06 އެޕްރީލް 2017 - 08:33

ލަންޑަން (އޭޕްރިލް 6) – ވަރުގަދަ މެންޗެސްޓާ ސިޓީ އަތުން 2-1 އިން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ޗެލްސީން ހަތް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.
ޗެލްސީ 72 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި 65 ޕޮއިންޓާ އެކު ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ރޭ ސްވަންސީ ސިޓީ އަތުން ފަހު ވަގުތު 3-1 އިން މޮޅުވެފަ އެވެ. އަނެއްކޮޅުން ސިޓީ ބަލިވުމާ އެކު، ރޭ ބޯންމައުތާ 1-1 އިން އެއްވަރުވި ލިވަޕޫލް ވަނީ ތިން ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ލިވަޕޫލް 60 ޕޮއިންޓް ހޯދާފައިވާއިރު ސިޓީ އޮތީ 58 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.
ފަސް ވަނައިގައި 54 ޕޮއިންޓާ އެކު އޮތް އާސެނަލް ވަނީ ރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ފަސޭހަކަމާ އެކު 3-0 އިން މޮޅުވެފަ އެވެ.
މި ހަފުތާގައި ކްރިސްޓަލް ޕެލަސް އަތުން ބަލިވެ 10 ޕޮއިންޓުގެ ލީޑު ގެއްލިފައިވާތީ ރޭގެ މެޗަށް ޗެލްސީ ނުކުތީ ފައިނަލެއްގެ ގޮތުގައި ދެކިގެންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އެޑިން ހަޒާޑެވެ. އެކަމަކު 26 ވަނަ މިނެޓުގައި ސިޓީގެ ސާޖިއޯ އަގުއޭރޯ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. ޗެލްސީއަށް އަލުން ލީޑު ނަގައިދިނީ ވެސް 36 ވަނަ މިނެޓުގައި ހަޒާޑެވެ.
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ މި ބަލިކުރެވުނީ ލީގުގެ އެންމެ ވަރުގަދަ ޓީމު ކަމަށާއި އެހެންކަމުން އުފާވުން ހައްގު ކަމަށެވެ. އަދި މިފަދަ މެޗަކުން ސީޒަނުގެ މިފަދަ ވަގުތެއްގައި މޮޅުވުމަކީ ބޮޑު ކާމިޔާބެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.
"އަހަރެން ވެސް ވަރަށް ވަރުބަލިކޮށް ފެންނަނީ. ސަބަބަކީ އަހަންނަށް ވެސް ދަނޑުމަތީގައި ކުޅުންތެރިންނާ އެކު ކުޅުނު ކަމުގެ އިހުސާސްކުރެވޭތީ،" ކޮންޓޭ ބުންޏެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ބަލިވި ނަމަވެސް ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ކުޅުންތެރިން ދެއްކި ހިތްވަރާ މެދު ފަހުރުވެރިވާ ކަމަށެވެ.
ޗެލްސީއަށް އެންމެ ބޮޑު ފައިޓެއް ދެމުން އަންނަ ޓޮޓެންހަމް ރޭ މޮޅުވީ ކިރިޔާ އެވެ. ސްވަންސީގެ ވޭން ރޫޓްލެޖް 11 ވަނަ މިނެޓުގައި ލީޑު ނަގާފައިވަނިކޮށް ޓޮޓެންހަމަށް އެއްވަރުކޮށްދިނީ 88 ވަނަ މިނެޓުގައި ޑެލޭ އަލީ އެވެ. އެ ޓީމު މޮޅުވީ 90 ވަނަ މިނެޓުގައި ހެއުން-މިން ސޮން ޖަހައިދިން ގޯލުންނެވެ. އަދި އިތުރު ވަގުތުގެ ތެރޭ ކްރިސްޓިއަން އެރިކްސަން ވަނީ އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.
ލިވަޕޫލުގެ ދަނޑުގައި އެ ޓީމާއި ބޯންމައުތު ރޭ ކުޅުނު މެޗުގެ ހަތް ވަނަ މިނެޓުގައި ބޯންމައުތުގެ ބެނިކް އަފޯބޭ ވަނީ ލީޑު ނަގައިފަ އެވެ. ލިވަޕޫލް ފަހަތުން އަރައި ކުރި ހޯދީ ފިލިއްޕޭ ކޯޓީނީއޯ އާއި ޑިވޮކް އޮރީގީ ޖެހި ލަނޑުތަކުންނެވެ. ބޯންމައުތުން އެއްވަރުކުރީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖޯޝުއާ ކިންގް ޖެހި ލަނޑުންނެވެ.
އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އޭނާގެ ޓީމު ރޭ ވެސްޓް ހޭމް އަތުން މޮޅުވިއިރު ތިން ގޯލް ވެސް ފެނިގެން ދިޔައީ ދެ ވަނަ ހާފުގަ އެވެ. ލަނޑުތައް ޖަހައިދިނީ މެސުތު އޮޒިލް އާއި ތިއޯ ވޮލްކޮޓް އަދި އޮލިވާ ޖިރޯ އެވެ.