ނުޖެއްސުމަށްޓަކައި ޒަކާތް ދިނުމާއި ސަދަގާތް ކުރުމާއި ހެޔޮ ފޯރުވުން އިސްލާމީ މުޖުތަމައުގައި އޮންނަން ޖެހޭނެ އެވެ. އަދި ދައުލަތުގެ މުދަލުން ވެސް އަދުލުވެރި ގޮތުގައި މެނުވީ މަންފާ ހޯދުމަށް އެއްވެސް މީހަކަށް ދެވިގެން ނުވާނެ އެވެ. މި އުސޫލުތައް ދެމެހެއްޓޭ ނަމަ އިޖުތިމާއީ އަދާލަތު ގާއިމު ކުރެވޭނެ އެވެ. އަދި ހަސަދަވެރިކަމާއި ދެކޮޅުވެރިކަމާއި ބޮޑާކަމާއި ކިބުރުވެރިކަމާއި އިސްރާފު ކުރުން ފަދަ ނުބައި ސިފަތަކުން މުޖުތަމައު ސަލާމަތް ވުމަށް އެހީތެރިކަން ވެސް ލިބޭނެ އެވެ.